ހައިކޯޓް

ގާޒީ ނިހާން ބަންދުކުރި މައްސަލަ އަނެއްކާވެސް ހައިކޯޓަށް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ފޭކް ކޯޓް އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރި މާމިގިލީ ކޯޓުގެ އިސް ގާޒީ ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކޮށްފި އެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ގާޒީ ނިހާންގެ ފަރާތުން އޭނާގެ ވަކީލް ނާޒިމް އަބުދުލް ސައްތާރެވެ.

ގާޒީ ނިހާންގެ މައްޗަށް ހަތަރު ދައުވާކޮށް، އެ ދައުވާތަކުގެ ޝަރީއަތް ފަށައި، ފުރަތަމަ އަޑު އެހުމުގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ. އެ ކޯޓުން އެ ގޮތަށް ނިންމާފައިވީ ނަމަވެސް ތަހުގީގީ މަރުހަލާގައި ގާޒީ ނިހާންގެ ބަންދާމެދު ގޮތެއް ނިންމީ ހައި ކޯޓުންނެވެ. ނިހާންގެ ބަންދާމެދު ހައިކޯޓުން ގޮތެއް ނިންމީ، ފަނޑިޔާރަކު ހައްޔަރުކުރަން ޖެހޭނީ އެ ފަނޑިޔާރު މަސައްކަތް ކުރާ ކޯޓަކަށްވުރެ މަތީ ކޯޓެއްގެ އަމުރެއްގެ ދަށުން ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާތީ އެވެ.

މިއަދު ހައިކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ތަހުގީގީ މަރުހަލާގައި ގާޒީ ނިހާންގެ ބަންދާމެދު ހައިކޯޓުން ގޮތެއް ނިންމިއިރު ޝަރީއަތް ކުރިއަށްދާއިރު ވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމަންޖެހޭނީ ހައިކޯޓުން ކަމަށެވެ.

މި މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކޮށްފައި މިވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މީގެކުރިން ހުށަހެޅުމުން އެ ކޯޓުގެ ރެޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވުމުންނެވެ. އެ މައްސަލަ ބަލައިނުގަތީ، ހިނގަމުންދާ މައްސަލަތަކުގައި އެ މައްސަލައެއް ބަލާ ފަނޑިޔާރަކު ބަންދާ މެދު ނިންމާ ނިންމުންތައް ދައުލަތަށް ވެސް އަދި ދައުވާ ލިބޭ ފަރާތަށް ވެސް އިސްތިއުނާފު ނުކުރެވޭތީ އެވެ.