ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ފޭކް ކޯޓް އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރި މާމިގިލީ ކޯޓުގެ އިސް ގާޒީ ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ކުރިން ވެސް ގާޒީ ނިހާންގެ މައްޗަށް ދައުލަތުން ވަނީ ހަތަރު ދައުވާއެއް އުފުލާފަ އެވެ.
ގާޒީ ނިހާންގެ މައްޗަށް ދައުލަތުން ކުރިން އުފުލި ހަތަރު ދައުވާއަކީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުނު ކަމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ.
އެ ހަތަރު ދައުވާއަށް ވެސް އިންކާރު ކުރައްވާ ކަމަށް ނިހާން ވަނީ މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ވިދާޅުވެފަ އެވެ. ނިހާންގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން އިއްޔެއަށް ތަވާލުކުރި ނަމަވެސް ޕީޖީގެ އެދުމަށް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވާ ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާއި ކޯޓަށް ފޮނުވި ދުވަހު ނިހާންގެ މައްޗަށް އެ ދައުވާ އުފުލާ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
ގާޒީ ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނު ގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރު އަދި ފަސްވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރާއި، ހަވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
ގާޒީ ނިހާންއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ނިހާން ސަސްޕެންޑް ކުރުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކުރުމަށާއި އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ. ޝަރީއަތް ނިމެންދެން އޭނާ މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ގާޒީ ނިހާން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ ކޯޓުން ވަނީ އެއީ ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ބޭރުކޮށްލާފަ އެވެ.