ހަބަރު

އެންއައިއީ އިން ކޯސް ފުރިހަމަ ކުރި 135 ދަރިވަރުންނަށް ސެޓްފިކެޓް ދީފި

ސްކޫލްތަކުގެ ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ނެޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މިދިޔަ އަހަރު ފެށި ޕްރޮގްރާމެއްގެ ދަށުން ހިންގި އެކި ކޯސްތަކުގައި ބައިވެރިވެ، ކޯސް ފުރިހަމަކުރި 130 އަށް ވުރެ ގިނަ ޓީޗަރުންނަށް ސެޓްފިކެޓް ދީފިއެވެ.

އެންއައިއީގެ ކޯސްތަކުން މިއަދު ދަސްވެނިވެ ސަނަދު ހާސިލް ކުރީ އެ މުއައްސަސާއިން، ސްޕެޝަލް އެޑިއުކޭޝަން ސެޓްފިކެޓް ތިނެއް ކިޔެވި 28 ދަރިވަރުންނާއި އެޑްވާންސް ސެޓްފިކެޓް އިން އާލީ ޗައިލްޑް ކެއާ އެންޑް ޑިވޮލޮޕްމަންޓް ކިޔެވި 12 ބައިވެރިންނާއި، ޑިޕްލޮމާ އިން ޓީޗިން އަދި ޑިޕްލޮމާ އިން ޓީޗިން އިން އިންކްލޫސިވް އެޑިއުކޭޝަން ކޯސް ފުރިހަމަކުރި 94 ދަރިވަރުންނެވެ.

ކޯސްތަކުގެ ބައިވެރިންގެ ދަސްވެނިވުން ފާހަގަކުރުމަށް މިއަދު ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި 135 ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިހާމް ވިދާޅުވީ ޓީޗަރުން ތަރައްގީ ކުރުމަށާއި ސްކޫލްތަކާއި އެތަންތަނުގެ ވަސީލަތްތައް ފުރިހަމަ ކުރުމަށް ސަރުކާރުން މިހާރަކަށް އައިސް ބޮޑެތި ހޭދަތަކެއް ކުރަމުންދާ ކަމަށެވެ. މިއަދު އެންއައިއީ އިން ދަސްވެނިވެގެން ނުކުތް މުދައްރިސުންނަކީ އޭގެ ހެއްކެއް ކަމަށާއި އެންއައިއީ އިން ޓީޗަރުންނަށް ކިޔަވައިދޭން ފެށި ޕްރޮގްރާމަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވާނެ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކިޔަވައިދިނުމުގެ އާ މަންހަޖު އެކުލަވާލައި ތައުލީމީ ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ދާއިރާއަށް އައި އެންމެ ބޮޑު ކުރިއެރުމަކީ ޓީޗަރުންނަށް އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ކިޔަވަން ލާޒިމްކޮށް، އެ މަގުސަދުގައި ޓީޗަރުން ތަމްރީން ކުރުމަށް މަސައްކަތްތައް ފެށުން ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކުރާ ސިޔާސަތު ތަންފީޒުކުރުމަށް އިންކްލޫސިވް އެޑިއުކޭޝަންގެ ދާއިރާއިން ގިނަ މުދައްރިސުން ތަމްރީން ކުރެވިގެންދާނެ ކަމަށް ޝިހާމް ވިދާޅުވި އެވެ.

