ސިއްހަތު

ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް، ގިނަ ބަލިތަކެއްގެ ދައުވަތު

އާންމުކޮށް އަންހެނުންނަށް ދިމާވާ ސިއްހީ ބައެއް މައްސަލަތަކަކީ އެކި ސަބަބުތަކަކާ ހެދި ފަރުވާއެއް ނުހޯދި ލަސްވާ މައްސަލަތަކެކެވެ. އެގޮތަށް ދިމާވަނީ ބައެއް ފަހަރު އެފަދަ މައްސަލައެއް ދިމާވުމުން ކިޔައިދޭން ނޭނގޭތީ އެވެ. ނޫނީ ރަހްމަތްތެރިއަކަށް ނަމަވެސް ކިޔައިދީ ޑޮކްޓަރަކާއި ހަމައަށް ދާން ލަދުގަންނާތީ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ސިއްހީ މައްސަލަތަކަކީ ފަރުވާކުޑަކޮށްލައިގެ ދޫކޮށްލެވޭ ކަހަލަ ކަންކަމެއް ނޫނެވެ. ހާއްސަ ގޮތެއްގައި އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކެވެ.

ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް ނުވަތަ ރަހިމުގައި ސިސްޓު އުފެދުމަކީ މިހާރަކަށް އައިސް ގިނަ އަންހެނުންނަށް ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލައެކެވެ. އެ މައްސަލަ ދިމާވާ މިންވަރުގެ އިތުރުވާ ވަރަކަށް އެހެން ބަލިތައް އިތުރުވާން ވެސް ލިބެނީ ބޫސްޓެކެވެ.

ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް އަކީ ހޯމޯންގެ އަދަދަށް އަންނަ ބަދަލެއްގެ ސަބަބުން ރަހިމުގައި އުފުލިފައި ހުންނަ މަސްގަނޑުތަކެއް ކަހަލަ ސިސްޓުތަކެއް އުފެދުމަށް މެދުވެރިވުމެވެ. އަދި ހޯމޯންސްއަށް އެ އަންނަ ބަދަލުގެ ސަބަބުން ސިސްޓު އުފެދިފައިވާ އޯވަރީއިން މާ ގިނައިން ޓެސްޓޮސްޓަރޯން ނުވަތަ ފިރިހެން ހޯމޯން އުފެދެން މެދުވެރިވުމެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އަންހެނުންގެ ހަށިގަނޑުގައި ފިރިހެން ހޯމޯން އިތުރުވަނީ ހަމައެކަނި ރަހިމުގައި ސިސްޓް އުފެދިގެނެއް ވެސް ނޫނެވެ. ލޭގެ ހަކުރު ދަށް ކުރުމަށް އެހީވެދޭ އިންސިއުލިން ނަމަކަށް ކިޔާ ހޯމޯން ހަށިގަނޑުގައި މާބޮޑަށް އިތުރުވުމަކީ ވެސް ފިރިހެން ހޯމޯން އިތުރުވާން ދިމާވެދާނެ ސަބަބެކެވެ. އެހެންކަމުން މިއީވެސް ހަކުރު ބައްޔާމެދު ސަމާލުވާންޖެހޭ މުހިއްމު ސަބަބެކެވެ.

ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް އަކީ ގިނަ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ ދިމާވާ ގިނަ އަންހެނުންނަކީ ބަލި ހުންނަކަން ނޭނގޭ މީހުންނެވެ. ބަލި ހުންނަ ކަމެއް ނޭނގެން މެދުވެރިވާ ސަބަބެއް ކަމަށް ސައިންސް ވެރިން ދެކެނީ، ބައެއް ހާލަތްތަކުގައި ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް އަކީ ދިމާއަށް ފެންނަން ހުންނަ އަލާމާތެއް މެދުވެރި ނުވެދާނެ ބައްޔަކަށް ވުމެވެ.

އެހެންކަމުން ކިރިޔާވެސް އާދަޔާ ހިލާފު ބަދަލެއް ހަށިގަނޑަށް އަންނަ ކަމުގެ އިހުސާސް ކުރެވޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާލުމަކީ މުހިއްމު ކަމެކެވެ.

