ބޮލީވުޑް

ބޮލީވުޑްގެ މި ހަފުތާ ކުރުކޮށް

ފާއިތުވި ހަފުތާގެ އެންމެ ހޫނު ބޮލީވުޑް ސުރުހީތަކުގެ ކުރީގައި ހިމެނެނީ ފިލްމީ ތަރި ސޯހާ އަލީ ޚާނާއި ކުނާލް ކޭމޫގެ ކައިވެނީގެ ވާހަކައެވެ. މި ދެ ތަރިންގެ ލޯބީގެ ގުޅުން ފެށުނު ހިސާބުން ކައިވެންޏާ ހިސާބަށް ކަންވީގޮތް ވާނީ ކުރިން ވެސް އޮންނާނީ އެނގިފަ އެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުން ކައިވެންޏަކަށް ބަދަލުވުމުގެ އިތުރުން މި ހަފްތާ ތެރޭގައި ހިނގި މުހިންމު ކަންތައްތަކުގެ ތެރޭގައި މި އަހަރުގެ ފިލްމު ފެއާ އެވޯޑްގެ ނޮމިނޭޝަންލިސްޓް އިޢުލާންކުރި އިރު އަހަރުގެ އެހެން އެވޯޑްތަކެކޭ އެއްފަދައިން "ކުއީން" ނޮމިނޭޝަން ލިސްޓުގައި ރަނިކަންކުރާކަން ފާހަގަކޮށްލެވެއެވެ.

އެހެން ހަބަރުތަކަށް ބަލާލާއިރު ޝާޚިދު ކަޕޫރާއި ކަރީނާ ކަޕޫރު އެކުގައި ފިލްމެއް ކުޅެން ސޮއެކުރިކަމުގެ ހަބަރުތައް ރަސްމީކޮށް އިޢުލާންކުރުން ފާހަގަކުރެވެއެވެ. "އުޅްތާ ޕަންޖާބް" ގެ ނަމުގައި ތައްޔާރުކުރާ މި ފިލްމުން ޝާޚިދު އަދި ކަރީނާއާއި އެކު އާލިޔާ ބަޓްވެސް ފެނިގެންދާނެއެވެ.

މީގެ އިތުރުން އޮސްކާ ނޮމިނޭޝަންގައި ހިމެނުނު ހިންދީ ފިލްމު "ލަގާން" ގެ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކަރުގެ އާ ފިލްމު "މޮހެންޖޯ ޑާރޯ"ގެ ޝޫޓިން މި ހަފްތާތެރޭގައި ފެށިފައިވާކަން މިއީވެސް ވަރަށް ފާހަގަކޮށްލެވޭ ހަބަރެކެވެ.

ރިތިކް ރޯޝަނާއެކު މުޅިން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފްވާ ޕޫޖާ ހެޖް ހަރަކާތްތެރިވާ މި ފިލްމަކީ 2600ބީސީ ގެ ދުވަސްވަރު ދައްކުވައިދޭ ލޯބީގެ ފިލްމެކެވެ. ފިލްމު ރިލީސްކުރާނީ 2016 ވަނަ އަހަރުގެ އޯގަސްޓުގަ އެވެ.

ނާކާމިޔާބު ފިލްމުތަކެއްގެ ތޫފާނެއް ފަތަހަކުރުމަށްފަހު އަކްޝޭ ކުމާރުގެ އުންމީދީ ފިލްމު "ބޭބީ" ބެލުންތެރިންނާ ބައްދަލުކުރީ ވެސް މި ހަފްތާތެރޭގަ އެވެ. ފާޑުކިއުންތެރިންގެ ހޫނު ތަރުހީބެއް ލިބި މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ މޮޅު އެއް ފިލްމުގެ ގޮތުގައި ބޭބީ ބަލައިގަނެފައިވާއިރު ބެލުންތެރިންގެ ފަރާތުން ފިލްމަށް ހީކުރިވަރުގެ ތަރުހީބެއް އަދި ވަނީ ނުލިބިފައެވެ. ނަމަވެސް އަކްޝޭގެ މިފަހުން ފެނުނު ފިލްމުތަކާ އަޅާކިޔާ އިރު މިއީ ކާމިޔާބު ފިލްމެއްކަމަށް ބުނެވިދާނެއެވެ.

މި ފިލްމުވަނީ ޕާކިސްތާންގައި ދެއްކުން މަނާކޮށްފައެވެ. ސަބަބަކީ ފިލްމުގައި ޕާކިސްތާންގެ ރައްޔިތުން ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށްފައިވާތީ އެވެ. އަކްޝޭގެ މި ފިލްމާ އެއްދުވަހު ސްކްރީން ތަކުގައި އެޅުވި ދެވަނަ ފިލްމަކީ ސޯނަމް ކަޕޫރުގެ "ޑޯލީކީ ޑޯލީ" އެވެ. ކައިވެނިކޮށް ފިރިންގެ ލޮލުގައި އަނދުން އަޅުވާ ފައިސާއާއެކު ފިލާ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ މިފިލްމަކީ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. "ދަބަންގު" ފިލްމު ސިލްސިލާގެ ޕްރޮޑިއުސަރު އަރްބާޒް ޚާންގެ މި ފިލްމު ވަނީ ނާކާމިޔާބީއާ ކުރިމަތިލާފައެވެ.

ހުކުރުދުވަހު ރިލީސްކުރާ ލޯބީގެ ބިރުވެރިފިލްމު "ހާމޯޝިޔާ"ގެ ވާހަކަ ވެސް މުހިންމެވެ.

މަހޭޝްބަޓްގެ ފިލްމު ކުންފުންނިން އުފައްދާ މިފިލްމުން ޑްރާމާ ސިލްސިލާތަކުން މަގްބޫލުކަން ހޯދާފައިވާ ގުރްމީތް ޗައުދަރީއާއި އެކު މީގެ ކުރިން ދެފިލްމަކުން ބެލުންތެރިންނަށް ފެނިފައިވާ އަލީ ފަޒާލާއި މުޅިން އަލަށް ތަޢާރަފްވާ ސަޕްނާ ޕައްބީ ބެލުންތެރިންނާ ބައްދަލުކުރާއިރު ފިލްމުގެ މިއުޒިކަށް ލިބެމުންދާ ތަރުހީބު ވަރަށް ފާހަގަކޮށްލެވެއެވެ. މަހޭޝްބަޓްގެ އާޝިގީ ޓޫ އަދި ސިޓީލައިޓްސްގެ ކާމިޔާބީއަށްފަހު މިފިލްމަކީ ބޮކްސްއޮފީސް ހައިރާންކުރުވާނެ ފިލްމެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.