އެޑިއުކޭޝަން މިިނިސްޓްރީން ތައުލީމީ ދާއިރާއަށް ކަނޑައަޅާ ގުޑްވިލް އެމްބެސަޑަރުން ހޮވައިފި އެވެ.
ތައުލީމީ ދާއިރާއަށް ހާއްސަ ގުޑްވިލް އެމްބެސެޑަރުންގެ ގޮތުގައި ފަސް ޒުވާނަކު ކަނޑައަޅައި އެފަރާތްތަކަށް އެމްބެސްޑަރުގެ ކަމުގެ ސެޓްފިކެޓާއި ލިޔުން ހަވާލުކޮށްދެއްވީ މިރޭ އެކަމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރެވެ.
ތައުލީމީ ދާއިރާގެ ގުޑްވިލް އެމްބެސެޑަރުން
އައިޝަތު މައިޝާ
ޒާރާ އަބްދުލް މަޖީދު
ސާނިހާ މަހްސޫފް
އަހުމަދު މާދިހު
މަރިޔަމް ރަފްޝާ
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ، މުޖުތަމައުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމު ރަނގަޅު މަގުން ކުރިއަށްގެންދާނެ ހަރުދަނާ ޒުވާނުން ބިނާކޮށްގެން ކަމަށެވެ. އެހެންކަމުން ރައީސް އަބްދުﷲ ޔާމީންގެ އަމާޒުފުޅު ހުންނެވީ އެ މަގުން ރާއްޖެ ގެންދިޔުމަށް ކަމަށާއި އެ އަޒުމްފުޅުގައި އެމަނިކުފާނު ޒުވާނުންގެ ތަރައްގީއަށް ކުރައްވާ އެކި ކަންކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޒުހޫރު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ސްކޫލްކުދިންނަށް އެންމެ ފަސް އެމްބެސެޑަރުން ހަމަޖެއްސުމަށް ނޫން ކަމަށެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކަށް، ކޮންމެ ރަށަކަށް ވެސް ހުނަރުވެރި ދަރުމަވެރިންތަކެއް ބޭނުންވާ ކަމަށާއި މުސްތަގުބަލުގައި އެފަދަ އެމްބެސެޑަރުން އާބާދީގައި އިތުރުކުރުމަށް ކުރާ މަސައްކަތުގެ ފެށުމަކަށް މިރޭ ވާނެ ކަމަށެވެ.
މިނިސްޓަރު ޑރ އައިޝަތު ޝިހާމް ވަނީ އެ މިނިސްޓްރީގެ ގުޑްވިލް އެމްބެސެޑަރުންނަށް މިރޭ ހޮވުނު ފަރާތްތަކަށް، އެ ފަރާތްތަކުގެ ހިއްވަރާއި ހުނަރުވެރިކަމާއި އަހުލާގުން ނަމޫނާ ދެއްކުމުގައި ދެމިތިބުމަށް ގޮވާލައްވާފަ އެވެ. އަދި އެ މިނިސްޓްރީން އެ ފަރާތްތަކާއި މިރޭ ހަވާލުކުރާ ޒިންމާއާ އެކު އެ މިނިސްޓްރީން، ސްކޫލް ކުދިންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދޭން ކުރިއަށްގެންދާ ސްކިލް ޑިވޮލޮޕްމަންޓް ޕްރޮގްރާމް އާ ބެހޭ މައުލޫމާތު އާންމުންނާއި ދަރިވަރުންނާއި ހިއްސާކޮށް މަސައްކަތުގެ ދާއިރާއަށް ކުދިން ޝައުގުވެރި ކުރުމަށް އިސް ނަގާ މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ.
ގްޑްވިލް އެމްބެސަޑަރުންގެ ގޮތުގައި މިރޭ ކަނޑައެޅި ފަސް ޒުވާނުންނަކީ ހޮސްޕިޓަލިޓީ ދާއިރާއިން ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ނަމޫނާ ފަސް ޒުވާނެކެވެ. މި ފަސް ޒުވާނުން ކުރިޔަށް އޮތް ދެ އަހަރު ދުވަހު ތައުލީމީ ދާއިރާގެ ގުޑްވިލް އެމްބެސަޑަރުންގެ ގޮތުގައި ތިބޭނެ އެވެ.