ރަހިމުގައި ސިސްޓު ހުރެދާނެތީ ކަންބޮޑު ވާނަމަ ބައެއް ކަހަލަ ސުވާލު އަމިއްލަޔަށް އުފައްދައި ޖަވާބު ވެސް ހޯދާލުން މުހިއްމެވެ. ޕީރިއަޑް ވުން މަދުވުމަކީ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމްގެ މައިގަނޑު އެއް އަލާމާތެވެ. ހާއްސަކޮށް އަހަރެއްގެ ތެރޭގައި ނުވަ ފަހަރަށްވުރެ މަދުން މައްސަރު ކަންތައް ޖެހުމަކީ ގައިނީއަކަށް އެޕޮއިންޓްމަންޓް ހޯދަންޖެހޭ ވަރުގެ މައްސަލައެކެވެ. ޕީރިއަޑް މައްސަލަ ދިމާވާނަމަ ދެން ދިމާވާނެ އެންމެ ބޮޑު މައްސަލައަކަށް ވާނީ ބަލިވެއިންނަން އުނދަގޫވުން ކަމަށްވާތީ އެވެ.

މޫނުގައި އޮށާޅަ ނެގުމާއި، ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި އިސްތަށި ގިނަވުން؛ މަތިމަހާއި ދަތްދޮޅި ފަދަ ގުނަވަންތަކުގައި އިސްތަށި ގިނަވުމަކީ އޯވަރީގައި ސިސްޓު ހުރިކަމުގެ އަލާމާތެކެވެ. އަދި އަވަސް އަވަހަށް މޫޑް ބަދަލުވުމާއި ނިދަން އޮންނަ އިރު ނޭވާލާން އުނދަގޫވެ ފިކުރު ބޮޑުވުން ފަދަ ކަންކަމަކީ ވެސް ފާހަގަ ކުރެވޭ އަލާމާތްތަކެވެ.

އަބަދު ފެންވަރައި މިލަ އުނގުޅައިގެން ވެސް ކަރާއި ކަނދުރާ ކަޅުވާނަމަ ޑޮކްޓަރަކަށް ދައްކާލާށެވެ. ސަބަބަކީ އެފަދަ މައްސަލަތަކަކީ ވެސް ބައެއް ފަހަރު ހޯމޯން އާއި ގުޅިފައި ހުންނަ ކަންކަން ކަމަށް ވާތީ އެވެ. އަދި އެއީ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމްގެ އަލާމާތެއްގެ ގޮތުގައިވެސް ފާހަގަވާ ކަމަކަށް ވާތީއެވެ.

މިކަމަކަށް ސީދާ ފަރުވާއެއް އަދި އުފެއްދިފައި ނުވާއިރު ސިއްހަތަށް ބަލައިގެން އުޅުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ. އެގޮތުން ފައިދާ ހުރި ކާނާ ކެއުމާއި ބަރުދަން ލުއިކުރުމަކީ މުހިއްމު ކަމެކެވެ. ބަރުދަން ލުއިުރުމަކީ ބަލިވެ އިނުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށްވެސް މުހިއްމު ފަރުވާއެކެވެ.

ހަނދާނުގައި ބަހައްޓަންވީ އެއް ކަމަކީ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމްއަކީ ހިތުގެ ބައްޔާއި ހަކުރު ބައްޔަށް މަގުފަހި ކުރުވާ ކަމެއް ކަމެވެ. އެހެންކަމުން ގަވާއިދުން ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. އޯވަރީގެ ސިސްޓު ހުރިކަން ހަދާލާ އެންމެ ކުޑަކުޑަ ސްކޭނަކުން ވެސް އެނގިދާނެ އެވެ. ނަމަވެސް އެވަރުގެ ކަމެއްވެސް ކުރަން ގިނަ ފަހަރަށް ދުއްވައިގަނެވެނީ ވާނެ ހަތަރެއްޗެއް ވެނިމި ޑޮކްޓަރަށް ދެއްކުމުން ދޭ ތިން ގަނޑުގެ ބޭހާއި އެކު ސްކޭނެއް ހަދަން އަމުރެއް ކޮށްލީމައެވެ. ބަލިވުމުގެ ކުރިން ބައްޔާމެދު ރައްކާތެރިވުމަކީ ބުއްދިވެރިގޮތެއް ނޫން ހެއްޔެވެ.