"މިއަދުގެ ތައުލީމީ ސިޔާސަތުތަކުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަމަކީ ހުރިހާ ކުދިންވެސް ޝާމިލްކޮށްގެން ކިޔަވައިދިނުން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ކިޔަވައިދިނުމުގައި އިތުރު އެހީއަށް ބޭނުންވާ ކުދިން އެބަތިބި. މި ސަބަބަށްޓަކައި ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ވެސް މިފަދަ ދަރިވަރުންނަށް އަޅާލުންތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްތައް ފުރިހަމަކޮށްދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީ އިން ހާއްސަ ސަމާލުކަމެއް ދޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ފާއިތުވި ހަތަރު އަހަރު ތެރޭ އެންއައިއީ އިން ތައުލީމީ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދާފައި ވާކަމަށެވެ. އެންއައިއީ އިން ޓީޗަރުން ތަމްރީންކުރަން ފެށުމާއި އެކު ރާއްޖޭގައި އަމިއްލަ ކޮލެޖްތަކާއި ޔުނިވަސިޓީތައް ހުރި އިރުވެސް ގިނަ އަދަދެއްގެ ޓީޗަރުން ބައިވެރިވުމަކީ އެންއައިއީގެ މަސައްކަތްތައް ހަރުދަނާ ވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި، ރާއްޖޭގައި ތައުލީމަށް ލޯބި އޮތް ޖީލެއް ތަރައްގީވަމުންދާ ކަމުގެ މިސާލެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިހާރުގެ މަސްރަހަށް ބަލާއިރު ތައުލީމާއި އެއްވަރަށް އަހުލާގީ ގޮތުންވެސް ކުރިއަށް ދާން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރަނގަޅު އަހުލާގާ އެކު ދަރިވަރުންނަށް ތަރުބަވީ ތައުލީމެއް ދެވޭނީ ފުރިހަމަ އިލްމު ހުރި އަހުލާގު ރަނގަޅު މުދައްރިސުންނަށް ކަމަށެވެ.

އެ މުއައްސަސާގެ ކާމިޔާބު މަސައްކަތްތައް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެންއައިއޭ ވާންޖެހޭނީ އަލަށް އަމަލުކުރަން ފެށި ގައުމީ އާ މަންހަޖު ތަންފީޒުކުރުމަށްޓަކައި އެއްވެސް ދުލެއް ނުދީ މީހުން އެއަށް ހޭލުންތެރިކުރުވަން ކަމަށެވެ. އަދި އަލަށް ތައާރަފްކޮށްފައިވާ ކަރިކިއުލަމްގެ މާއްދާތަކުން ޓީޗަރުންނަށް އެކަށީގެންވާ ތަމްރީނުތަކެއް ދޭންޖެހޭ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެންއައިއީ އިން މިއަހަރު އަލަށް ތައާރަފްކުރާ ތިން ކޯހެއް ވެސް އިފްތިތާހުކޮށްފައެވެ. އަދި މިއަދުގެ ދަސްވެނިންގެ ތެރެއިން ޑިޕްލޮމާ ކޯސްތަކުން އެންމެ މަތީ ވަނަ ހާސިލްކުރި ދަސްވެނިން ވެސް ހޮވާފަ އެވެ.

ޑިޕްލޮމާ އިން ޓީޗިން އިން އެއްވަނަޔަށް ދިޔަ ފަރާތްތައް:

  • އައިޝަތު މަދީހާ ރ. އިނގުރައިދޫ
  • އަޒްލީމާ މުހައްމަދު ގދ. މަޑަވެލި

ޑިޕްލޮމާ އިން ޓީޗިން އިން އިންކްލޫސިވް އެޑިއުކޭޝަން އިން އެއްވަނަ ހޯދި ފަރާތްތައް:

  • ޝުހުދާ ނަސީބް ޏ. ފުވައްމުލައް
  • ފާތުމަތު ރާބިޔާ ކ. މާލެ

މިއަހަރު އެންއައިއީ އިން އަލަށް ފަށަން ހަމަޖެހިފައިވަނީ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އިންކްލޫސިވް އެޑިއުކޭޝަން އާއި އެސޯސިއޭޓް ޑިގްރީ އިން ޓީޗިން އަދި ބެޗްލާސް ޑިގްރީ އިން އެޑިއުކޭޝަން ލީޑަޝިޕް މެނޭޖްމަންޓް އެވެ.