ފިނިޕޭޖް

ރޮއްވާލުމަށްފަހު ނަޒީހު ޝޯއާ ވަކިވެއްޖެ

މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ރައުންޑް ކަމަށްވާ ގާލާ ރައުންޑުގެ ތިންވަނަ ޝޯއިން ކ. މާފުއްޓަށް އުފަން ލަވަކިޔުންތެރިޔާ އަހުމަދު ނަޒީހް ކަޓައިފި އެވެ. ނަޒީހް ކަޓާފައިވަނީ ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކްސް އެއްކޮށްލުމުން އެންމެ ދަށް ނަތީޖާއެއް ލިބިގެންނެވެ.

އިއްޔެ ރޭ ނަޒީހް ހުށަހަޅައިދިނީ "ދެރިޔާ" އެންމެ އަސަރުގަދަ އެއް ލަވަ ކަމަށްވާ "މަގެ ލޯބި ދަރިފުޅާ" އެވެ. ނަޒީހް މި ލަވައަށް ޖަޖުންގެ ފަރާތުން ލިބުނީ އެހާ އެދެވޭ ކޮމެންޓްތަކެއް ނޫނެވެ. ނަމަވެސް ނަޒީހް ކުރިއަރަމުން އަންނަކަން ތިން ޖަޖުން ވެސް ފާހަގަކުރި އެވެ. މިރޭ ނަޒީހް ލަވަ ހުށަހަޅައިދީފައިވަނީ ފާތިމަތު އަޒްލީމާއާއެކު އެވެ. ހުށަހަޅައިދިނީ "ބުނެބަލަ ލަދުގަނެފަ އެރޭ" މި ލަވަ އެވެ.

"ވަރަށް އުފާވެއްޖެ މިހާ ހިސާބަށް އާދެވުނީމަ، ދުލެއް ނުކުރާނަން ލަވަ ކިޔުމެއް،" މިރޭގެ ޝޯގައި ނަޒީހް ބުންޏެވެ.

އަށާރަ އަހަރުގެ ނަޒީހް މީގެކުރިން އަވަސްއަށް ދިން އިންޓަވިއުގައި ބުނެފައިވަނީ، މިހާރު ވެސް މޯލްޑިވިއަން އައިޑޮލް ލިބިއްޖެ ކަމަށް އިހްސާސް ކުރެވޭ ކަމަށެވެ. އޭނާ ބުނީ މިހާ ހިސާބަށް އާދެވުމަކީ ޝޯ ކާމިޔާބުކުރެވުން ކަހަލަ ކަމެއް ކަމަށެވެ. އަދި ލަވަކިޔުމާ ދުރަކަށް ދެން ދުވަހަކު ވެސް ނުދާނެ ކަމަށް ބުންޏެވެ.

"ވަރަށް މަސައްކަތުން މިހާ ހިސާބަށް ވެސް މި އާދެވުނީ. މިހާރު އަޅުގަނޑުގެ ފޭން ބޭސްއެއް އެބައޮތް. އެހެންވީމަ ވާހަކަ އަކީ މީގެ އިން ކެޓިޔަސް އަޅުގަނޑުގެ މިއުޒިކް ލައިފް ނިމުނީކީއެއް ނޫން. އަޅުގަނޑުގެ ލަވަތައް އަޑުއަހަން ގިނަ ބަޔަކު ތިބޭނެދޯ،" ނަޒީހު ބުންޏެވެ.

"ކެޓިޔަސް މިއުޒިކް ކެރިއާއަށް މި އޮތީ ބޫސްޓެއް ލިބިފައި މޯލްޑިވިއަން އައިޑޮލްގެ ސަބަބުން."

ގާލާ ރައުންޑު ފެށުމާ އެކު މޯލިވިއަން އައިޑޮލް "ހޫނު" ގަދަވެފައިވާއިރު ބެލުންތެރިން އިތުރަށް ނޭވާ ހިފާޓާލާނެ ފަދަ ކަން ކަން ކުރިޔަށް އޮތް ކަމަށް ޕީއެސްއެމް އިން ބުނެ އެވެ. މިހާރުވެސް ގިނަ ދިވެހިންގެ ހިތް އަތުލާފައި ތިބި ނުވަ ބައިވެރިންގެ ތެރެއިން ފަހަރަކު ބައިވެރިޔެއް ކަޓާގެން ދާ އިރު ޝޯ ފިނި ކޮށްލައި ޖަޖުންގެ ގޮތުގައި ސެލެބްރިޓީޒް ވެސް ގާލާ ރައުންޑުގައި ކުރިއަށް ހުރި އެޕިސޯޑުތަކުން ފެންނާނެ އެވެ.

އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ގާލާ ރައުންޑްގެ ހަތަރުވަނަ ޝޯ ދައްކާނެއިރު ބެލުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ޝޯ ފެށުމާއެކު ހުޅުވިގެންދާނެ އެވެ. ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހަންދެން ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ.