ފިނިޕޭޖް

ދިވެހިވަންތަ ލަވަތަކާއެކު ދިވެހި ހުނަރުވެރިކަން ދައްކާލައިފި!

މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑްގެ ހަތަރުވަނަ ބުރުގައި ބައިވެރިން މިވަނީ ލަވަތައް ހުށަހަޅައިދީފަ އެވެ. ތީމަކަށް އޮތީ "މޯލްޑިވިއަން" އެވެ. ދިވެހިވަންތަ ހެދުމުގައި ދިވެހިވަންތަ ލަވަތަކެއް ބައިވެރިން ވަނީ ވަރަށް ފުރިހަމައަށް ހުށަހަޅައިދީފަ އެވެ ހުރިހާ ބައިވެރިން ވެސް ހުށަހަޅައިދިނީ ވަރަށް ހިތްގައިމު ލަވަތަކެކެވެ.

ރާއްޖޭގެ މޮޅެތި ފަންނާނުންގެ މޮޅެތި ލަވަތައް ރޭ ހުށަހަޅައިދިން އިރު ރޭ ހުށަހަޅައިދިން ލަވަތަކާ މެދު ޖަޖުން ތިބީ ހިންހަމަ ޖެހިފަ އެވެ. ބައިވެރިން ކިބައިން ކުރިއެރުންތަކެއް ފެނިފައިވާކަން ޖަޖުން ވަނީ ފާހަގަކޮށްފަ އެވެ. ދެން އޮތީ ބެލުންތެރިންގެ އަތް މަތީގަ އެވެ.

ރޭގެ އެޕިސޯޑަށް ބަލާލާއިރު އެންމެ ފުރަތަމަ ލަވަ ހުށަހަޅައިދިނީ، ފާތިމަތު އަޒްލީމާ އެވެ. ހުށަހަޅައިދިނީ "ކަސަބުން ބޯވަޅު" އެވެ. އިބްރާހިމް އަމާން ހުށަހަޅައިދިނީ "ރާރުކުގާ" މި ލަވަ އެވެ. މޯލްޑިވިއަން އައިޑޮލްގެ އެންމެ އެހީތެރި އަބްދުﷲ ސޯދިގު ވަނީ ފޮއެމަތި" މި ލަވަ ހުށަހަޅައިދީފަ އެވެ.

ރޮކްސްޓާ މުހައްމަދު މުއައްޒިން ވަނީ މޭނާ ހައްސާނުގެ "މާމުތް ހަނދުވަރު" އާއެކު ފުރިހަމަ ލަވައެއް ހުށަހަޅައިދީފަ އެވެ. އަމިއްލަ ސްޓައިލަށް ލަވައަކަށް ބަދަލުކޮށްލާ އަބްދުﷲ ފާލިހް ހުށަހަޅައިދިނީ ވެސް މޭނާ ހައްސާނުގެ ލަވަ އެކެވެ. އެއީ "ކަނބުލޮ" މި ލަވަ އެވެ.

މުހައްމަދު އިޝާން ހުށަހަޅައިދިނީ އަލީ ރަމީޒުގެ "ކަނބުލޮ" އެވެ. އިބްރާހިމް ޝަލަބީ ހުށަހަޅައިދިނީ މެޒޯ މޯޑްގެ "އަތޮޅުތެރޭ ގިނަވެއްޖޭ ރޯނު އެދުރު" އެވެ. ތަފާތު ހިތްގައިމު ލަވަތަކެއް ކޮންމެ ހަފުތާއަކު ވެސް ހުށަހަޅައިދެމުން އަންނަ މުހައްމަދު ޒަލީފް ހުށަހަޅައިދިނީ އީސަގެ އެންމެ ހިތްގައިމު އެއް ލަވަ ކަމަށްވާ "ގިނަކެރިޔާ" މި ލަވަ އެވެ. ޝޯގެ ޑޮކްޓަރު ލައިޝާ ހުށަހަޅައިދިނީ މެޒޯ މޯޑްގެ "އަކިރިދެމޭ" އެވެ. ރޭގެ ޝޯގައި ދެ ޖަޖުން ކަމަށްވާ އަމަންޑޭ އާއި ކުޑަ އިއްބެ ހުށަހަޅައިދިނުމެއް ވެސް ފެނުނެވެ.

ރޭގެ ޝޯގައި "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުން ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ.

މިރޭގެ 10:30 ގައި ފަށާ އެޕިސޯޑުން ވެސް ޝޯއަށް އެއް ބައިވެރިޔަކު އަލްވަދާއު ކިޔާނެ އެވެ. އެންމެ ކަމުދާ ބައިވެރިޔާ ޝޯއިން އިތުރަށް ފެންނަން އެދޭނަމަ މިއަދު ހަވީރު ހަތަރެއް ޖެހުމުގެ ކުރިން އެ ބައިވެރިޔަކަށް ވޯޓް ކުރުމަށް ހަނދާން ނައްތާނުލާށެވެ.

ރާއްޖެގައި ދައްކާ އެންމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޝޯ ގެ ގާލާ ރައުންޑު ދެ ހަފްތާ ކުރިން ފަށާފައިވާއިރު ބެލުންތެރިންނަށް އެތައް ސަޕްރައިޒެއް ވަނީ ލިބިފަ އެވެ. ނަމަވެސް ޕީއެސްއެމްއިން ބުނާ ގޮތުގައި ސަޕްރައިޒްތައް އަދި އޮތީ އެވެ.

ގާލާ ރައުންޑުގައި ބައިވެރިންގެ ތެރެއިން ފަހަރަކު ބައިވެރިއެއް ކަޓައިގެން ދާ އިރު ޝޯ ފިނި ކޮށްލައި ޖަޖުންގެ ގޮތުގައި ސެލެބްރިޓީޒް ވެސް ގާލާ ރައުންޑުގައި އަންނާނެ އެވެ.

ޕީއެސްއެމް އިން ބުނީ މިހާތަނަށް ޝޯއަށް ލިބުން ތަރުހީބު ދެގުނައަށް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.