މޯލްޑިވިއަން އައިޑޮލް

އެންޓެޓެއިނާ އަމާންގެ އަލްވަދާއު އެންމެން މަޖާކުރި ރެއަށް!

މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ރައުންޑް ކަމަށްވާ ގާލާ ރައުންޑުގެ ފަސްވަނަ ޝޯއިން ލަވަކިޔުންތެރިޔާ އިބްރާހިމް އަމާން ކަޓައިފި އެވެ. އަމާން ކަޓާފައިވަނީ ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކްސް އެއްކޮށްލުމުން އެންމެ ދަށް ނަތީޖާއެއް ލިބިގެންނެވެ.

އިއްޔެ ރޭ އަމާން ހުށަހަޅައިދިނީ، މެޒޯ މޯޑްގެ "ޖިސްމު ނެތިގެން" އެވެ. އަމާން މި ލަވައަށް ޖަޖުންގެ ފަރާތުން ލިބުނީ ގޯސް ކޮމެންޓްތަކެއް ނޫނެވެ. މިރޭ އަމާން ލަވަ ހުށަހަޅައިދީފައިވަނީ ސޯދިގުއާއެކު އެވެ. ހުށަހަޅައިދިނީ މަޖާ ލަވައެއް ކަމަށްވާ "ސާދިގާނާ" މި ލަވަ އެވެ.

"ފެށުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ޖެހެންދެން ވަރަށް އުފާވޭ، ވަރަށް ގިނަ އެއްޗެއް ދަސްވި، މިތާގަ އޮތް ޓެލެންޓް އަންބިލީވަބަލް، ހިތުން ފިލުވާލެވޭނެ އެއްވެސް ކަމެއް ނެތް،" މިރޭގެ ޝޯގައި އަމާން ބުންޏެވެ.

"އަސްލު ވަރަށް ބޮޑަށް ގަބޫލުކުރެވޭ (މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރެވިދާނެ ކަމަށް). އެގޮތަށް ގަބޫލުކުރެވޭ ސަބަބަކީ ފެށިއިރަކު ހިތަކަށް ނާރާ މިހާ ހިސާބަކަށް އަންނާނެ ކަމަކަށް. އެކަމަކު މިހާރު އެނގޭ މަސައްކަތްކޮށްފިއްޔާމު އަދި މިއަށްވުރެ ވެސް ކުރިއަށް ދެވިދާނެކަން." މީގެކުރިން އަވަސްއަށް ދިން އިންޓަވިއުއެއްގައި އަމާން ބުނެފައިވެ އެވެ.

މިދިޔަ ހަފުތާ "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުންނަށް ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ. މި ބާރަކީ ކޮންމެ ވަގުތެއްގައި ވެސް ޖަޖުންނަށް ބޭނުން ކުރެވޭނެ ބާރެކެވެ.

އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ގާލާ ރައުންޑްގެ ހަވަނަ ޝޯ ދައްކާނެއިރު ބެލުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ޝޯ ފެށުމާއެކު ހުޅުވިގެންދާނެ އެވެ. ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހަންދެން ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ. އަންނަ ހަފުތާ އޮންނަނީ ގަދަ ހަތެއްގެ ކުރިމަތިލުމެވެ.