މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލަކަށް ވަދެ ޓީޗަރަށް ބިރު ދެއްކި މީހާއަށް ދައުވާކުރަނީ

ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށް އޭނާގެ ބަންދު އަމުރު ރިޕޯޓުގައި ބުނެފި އެވެ.

ސްކޫލަކަށް ވަދެ ޓީޗަރަށް ބިރު ދެއްކި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ކަނޑޫގެ، އަލީ އަހްމަދު އެވެ.

އޭނާ ހައްޔަރުކޮށްފައި ހުންނަތާ މިހާރު ދެ މަހެއްހާ ދުވަސްވެއްޖެ އެވެ.

އަލީ އަހްމަދުގެ ބަންދުގެ މުއްދަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ދުވަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހި އެވެ. ކުރިން އަލީ އަހްމަދު ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށް އެއް ފަހަރު 30 ދުވަސް، އަދި އަނެއް ފަހަރު 10 ދުވަސް ޖެހި އެވެ.

އަލީ އަހްމަދުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ސްކޫލަކަށް ވަދެ، އަޑު ގަދަކޮށް ޓީޗަރުންނަށް ބިރު ދެއްކި ކަމަށް އެ ސްކޫލުގެ މުވައްޒަފުން ބުނެފައިވެ އެވެ. އެހެންނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް އެނގިފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެޑިޔުކޭޝަން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަލީ އަހްމަދަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑްތައް އޮންނަ މީހެކެވެ. ރިޕޯޓްތަކުން އެނގޭ ގޮތުގައި 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.