ޓޫރިޒަމް

ޓޫރިސްޓުންގެ އަދަދު ނުވަ ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.63 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.49 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 140،000 ފަތުރުވެރިން އިތުރުވުމެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ އިންނެވެ. އެގައުމުން އަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 236،800 ފަތުރުވެރިން
  • ރަޝިއާ - 177،700 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 137،200 ފަތުރުވެރިން
  • ޖަރުމަނު - 121،800 ފަތުރުވެރިން
  • އިޓަލީ - 112،000 ފަތުރުވެރިން
  • އިންޑިއާ - 97،300 ފަތުރުވެރިން
  • އެމެރިކާ - 54،400 ފަތުރުވެރިން
  • ފްރާންސް - 43،500 ފަތުރުވެރިން
  • ސްޕެއިން - 37،800 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 31،400 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެވަރެޖްކޮށް ދުވާލަކު 5،447 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،220 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 167 ރިސޯޓާއި 887 ގެސްޓްހައުސް އާއި 152 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.