ގޮވާ ގޮވާ ގޮސް ކަރުގެ ނާރުތައް ދުޅަވާއިރު ވެސް ދަރިފުޅު ކަހާތަން ހިރުވާ ވެސް ނުލާ އަމިއްލަ މަސައްކަތާއި ސަކަރާތުގައި އުޅޭނަމަ އެކަމާ މެދު ސީރިއަސްކޮށް ވިސްނާލަންޖެހެ އެވެ. ދައްކާ ވާހަކައަށް ދަރިފުޅުގެ ފަރާތުން ކުޑަވެސް ޖަވާބެއް ނައުމަކީ ރުޅި އާދެވިދާނެ ކަމެކެވެ. ބައެއް ފަހަރު ދުވާލު ހަތަރުދަމު ގޭތެރޭ މަސައްކަތަކުން އަވައްޖެއް ނުވެގެން އުޅެނިކޮށް ދަރިފުޅުގެ ފަހަތުން ދުވެ ދުވެ ހުންނަން ޖެހުމުން ބޮލުން ދުން އަރާ ހިސާބަށް ވެސް ގޮސްދާނެ އެވެ. އެކަމަކު ދަރިފުޅު ފަހަތުން އިލޮށިފަތި ހިފައިގެން ދުއްވައިގަންނާކަށް އަދި ނުވެއެވެ.
އާންމުކޮށް މީހުން ދައްކާ ވާހަކަޔަށް އަޅާލުމެެއްނެތި އާދަޔާ ހިލާފަށް ހަލަނިކޮށް އުޅޭ ކުދިންނަކީ އުފެދުމުގައި "އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ" ނުވަތަ ވަށައިގެން ހިނގާ ކަންކަމަށް އިސްކަން ދީ، އިޖާބަދިނުމަށް ދަތި ކުރިމަތިވާ ކުދިންނެވެ. ގިނަ ފަހަރަށް އެފަދަ ކުދިންގެ އެ އާދައަކީ ވަކި އުމުރަކަށް ދިޔުމުން ރަނގަޅުވާ ކަމެކެވެ. އަނެއްބައި ކުދިންނަކީ ފަރުވާ ކުރެވެންދެން ލޯތްބާއެކު ބޭސްކުރަންޖެހޭ ކުދިންނެވެ. ދަރިފުޅަކީ އޭޑީއެޗްއޭޑީ އަށް ޕޮޒިޓިވް ކުއްޖެއް ނަމަ، މައެއް ނުވަތަ ބަފައެއްގެ ހައިސިއްޔަތުން އެ މީހެއްގެ ބޮލަށް ޔަގީނަށް ވެސް އެ އިތުރުވަނީ ޑަބަލް ޒިންމާއެކެވެ. ސަބަބަކީ އޭޑީއެޗްއޭޑީ ކުއްޖަކު ބަލާ މީހަކު އެންމެ ފުރަތަމަ ދަސްކުރަން ޖެހޭނީ ކެތްތެރިވާށެވެ. ވީމާ ދަރިފުޅުގެ ކިބައިން އެފަދަ ކަމެއް ޑޮކްޓަރު ފާހަގަކުރިއަސް އުންމީދު ކަނޑައިނުލާށެވެ. ދިރިއުޅުމުގައި ދެރަ ކަންކަމާ ދިމާވާނެ އެވެ. އެފަދަ ކަންކަމަކީ އިމްތިހާނެއް ކަމަށް ހިތައިގެން ކެތްތެރިކަމާ އެކު ކުރިއަށް ދިއުމުން ކާމިޔާބު ލިބޭނެ އެވެ.
ސިއްހީ ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އޭޑީއެޗްއޭޑީ އަށް އޮތް ހަމަ އެކަނި ހައްލަކީ ޑޮކްޓްރީ ފަރުވާ އެއް ނޫނެވެ. އަމިއްލަ ދިރިއުޅުމާއި ދަރިފުޅުގެ ދިރިއުޅުމަށް ގެންނަ ބައެއް ބަދަލުތަކުން ވެސް އެފަދަ ކުދިން ހަމަޔަކަށް އެޅުވިދާނެ އެވެ. އެހެންވީމާ މާޔޫސްވެ މޯޅިވެގެން އަދި ވާކަށް ނެތެއް ނޫންހެއްޔެވެ؟ ނިކަން ހިތްވަރެއް ލާފައި ތެދުވެ ދަރިފުޅުގެ ލޮބުވެތި ޑޮކްޓަރަށް ވާން މަސައްކަތެއް ކޮށްލަބަލާށެވެ.
އަބަދު ހިނގާ އިންޖީނަކަށް އާދައިގެ ސާފުތެޔޮ ކަމުދާނެ ހެއްޔެވެ. ޖަވާބަކީ ނޫނެކޭ ނަމަ ދަރިފުޅާ މެދު ކުޑަކޮށް ވިސްނާލާށެވެ. ތިބާގެ ބަލި ދަރިފުޅު އަބަދު ކޮންމެވެސް ކަމެއްގައި ވަރު އަރުވާލާފައި އުޅޭއިރު ލައްކަ ހަކަތައެއް އެފަކީރު ގައިން ހުސްވާނެ އެވެ. އެކަމަކު ދަރިފުޅު އައިސް ބަނޑުހައިވާ ވާހަކައެއް ނުބުނާނެއެވެ. ހާއްސަކޮށް އޭޑީއެޗްއޭޑީ ކުދިންނަކީ އުނދަގުލުން ކާ ކުދިންނެވެ. އެހެންވީމަ ކާން ދޭ ވަގުތު ކޮޅުގައި ކޮލިޓީ ކާއެއްޗެއް ދަރިފުޅަށް ދޭން މަސައްކަތް ކުރާށެވެ. ކޮލިޓީ މި މާނަކުރީ އަގުބޮޑު ޕެކެޓްތަކަށް ނޫނެވެ. 80 ޕަސެންޓް ރޯ ކާއެއްޗެހި؛ އެކި ކަހަލަ ސެލެޑް އާއި ފިޔާ އަދި ލޮނުމެދު ހިމެނޭ ކާނާ ދަރިފުޅަށް ދެވޭތޯ ބަލާށެވެ. އެފަދަ ކާއެއްޗިހިން ދަރިފުޅުގެ ހަށިގަނޑު ތާޒާކޮށްދޭނެ އެވެ.
