މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ "އޮޕަރޭޝަން ފޭކް ސްލިޕް" ފަށައިފި

ސައްހަ ނޫން، ބެންކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ހިދުމަތް ހޯދުން ހުއްޓުވުމަށާއި، ވިޔަފާރި މުއާމަލާތްތަކުގައި އެންމެ އެކަށޭނަ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމަށް "އޮޕަރޭޝަން ފޭކް ސްލިޕް"ގެ ނަމުގައި ހާއްސަ ހަރަކާތެއް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ކުރިއަށް ގެންދާ މި ހަރަކާތް ފެށުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އާއި ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް ބައިވެރިވި އެވެ.

އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ކޮލެޖްތަކުގެ ވޮލަންޓިއަރުންވެސް މި ހަރަކާތުގައި މިއަދު ބައިވެރިވެފައިވެ އެވެ.

ފުލުހުން ބުނީ މި ހަރަކާތަކީ އެންޓި-ސްކޭމް ސެންޓަރުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އެގޮތުން މިމަސް ހާއްސަކޮށްފައިވަނީ ސައްހަ ނޫން ސްލިޕް ދެނެގަނެ ހޭލުންތެރިކުރުވުމަށް ކަމަށްވެސް ބުންޏެެވެ. އަދި މި މަސް ނިމޭއިރު، މާލެ ސަރަހައްދުގެ ހުރިހާ ފިހާރައަކާއި ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދޭނެ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މި ހަރަކާތުގައި، ހިދުމަތް ހޯދުމަށްފަހު ސައްހަ ނޫން، ބެންކު ޓްރާންސްފާ ސްލިޕް ހުށަހަޅާ ކަސްޓަމަރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބެލުމާއި، ބެންކު ޓްރާންސްފާ މެދުވެރިކޮށް ވިޔަފާރިކުރަނީ ކިހާވަރަކަށްތޯ ދެނެގަނެ ހޭލުންތެރިކުރުވުމަށް މައުލޫމާތުދޭނެ ކަމަށެވެ. އަދި ސައްހަކަން ކަށަވަރުކުރުމަށް ބެންކު ސްޓޭޓްމަންޓް ޗެކްކުރުން، މުއާމަލާތުގެ ރިފަރެންސް ބެލުން ފަދަ ކަންކަން ދެނެގަތުމާއި، ސައްހަ ސްލިޕާއި ޝައްކުވާ ޓްރާންސްފާ ސްލިޕްތައް ދެނެގަތުމަށް އަހުލުވެރިވެފައިވޭތޯ ބަލައި އިތުރަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދޭނެ ކަމަށެވެ.

މީގެއިތުރުން ހިދުމަތް ހޯދައި ނުވަތަ މުދާ ވިއްކައި، ތަކެތި ދޫކުރުމުގެ ކުރިން ފައިސާ ދެއްކިކަން ޔަގީންކުރުމަށް ބެންކުގެ ރަސްމީ އެޕްލިކޭޝަން، އެސްއެމްއެސް ނުވަތަ އީމެއިލް ބޭނުންކުރޭތޯ ބެލުންވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އަދި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ސައްހަ ނޫން ނުވަތަ ލަސްވާ، ބެންކް ޓްރާންސްފާތަކާ ގުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވޭތޯ ބަލައި ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށްވެސް ނިންމާފައިވެ އެވެ. އަދި މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ދިމާވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ އަމަލުކުރާނެެ ގޮތާއި މިފަދަ ކަމެއް ދިމާވެއްޖެނަމަ މީހާގެ ސިފަތައް ދެނެގަތުމުގެ މުހިއްމު ކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.