ރާއްޖޭގައި މިހާރު ގިނައީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ސައިބާ ކުށްތައް ކަމަށާއި އެފަދަ ކުށްތަކަށް ހޭލުންތެރިވާންޖެހޭ ކަމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރައޫފުއްދީން ސައިދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ފުލުހުންގެ ޗީފް އިންސްޕެކްޓާ މުހައްމަދު ފަޔާޒު ވިދާޅުވީ އޮކްޓޫބަރު މަހަކީ އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައި ފާހަގަކުރާ މަސް ކަމަށާއި މި މަހުގެ ތެރޭގައި ސައިބާ ކްރައިމްއަށް މީހުން ހޭލުންތެރިކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމުތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.
ފަޔާޒް ވިދާޅުވީ މިހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން ސޯޝަލްމީޑިއާގައިވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފޭސްބުކް، ޓިކްޓޮކް، އިންސްޓަގްރާމް އަދި ޔޫޓިއުބްގައި ހާއްސަ ޗެނަލެއް ލޯންޗުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
ފަޔާޒު ވިދާޅުވީ މި ހަރަކާތްތަކުގެ އިތުރުން މި މަހު 20 ވަނަ ދުވަހު ފުލުހުންގެ އިދާރާތައް ހުރި ރާއްޖޭގެ ހުރިހާ ރަށެއްގައި އަދި ހުޅުމާލެ ހިޔާ ސަރަހައްދުގައިވެސް މިކަމަށް ހާއްސަ ބޫތުތަކެއް ބަހައްޓައިގެން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރައޫފުއްދީން ސައީދު ވިދާޅުވީ ރާއްޖޭގައި މިހާރު ސައިބާ ކްރައިމް އޮތް ހާލަތު ގޮތުން އެންމެ މަހެއްގައި ކޮށްލާ މަސައްކަތުން އެކަށީގެންވާ ހޭލުންތެރިކަމާއި ނަތީޖާ ނުލިބޭނެ ކަމަށެވެ.
"މިފަދަ ކުށްތައް ހުއްޓުވުމަށް ފަރުދީ ގޮތުންނާއި ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ،" ރައޫފުއްދީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައިބާ ކްރައިމް އިތުރުވަނީ ކޮންމެ މީހަކުވެސް އެ މީހެއްގެ އަމިއްލަ ތަކެއްޗަށް ރައްކާތެރި ނުވެވޭތީ ކަމަށާއި އޭގެ ސަބަބުން ކޮންމެވެސް ހިސާބަކުން ގެއްލުމެއް ލިބުމުގެ ފުރުސަތުވެސް ބޮޑުވާ ކަމަށެވެ.
ރައޫފުއްދީން އިތުރަށް ވިދާޅުވީ ސައިބާ ކްރައިމް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އެކަމާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާރުވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލުތަކެއްގެ ތެރެއަށް ސައިބާ ކްރައިމް މައްސަލަތައް އިތުރުކޮށް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުތައް ގެނައުމާއި، ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން މައުލޫމާތު ހޯދުމާއި، ރާއްޖެއިން ބޭރުން މައުލޫމާތު ހޯދުމާއި، ހެކި ކަލެކްޓުކުރުން ފަދަ ކަންކަމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް ރައޫފުއްދީން ވިދާޅުވި އެވެ.