ސަރުކާރުން މިދިޔަ އަހަރު 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ގެ ލޯނު ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ނުވަ ލޯނެއް ނަގާފަ އެވެ.
މީގެ ތެރެއިން އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުންނެވެ.
ސައުދީ ފަންޑުން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނު ނަގާފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 50 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ލޯނެކެވެ.
އެންމެ ބޮޑު ލޯނެއް ދެން ނަގާފައިވަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ (ޗައިނާ އެގްޒިމް ބޭންކް) އިން ނެވެ. 75 މިލިއަން ޑޮލަރުގެ މި ލޯނަކީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ރީފައިނޭންސިން އާއި އަޕްގްރޭޑް ކުރުމަށް ނެގި ލޯނެކެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިން ޖުމްލަ 40 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 10 މިލިއަން ޑޮލަރުގެ ލޯނަކާއި 30 މިލިއަން ޑޮލަރުގެ ލޯނެކެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް އިން 40 މިލިއަން ޑޮލަރުގެ ލޯނު މިދިޔަ އަހަރު ނަގާފައިވާއިރު އޭޝިއަން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ބޭންކުން 15 މިލިއަން ޑޮލަރު އަދި ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން 10 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވެ އެވެ.
މީގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން މިދިޔަ އަހަރު ހަތަރު މިލިއަން ޑޮލަރުގެ ލޯނު ނެގި އެވެ.