ހަބަރު

ޕީޖީ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭން ނެރެ، ލޯގޯ އާއި ވެބްސައިޓް ތައާރަފްކޮށްފި

ޕްރޮސިކިއުޓަރު ޖެނަރަލް އޮފީހުގެ ސްޓްރެޓީޖިކް ޕްލޭން އިފުތިތާހުކޮށްފި އެވެ. މި ޕްލޭނަކީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އަމާޒުކޮށް ޕީޖީ އޮފީހުން ކުރަން ރާވާ ގިނަގުނަ ކަންތައްތަކެއް ހިމެނޭ އަދި އެ މުއްދަތަށް އެ އޮފީހުން ކުރާ ތަސައްވުރު ބަޔާންކޮށްދޭ ޕްލޭނެކެވެ.

މިރޭ ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފުތިތާހުކޮށްދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދެވެ.

މި ޕްލޭނާ ބެހޭ ގޮތުން ޕީޖީ އައިޝަތު ބިޝާމް މިރޭ ވިދާޅުވީ، ޕްލޭންގެ ސަބަބުން ޕީޖީ އޮފީހުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދެވޭނެ ނިޒާމްތަކެއް ތައާރަފްވެގެންދާނެ ކަމަށެވެ. އަދި ޕީޖީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ޒަމާނީ ވަސީލަތްތަކުގެ އެހީގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި އަދާކުރުމަށް ބޭނުންވާނެ އޮނިގަނޑުތަކާއި އިޖުރާއަތުތަކާއި އުސޫލުތައް އެކަށައެޅިގެންދާނެ ކަމަށެވެ.

ޕީޖީ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭންގައި ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށް ހަ ކަމެއް ބަޔާންކޮށްފައިވެ އެވެ. އެއީ ނަޒާހަތްތެރިކަން، ޖަވާބުދާރީވުން، މިނިވަންކަން، ހައްގުތައް ކަށަވަރުކުރުން، ވަކި ފަރާތަކަށް ބުރަ ނުވުން އަދި މުހްތަރިފްކަމެވެ. އަދި އެ އޮފީހުގެ ލަނޑުދަނޑިތަކުގެ ގޮތުގައި، މުއައްސަސާގެ ހިންގުން ހަރުދަނާކުރުމާއި ޕްރޮސިކިއުޝަން ހަރުދަނާކުރުމާއި އޯލްޓަނޭޓިވް ޖަސްޓިސްގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުން ވަނީ ކަނޑައަޅާގަ އެވެ.

ޕްލޭންގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކޮށް ނިމޭއިރު، ޕީޖީ އޮފީސް ވެގެންދާނީ އެ އޮފީހަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ހަމަހަމަކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ނުފޫޒުން އެއްކިބާވެ ތިބެ އަވަސްކަމާއެކު އަދާކުރާ، މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ގާނޫނުގެ ހުކޫމަތް ނަގަހައްޓައި ޖިނާއީ އަދުލުގެ ނިޒާމުގައި ދައުލަތް ތަމްޒީލުކުރުމުގައި ހާމަކަމާއި ހަމަހަމަ ކަމާއެކު ވަކި ފަރާތަކަށް ބުރަނުވާ އެއްގޮތް އުސޫލަކުން ކަންކުރާ ޖަވާބުދާރީކުރެވެނިވި މުހްތަރިފް ހިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް ކަމަށް ޕީޖީ ވިދާޅުވި އެވެ.

ސްޓްރެޓީޖިކް ޕްލޭންގެ އިތުރުން މިރޭ ވަނީ ޕީޖީ އޮފީހުގެ ލޯގޯ ވެސް ތައާރަފްކޮށްފަ އެވެ. ލޯގޯ ފަރުމާކޮށްފައިވަނީ ޕީޖީ އޮފީހުގެ މުއައްޒަފެކެވެ. ދެހާސް ސާދަވަނަ އަހަރު ވުޖޫދަށް އައި ޕީޖީ އޮފީހުގެ ލޯގޯއެއް ތައާރަފްކުރި މިއީ ފުރަތަމަ ފަހަރެވެ. ލޯގޯގެ އިތުރުން އެ އޮފީހުގެ ދިދަ ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި އޮފީހުގެ ރަސްމީ ކުލައިގެ ގޮތުގައި މެރޫން އަދި ރިހި ކުލަ ވަނީ ކަނޑައަޅާފަ އެވެ.

މީގެއިތުރުން ވެސް މިރޭ ވަނީ ޕީޖީ އޮފީހުގެ ވެބްސައިޓް ލޯންޗްކޮށްފަ އެވެ. ވެބްސައިޓް ލޯންޗްކޮށްދެއްވީ ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ، އެ އޮފީހަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބައެއް ގާނޫނުތައް ފާސްނުވެ ހުރުން ކަމަށެވެ. އެހެންކަމުން އެ ގާނޫނޫތައް ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމަށް ޕީޖީ އެދިވަޑައިގަތެެވެ. އެގޮތުން ޖިނާއީ އިޖުރާތާ ބެހޭ ގާނޫނާއި ހެއްކާ ބެހޭ ގާނޫނު ފަދަ ގާނޫނުތައް އަވަހަށް ވުޖޫދަށް އައުމަކީ މިހާރު ޕީޖީއަށް ދިމާވެފައިވާ ހުރަސްތަކުން އަރައިގަތުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ އޮފީހުގެ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

މިރޭ ބަނޑޮސްގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ބަނޑާރަ ނައިބު މުހައްމަދު އަނިލް އާއި ޖުވެނައިލް ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޒީން ބައިވެރިވެލެއްވި އެވެ. އަދި ޕީޖީ އޮފީހުގެ މުއައްޒަފުން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފަ އެވެ.