ހަބަރު

އެކައުންޓެއްގެ މައުލޫމާތު ލީކްކުރި ބީއެމްއެލްގެ ކުރީގެ މުވައްޒަފުގެ ބަންދު އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ނަހަމު ގޮތެއްގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ކުންފުނީގެ ކުރީގެ މުވައްޒަފުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ. އޭނާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ޖަހާފައިވަނީ، 10 ދުވަހެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމެވެ. އެ މައްސަލަ ފެންމަތިވުމާ އެކު ބޭންކުން ވަނީ އޭނާ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، ފެބުރުއަރީ މަހުގެ ތެރޭގައި ބެންކުގެ މުވައްޒިފެއް ހައްޔަރުކުރީ ބީއެމްއެލް ކަސްޓަމަރެއްގެ އެކައުންޓުގެ މައުލޫމާތު ނަހަމުގޮތެއްގައި ބޭނުން ކޮށްގެން ކަމަށެވެ. ނަމަވެސް މިކަމާއި ބެހޭ ތަފްސީލެއް ފުލުހުންނެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ބެންކުގެ މުވައްޒަފަކު ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަން އާ ގުޅުން ހުރި އެކައުންޓެއްގެ މައުލޫމާތު ލީކު ކުރި މައްސަލާގަ އެވެ.

މިމައްސަލައާ ގުޅިގެން ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ނަހަމު ގޮތެއްގައި ބޭނުންކޮށްފައިވާކަން ބޭންކުންވެސް ކަށަވަރުކޮށްދެ އެވެ.