ހަބަރު

އިންޒާރުދިން ދެ މީހުން ދޫކޮށްލުމުން ފުލުހުން އިސްތިއުނާފަށް

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ފުލުހަކަށާއި ފުލުހެއްގެ އާއިލާއަށް މަރުގެ އިންޒާރު ދިން ދެ މީހުން ފުލުހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ދޫކޮށްލައިފި އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ހުކުރު ދުވަހުގެ ރޭ ދެ ގޭންގެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއް ހުއްޓުވަން ކަމަށް ބުނެ އެސްއޯ ފުލުހުން ހިނގި އޮޕަރޭޝަންގައި ބައިވެރިވި، އެސްއޯ ފުލުހެއްގެ އާއިލާ އިން އަވަސް އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހަކާ އެކު އެހެން ބަޔަކު ފުލުސް މީހާ ދިރިއުޅޭ ގެޔަށް ވަދެގަންނަން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި އެ ގްރޫޕުން ވަނީ ފުލުސް މީހާ އާއި އޭނާގެ އާއިލާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ކަމަށް ވެސް ފުލުސް މީހާގެ އާއިލާގެ މެންބަރަކު އަވަސް އަށް ބުންޏެވެ.

މި އާއިލާއަށް އިންޒާރުދިން ދެ މީހުން ފުލުހުން ހައްޔަރުކޮށް، އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މިއަދު އެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ އަވަސްއަށް ވިދާޅުވީ، މިއަދު އެ ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތަކަކާއެކު އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، އެ ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.