ހައިކޯޓް

ނާޒިމްގެ ޖަލު ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފި އެވެ. ދަށު ކޯޓުން ނާޒިމްގެ މައްޗަށް ހުކުންކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ މައްޗަށް ޝަރީއަތް ހިންގައި ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ދަށު ކޯޓުން ނާޒިމްގެ މައްޗަށް ޖަލު ހުކުމެއް ކުރީ މާޗް 27، 2015 އިގަ އެވެ. އެ ހުކުމާމެދު ހިތްހަމަ ނުޖެހޭތީ ނާޒިމްގެ ފަރާތްޕުޅުން ހައި ކޯޓްގައި އިސްތިއުނާފު ކުރުމުން ޝަރީއަތް އަލުން ބެލުމަށްފަހު ބެންޗުން ނިންމީ ދަށު ކޯޓްގެ ހުކުމް ރަނގަޅު ކަމަށެވެ.

"ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމް އިސްތިއުނާފުކުރުމަށް މ. ސީނުކަރަންކާގެ/ މުހައްމަދު ނާޒިމުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއްނެތް ކަމަށް މި ގަޒިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުގުން ކަނޑައަޅައި އެގޮތުގެމަތިން ހުކުމްކޮށްފީމެވެ،" ހައިކޯޓުން އިއްވި ހުކުމުގައިވެ އެވެ.

ދަށު ކޯޓުން ނާޒިމަށް ހުކުމް އިއްވި އިރު ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ.

ހައިކޯޓުން ކުރި ހުކުމް ކުރި ހުކުމްގައި ބުނެފައިވަނީ ނާޒިމުގެ ހިޔާޒަތުގެ ދަށުގައި ހަނގުރާމަވެރި ހަތިޔާރު ހުއްޓާ ފެނުމުގެ ކުށުގައި އުފުލިފައިވާ ދައުވާއެއް ކަމުގައިވާއިރު، މި މައްސަލާގައި ދައުލަތުން ސާބިތުކޮށް ދޭންޖެހެނީ، ނާޒިމް ދިރިއުޅޭ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނުކަމާއި، އެހަތިޔާރު ގެންގުޅުން ނުވަތަ ބެހެއްޓުން ގާނޫނުން މަނާކޮށްފައިވުންކަން ކަމާއި، މިބާވަތުގެ މައްސަލަތަކަކީ މުތްލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ޒާތުގެ ކުށެއްކަމުން ހަނގުރާމަވެރި ހަތިޔާރު ނާޒިމްގެ ހިޔާޒަތުގެ ދަށަށް އައިގޮތެއް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ނާޒިމް ކަމާއި، މި ހާލަތުގައި މިތަކެތި ނާޒިމުގެ ހިޔާޒަތުގެ ދަށަށް އައިގޮތެއް އަދި މިތަކެތީގެ ޒިންމާ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އުފުލަންޖެހޭ އެހެން ފަރާތެއް ނާޒިމަށް ނުދެއްކޭހާ ހިނދަކު، އެތަކެއްޗާއި މެދު ޝަރީއަތާއި ގާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވެ، ޒިންމާ އުފުލަ ންޖެހޭ ފަރާތަކީ، މިތަކެތި އެމީހެއްގެ ހިޔާޒަތުގެ ތެރެއިން ފެނުނު މީހާ ކަމަށެވެ.

މިމައްސަލައާއި އެކު ހުށަހެޅުނު ހެކިތަކުގެ މައްޗަށް ބެލުމުން، ނާޒިމް ދިރިއުޅޭ ގޭގެ އެޕާޓްމަންޓުން ނާޒިމް ނިދާކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނުކަން އެނގެން އޮތްއިރު، އެކަމާއި މެދު އެއްވެސް ހިލާފެއްނެތްކަން އެނގޭ ކަމަށް ވެސް ހުކުމްގައިވެ އެވެ.

"މިހެންކަމުން، މިމައްސަލައިގައި ހުށަހެޅުނު ހެކި ގަރީނާތަކުގެ މައްޗަށް ރިއާޔަތްކުރުމުން، މިހަތިޔާރު ނާޒިމްގެ އަތުން ފެނިފައިވުމާއި، މި ހަތިޔާރާއި އެހެން މީހަކާއި ގުޅުވޭނެ އެއްވެސް ހެއްކެއް ފެންނަން ނެތުމާއި އަދި އެތަކެތީގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައިނުވުމުން، ދައުލަތުގެ ފަރާތުން ނާޒިމްގެ މައްޗަށް ކޮށްފައިވާ ދައުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑު، އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތު ވާކަން އެނގޭކަމެވެ." ހުކުމްގައިވެ އެވެ.

ނާޒިމްގެ މައްޗަށް އެ ދައުވާ ކުރީ ޖެނުއަރީ 18، 2015 ގެ ރޭގެ ދަންވަރު ފުލުހުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ، ބަލައި ފާސްކުރުމުގެ ތެރޭގައި ފިސްތޯލަކާއި ތިން ވަޒަނާއި މެގަޒިނެއްގެ އިތުރުން އަައިއީޑީއެއް ފެނިގެނެވެ.