ހައިކޯޓް

ކުޑަ ކުއްޖާއާ ބެހުނު އުމުރުން ދުވަސްވީ މީހާ 15 އަހަރަށް ޖަލަށް

ކުޑަ އަންހެން ކުއްޖަކާ އެކި ފަހަރު މަތިން ބެހުނު، އުމުރުން ދުވަސްވީ މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ މާލޭން ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު، އެކި ފަހަރު މަތިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެކެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން މިދިޔަ ހަފްތާގައި އޮތީ ކަނޑައަޅާފަ އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވީ މިއަދު އެވެ.

މި މައްސަލައަކީ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އެކެވެ. ދަށު ކޯޓުން ކުށް ސާބިތު ނުވެ ދޫކޮށްލާފައި ހުރި ދުވަސްވީ މި މީހާގެ މައްޗަށް ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަކު މި މައްސަލައިގައި ކުރިން އޭނާ ބަންދުކޮށްފައި ހުރި 10 މަހާއި 20 ދުވަސް އުނިކުރުމުން އެ މީހާ ދެން ޖަލުގައި ހޭދަކުރަން ޖެހޭނީ 14 އަހަރާއި އެއް މަހާއި 10 ދުވަހެވެ.

މި މައްސަލައަކީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މައްސަލައެއް ނޫން ކަމުން މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ.

މައްސަލައިގައި ކުށް ސާބިތުވީ މީހާގެ ވަނަވަރު އެނގުނު ނަމަވެސް އެ ވަނަވަރު ހަބަރުގައި ހިމަނާފައި ނުވަނީ އަނިޔާ ލިބުނު ކުޑަ ކުއްޖާގެ މަސްލަހަތު ރައްކާތެރި ކުރުމަށެވެ.