މޯލްޑިވްސް ޕޮލިސް ސާވިސް

އުމުރުން 33 އަހަރު، 100 ފަހަރު ހައްޔަރުކޮށްފި

މީގެ ކުރިން 99 ފަހަރު ހައްޔަރުކޮށްފައިވާ މީހަކު މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ 100 ވަނަ ފަހަރަށް ހައްޔަރުކުރީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގަ އެވެ.

އޭނާ 15 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާއަކީ މި ބާވަތުގެ ކުށްތަކާއި އެހެނިހެން ކުށްތަކުގެ ރެކޯޑް ގިނަ އަދަދަކަށް އޮތް މީހެކެވެ.

އެގޮތުން 99 ފަހަރު ހައްޔަރުކޮށް، 39 ފަހަރު ބަންދަށް ބަދަލުކޮށްފައިވާކަން ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށް އަމުރުގައިވެ އެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ފަޓުލޫނު ޖީބުން އަތުކުރީ ހަތަރު ގަޑި އާއި ފޯނެއް ފެނިފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.

ދިފާއުގައި ތުހުމަތު ކުރެވޭ މީހާ ބުނެފައިވަނީ އެ ގެއަށް ވަނީ ރައްޓެއްސެއް ބުނެގެން ކަމަށެވެ. ފޯނަކީ މަގުމަތީގައި އޮތް ފޯނެއް ކަމަށާއި އެ ގެއަށް ވަނީ ވައްކަން ކުރަން ނޫން ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހާއަށް ވަނީ އަނިޔާތަކެއް ލިބިފަ އެވެ. އެހެންކަމުން މި އަނިޔާތަކަށް ބޭސްފަރުވާ ކުރުމުގެ އިންތިޒާމް ހަމަޖައްސަން ފަނޑިޔާރު ވަނީ އަންގަވައިފަ އެވެ.