ބޯހިޔާވަހިކަން

އަހަރު ދުވަސްތެރޭ ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭން ގެދޮރު ހަމަޖެހޭނެ: ރައީސް

މިދިއަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހުއްޓިފައި އޮތް، ދިވެހި ފުލުހުންނާއި ސިފައިން ގެދޮރުވެރިކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސުނާމީ ބިނާ މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ހަމަޖެހިގެން އުޅެވެނީ ސިފައިންނާއި ފުލުހުންގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި އެހެންކަމުން ސިފައިންނާއި ފުލުހުންނަށް ދަތިވާ ކަންކަމަކީ މުޅި ރައްޔިތުންނަށް ވެސް ދަތިވާ ކަންކަން ކަމަށެވެ.

"ސިފައިންނާއި ފުލުހުންނަކީ ޔުނީފޯމްގައި ތިބި ނަމަވެސް ހަމަ ދިވެހި ރައްޔިތުން، ސިފައިންނާއި ފުލުހުންގެ ތެރޭގައި އެންމެ ބޮޑަށް ހުރި މައްސަލައިގެ ތެރޭގައި މީގެ ކުރީގެ ސަރުކާރުތަކުން ވެސް އެކި ފެންވަރުން ހައްލު ކޮށްދެމުން އައީ ހައުސިން މައްސަލަ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އެކަން ހައްލުކުރަން އުޅެ ވަނީ ހައްލު ނުވެފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

"ދައުލަތުން ވަސީލަތްތަކެއް ތަނަވަސްކޮށްދިން ނަމަވެސް އެދެވިގެންވާ ގޮތެއްގައި އެކަމެއް ކުރިއަކަށް ނުދޭ، އިރާދަކުރެއްވިއްޔާ އަނެއްކާވެސް އެ މަޝްރޫއު އަލުން ވަރަށް އަވަހަށް ފެށޭނެ، އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ސިފައިންނާއި ފުލުހުން ބޭނުންވާ ހައުސިން އިރާދަކުރެއްވިއްޔާ ހުޅުމާލޭގައި ހަމަޖެހިގެންދާނެ ކަމަށް،"

ރައީސް ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ ތެރެއިން ގެދޮރުވެރިކަން ލިބޭ ފަރާތްތަކަށް އަތްފޯރާވަރުގެ އަގެއްގައި އެ ގެދޮރުތައް ލިބޭނެ ގޮތަށް ހަރަދުތައް ކަނޑައެޅިގެންދާ ކަމަށެވެ. ހުޅުމާލޭގައި ގެދޮރުވެރިކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ސިފައިންނާއި ފުލުހުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ދިގު އިންތިޒާރުތަކަށްފަހު މީގެ ފަސް އަހަރު ތެރޭގައި ސިފައިންނާއި ފުލުހުން އިންތިޒާރުކުރަމުންދިޔަ ހައުސިން އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އަޅުގަނޑަށް ކަށަވަރު ކުރެވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.