ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ދައްކައިފި އެވެ.
ސުކޫކު ކޫޕަން ޕޭމަންޓަކީ ސުކޫކުގެ އަގުގެ ވަކި އިންސައްތައެއް އެ ސުކޫކު ދޫކުރި ފަރާތަށް ދެއްކުމެވެ. މި ކޫޕަން ޕޭމަންޓް އަހަރަކު އެއްފަހަރު ނުވަތަ ދައްކަންޖެހޭ ގޮތަށް ސުކޫކު ދޫކުރެ އެވެ.
މި ފައިސާ ދައްކާފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކުރީ މިއަދު އެވެ. މިއީ މާދަމާގެ ނިޔަލަށް ދައްކަންޖެހޭ ފައިސާއެކެވެ.
ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ކޫޕަން ޕޭމަންޓްގެ ފުރަތަމަ ޕޭމަންޓް މިއަހަރުގެ މާޗް މަހު ދައްކާފައިވާކަން ހާމަކޮށްފަ އެވެ.
މި ސުކޫކު އެއްކޮށް ދައްކަން ޖެހެނީ 2026 ވަނަ އަހަރު އެވެ.
ސުކޫކުގެ ކޫޕަން ޕޭމަންޓް މިމަހު ދައްކާފައިވާއިރު 2025 ވަނަ އަހަރު ކޫޕަން ޕޭމަންޓްގެ ގޮތުގައި 50 މިލިއަން ޑޮލަރު އަދި 2026 ވަނަ އަހަރު ކޫޕަން ޕޭމަންޓްގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.
އެ މިނިސްޓްރީން ބުނީ ދައްކަންޖެހޭ ފައިސާ ދެއްކުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށާއި މި ސުކޫކުގެ ކޫޕަން ޕޭމަންޓް ދެއްކުމުގެ މުއްދަތުގެ ތެރޭގައި ދެއްކުމަކީ އެކަން އިންވެސްޓަރުންނަށް ހާމަކޮށްދޭ ކަމެއް ކަމަށެވެ.