ރާއްޖެއިން މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި އެކްސްޕޯޓުކުރި މުދަލުގެ އަގު މިދިޔަ އަހަަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓްގެ ނިޔަލަށް ރާއްޖެއިން ވަނީ 266.5 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 280 މިލިއަން ޑޮލަރުގަ އެވެ.
ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ ކަނޑުމަހާއި މަހުގެ އުފެއްދުންތަކެވެ. މަހުގެ އެކްސްޕޯޓްވެސް ވަނީ 2023 ވަނަ އަހަރާއި އަޅާބަލާއިރު މި އަހަރު ދަށަށް ގޮސްފަ އެވެ.
އެ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓްގެ ނިޔަލަށް އެކްސްޕޯޓްކޮށްފައިވާ ކަނޑުމަހުގެ އުފެއްދުންތަކުގެ އަގަކީ 59.5 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 108.5 މިލިއަން ޑޮލަރުގެ ކަނޑުމަހުގެ އުފެއްދުން އެކްސްޕޯޓްކޮށްފައިވެ އެވެ.
މަހުގެ އެކްސްޕޯޓް ދަށްވި ނަމަވެސް ރި-އެކްސްޕޯޓް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓްގެ ނިޔަލަށް 199.8 މިލިއަން ޑޮލަރުގެ މުދާ ރި-އެކްސްޕޯޓްކޮށްފައިވާއިރު މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 163.8 މިލިއަން ޑޮލަރުގަ އެވެ.
އެ ގޮތުން މި އަހަރު 146.9 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް ވިއްކާފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ވިއްކީ 124.2 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް އެވެ.