އައްޑޫ ސިޓީ

ސެކަންޑް ހޭންޑް ވެހިކަލް ބޭރުކުރެވޭނެ ވަސީލަތް އައްޑޫގައި ގާއިމުކުރަނީ

ސެކަންޑް ހޭންޑް ވެހިކަލް އެކްސްޕޯޓް ކުރެވޭނެ ވަސީލަތް އައްޑޫސިޓީ ޕޯޓުގައި ގާއިމުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެެ އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި އައްޑޫ ޕޯޓު ސަރަހައްދު ހިއްކާ ބޮޑުކޮށް ފްރީޒޯން ހަދައި ރޯރޯ ޓާމިނަލް -- ވެހިކަލް އެސެމްބަލް ތަނަކާއި އިންޓަނޭޝަނަލް ސީފުޑް ހަބެއް ތަރައްގީކުރުމަކީ އެމްޕީއެލްގެ ވިސްނުމެކެވެ.

އާމްދަނީ ލިބޭނީ ހަރަކާތްތަކެއް ހިންގައިގެންކަން ވަޖީހު ވަނީ ފާހަގަކުރައްވާފަ އެވެ.

ސެކަންޑް ހޭންޑް ވެހިކަލް ފޯރުކޮށްދޭ މާކެޓްތަކުން ވެހިކަލް ގެނެސް އައްޑޫސިޓީގައި އެ އެސެމްބަލްކޮށް މާކެޓްތަކަށް ފޯރުކޮށްދިނުުގެ ވަސީލަތް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

ސެކަން ހޭންޑް ވެހިކަލްއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ޑިމާންޑް ބޮޑު އެއްޗެކެވެ.

އެ ގޮތުން އެފްރިކާގެ މާކެޓުތަކުގައި ސެކަންޑް ހޭންޑް ވެހިކަލްގެ 20 ބިލިއަން ޑޮލަރުގެ ވެހިކަލް ބޭނުންކުރާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

އައްޑޫ ޕޯޓު ތަރައްގީކޮށް ހިދުމަތްތަކެއް ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެމްޕީއެލް އިން ބުނެފައިވާއިރު ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށުމަށްވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.