ރައްޔިތުން ބޭނުންވާ އެންމެ މޮޅު ފަރުވާ ދޭނީ މި ސަރުކާރުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، އައިޖީއެމްއެޗްގައި އަޅާ އާ އިމާރާތުގައި ރިހަބިލިޓޭޝަން ސެންޓަރެއް ގާއިމުކޮށް އެ ސެންޓަރު ހިންގުމަށް މި ސަރަހައްދުގެ މޮޅު ބަޔަކަށް ހަވާލުކުރާނެ ކަމަށެވެ.
ސުނާމީ ބިނާ މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އައިޖީއެމްއެޗް ސަރަހައްދަކީ ރިހެބިލިޓޭޝަން ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގައި ގާއިމުކުރާ 25 ބުރީގެ އިމާރާތާއެކު އެ ސަރަހައްދު އެއްކޮށް ބަދަލުވެގެންދާނެ ކަމަށެވެ.
"ރައްޔިތުންނަކީ ހަމައެކަނި ހޮސްޕިޓަލުގެ ފަރުވާކުރާ މޭޒު ދޮށުން ގޮސް ފަރުވާ ހޯދާ ބައެއްގެ ބަދަލުގައި އެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލާއި ހެބިޓްތަކަށް ގެންނަ ބަދަލުތަކާއި އަދި އެމީހުން ނޭވާލާ މާހައުލަށް އަންނަ ބަދަލުގެ ސަބަބުން އެތަކެއް ބައްޔަށް ޑޮކްޓަރުންގެ މޭޒު ދޮށަށް ނުގޮސް ފަރުވާ ލިބޭނެ ގޮތް ހަދައިދިނުމަކީ އަމާޒެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައިޖީއެމްއެޗް ތަރައްގީވެގެންދާއިރު އެ ހޮސްޕިޓަލަކީ ސަރަހައްދީ ގޮތުން ފެންވަރު ރަނގަޅު ހޮސްޕިޓަަލަކަށް ހަދާނެ ކަމަށެވެ. އަދި ހޮސްޕިޓަލް ހިމެނޭ ސަރަހައްދު ރިހަބިލިޓޭޝަން ސަރަހައްދަކަށް ހެދުމަށް އެ ސަރަހައްދުގައި ޕާކްތައް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވި އެވެ. މިހާރު ވެސް އެ ސަރަހައްދުގައި ރާވެރިބޭ މައިޒާން، ރަސްފަންނު އަދި ސުނާމީ ބިނާ މައިޒާން ވަނީ ތަރައްގީކޮށް ހުޅުވާފަ އެވެ. އަދި ރަސްފަންނާއި ސުނާމީ ބިނާ މައިޒާނާ ދެމެދު 700 މީޓަރުގެ ޖޮގިން ޓްރެކެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިރޭ ވަނީ އިއުލާންކޮށްފަ އެވެ.
ރައީސް ވިދާޅުވީ ހޮސްޕިޓަލްގެ އެކި ޑިޕާޓްމެންތައް ހަވާލުކުރާނީ ބޭރުގެ އެކިއެކި ފަރާތްތަކަށް ކަމަށާއި ސަރުކާރުން އެކަނި ކުރަންވެއްޖެނަމަ ރައްޔިތުން ބޭނުންވާ ފެންވަރުގެ ހިދުމަތެއް ނުދެވޭނެ ކަމަށެވެ.
"މިހާރު ވެސް ރިހަބިލިޓޭޝަން ތަރައްގީއަށް ޔޫރަޕްގެ ވަރަށް ފުންނާބު އުސް ފަރާތަކުން ވަނީ ހުށަހެޅުމެއް ހުށަހަޅާފައި،" ރައީސް ވިދާޅުވި އެވެ.