އަހުމަދު އަރީފް

އެންއައިސީ މެންބަރުންނާއި ސީޕީ ބައްދަލު ކުރައްވައިފި

ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭ އަދި މިހާރަށްވުރެ ޕްރޮފެޝަނަލް ހިދުމަތަކަށް ހެދުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

އިއްޔެ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުޙްމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މެމްބަރުން ހަމަވުމާއި ގުޅިގެން ކޮމިޝަންގެ މެމްބަރުންނަށް މަރުހަބާ ދެންނެވިއެވެ. މީގެ އިތުރުން ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓިގެންވާ އަދި މިހާރަށްވުރެ ޕްރޮފެޝަނަލް ހިދުމަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ އެއްބާރުލުން ފުލުހުންނަށް ބޭނުންވާކަމަށް ވިދާޅުވެ، ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ފުޅާކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުހާދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ރައްޔިތުން ބަލައިގަންނަ ޕްރޮފެޝަން ހިދުމަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެކޮމިޝަންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފުލުހުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.