ދަރިފުޅު ގޭގައި އަބަދު ސަކަރާތް ޖަހާތީ ބޭރަށް ކުޅެން ގެންދިއުން މުހިއްމު ނޫންކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ އެހެން ވެއްޖިއްޔާ ދަރިފުޅުގެ ކުރިމަތީގައި އަމިއްލަޔަށް ކަރުގައި ތި އަޅުވަނީ "ހިޓްލަރު" ބޯޑެވެ. ތިހާ ހަރުކަށި ނުވާށެވެ. ދަރިފުޅު ކުޅެން ބޭރަށް ގެންދާށެވެ. އެހެން ކުދިންނާ އެކު އުޅެން ދަރިފުޅުވެސް ބޭނުންވާނެ އެވެ. ފަހަރެއްގައި ދަރިފުޅު މާ ހަލަނި ކޮށް އުޅޭތީ ދަރިފުޅު ބޭރަށް ނެރެން ލަދު ގަނެފާނެ އެވެ. އެކަމަކު އަމިއްލަޔަށް ދަރިފުޅާމެދު ލަދުގަންނަން ފަށައިފިނަމަ ދަރިފުޅުގެ ގަދަރު އެހެންމީހުންގެ ކުރިމަތީގައި އުފުލާނީ ދެން އިތުރު ކާކު ހެއްޔެވެ. ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި، އެހެން ކުދިންގެ ތެރޭގައި އުޅެ، އެކުދިން ކަންކުރާ ގޮތް ފެނުމުން ވެސް އޭޑީއެޗްއޭޑީ ހުންނަ ބައެއް ކުދިންނަށް ބަދަލު އަންނާނެ ކަމެކެވެ. އެހެން ނޫނަސް ގުދުރަތީ މާހަލަކުން ލިބޭ ވަޔަކީވެސް ފަރުވާއެކޭ ބުނާތީ އަހަމެއް ނޫން ހެއްޔެވެ.
ނިންޖަކީ ހައްލެވެ. އެއީ ސިކުނޑީގެ ގެރެންޓީ ތެރަޕީ އެވެ. ވީމާ އޭޑީއެޗްއޭޑީ ހުންނަ ދަރިފުޅަށް ބޭނުންވާ ވަރަށް ނިދި ހޯދައިދޭށެވެ. އަބަދު ކޮންމެވެސް ކަމެއްގައި އުޅޭ ކުޑަ ކުއްޖަކު ނިންދެވުން ފަސޭހައެއް ނުވާނެ އެވެ. އޭޑީއެޗްއޭޑީ ހުންނަ ހަތް އަހަރުން ދަށުގެ ކުއްޖެއްނަމަ އެކުއްޖަކަށް މަދުވެގެން ނުވައެއް ނުވަތަ 11 ގަޑިއިރުގެ ނިދި ބޭނުންވާނެ އެވެ. އެހެންވީމާ ފަންޑިތަ ނާނާއެއް އިއްވައިގެން ނަމަވެސް ދަރިފުޅު ނިންދަވަން ފަރުވާ ބަހައްޓާށެވެ.
ދަރުފުޅަށް އިންތިހާއަށް ލޯތްބާއި އަޅާލުން ދޭށެވެ. ބަލި ދަރިފުޅަކަށް ބޭނުންވާނީ ހިތުގައި ފޮރުވައިގެން ގެންގުޅޭ ޒާތުގެ ލޯތްބެއް ނޫނެވެ. ވީމާ ފުރިގެން ބަންޑުންވާ ވަރަށް ދަރިފުޅަށް ލޯބިދީ އަޅާލާށެވެ. އޭޑީއެޗްއޭޑީ ކުދިންނަކީ ސިކުނޑި ގޯސް ކުދިންނެއް ނޫނެވެ. އެކުދިން ވިސްނާނެ އެވެ. މަންމަ ނުވަތަ ބައްޕަގެ ފަރާތުން އަބަދުވެސް ހިނިތުންވުމެއް ފެނޭތޯ ހޯދާނެ އެވެ. ވީމާ ދަރިފުޅު އެ ބޭނުންވާ އަޅާލުން އޭނާއަށް ދޭށެވެ.
އޭޑީއެޗްޑީ އަކީ ސިކުނޑީގެ ކުރިމަތީގައި ހުންނަ ބައެއް ލެނބުންތައް ރަނގަޅަށް ނުއުފެދުމުން ނުވަތަ މަސައްކަތް ނުކުރުމުން ދިމާވާ މައްސަލައެކެވެ. އެހެންކަމުން ސިކުނޑީގެ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންކަމަށް ފަރުވާ ބެހެއްޓުމަކީ މިފަދަ ކުދިންނަށް އޮތް ހައްލަކަށް ޔަގީނުންވެސް ވެދާނެ އެވެ.