ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މަފާޒުގެ މަރާ ގުޅޭ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރެވޭނެ: ޕީޖީ

ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލި މައްސަލާގައި ދައުވާ އުފުލި ތިން މީހަން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ފުލުހުން، ޕީޖީ އޮފީހުގައި އެދިފައިވީ ނަމަވެސް އެކަން ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ، ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ހިޝާމް ވަޖީހު އަވަސްއަށް ވިދާޅުވީ، ހައިކޯޓުން އެކުލަވާލާފައިވާ އުސޫލެއްގެ ސަބަބުން، އެ މައްސަލަ އިސްތިއުނާފުކުރެވެން ނެތް ކަމަށެވެ.

"ހައިކޯޓުން އެބަ އޮވޭ އުސޫލެއް ކަނޑައަޅާފައި މި ޝަރީއަތެއް ހިނގަމުންދާއިރު އެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ ބަންދާމެދު މައްސަލަ ބައްލަވާ ގާޒީ ނިންމަވާ ނިންމެވުމަކީ އެންމެފަހުގެ ނިންމެވުމޭ، އެ އިސްތިއުނާފު ނުކުރެވޭނޭ ދައުލަތަށް ވެސް އަދި ދައުވާ ލިބޭ ފަރާތަށް ވެސް، އެ އުސޫލު މިހާރު އޮތް ގޮތުން އަޅުގަނޑުމެންނަށް އިސްތިއުނާފުކުރެވެން ނެތީ،" ހިޝާމް ވިދާޅުވި އެވެ.

މަފާޒުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުނެވެ. ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލާފައިވީ ނަމަވެސް އޭނާއަށް ތޫނުއެއްޗަކުން ހަމަލާދިން މަންޒަރު ފެނުނު މީހުން ވަނީ ތަހުގީގަށް ބަޔާން ދިނުމަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން ދައުލަތުން ވަނީ ތިން މީހުންނަށް މަފާޒުގެ މަރުގެ ތުހުމަތު ނުކުރަން ނިންމާފަ އެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރީ އެރޭ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.

ތިން މީހުން ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، ކްރިމިނަލް ކޯޓުން އެގޮތަށް އަމަރުކުރުމާ ގުޅިގެންނެވެ. އެ މީހުން ދޫކޮށްލާފައިވާއިރު މި މައްސަލާގައި ހެކި ބަސް ނެގުން އަދި ނުނިމެ އެވެ.