އަވަށްޓެރި އިންޑިއާއަކީ ރޭޕްގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓްކުރާ ގައުމެވެ. އެފަދަ މައްސަލަތަކުގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް މަރުގެ ހުކުމް އެ ގައުމު އިއްވާފައިވެ އެވެ. ނަމަވެސް އެކަމަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެ އެވެ. ކޮންމެ ދެ ދުވަހުން އެއް ދުވަހު އިންޑިއާގެ ނޫސްތަކުން ފެންނަނީ ރޭޕް ކޭސްއެއްގެ ހަބަރެވެ. ހަރަުކަށި އަދަބުދޭން ފެށުމުން ހައްލެއް ނުލިބުނު މައްސަލަ މި މައްސަލަ އިންޑިއާގައި ވާނެ އެވެ.
މިކަމާ ދެކޮޅަށް އަޑު އުފުލާ އެތައް ބަޔަކު މަގުމައްޗަށް ނިކުންނައިރު، ހައްގު ގެއްލިފައިވާ އެތައް އަންހެން ކުދިންނެއް އިންޑިއާގައި އެބަ ތިއްބެވެ. އަނެއްކާވެސް އިންޑިއާގައި ރޭޕް ކުރި މައްސަލައެއް މިވަނީ ފެންމަތިވެފަ އެވެ. މި ވާހަކަ ތަންކޮޅެއް ތަފާތެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޖާލައުން އަވަށުގައި ހިނގާފައިވާ މި ހާދިސާގައި މިހާރު ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. މިކަމެއް ހިނގާތާ ހަތަރު އަހަރު ވަނީވެފަ އެވެ. ބައްޕައަކު ދަރިއަކު ރޭޕް ކުރަނީ އެވެ. މައްސަލާގައި ހައްޔަރުކުރީ ބައްޕަ އެވެ. އަށާރަ އަހަރުގެ އަންހެން ދަރިފުޅު ރޭޕްކުރި މައްސަލާގަ އެވެ.
އަމިއްލަ ބައްޕަގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަ، މަންމަ އަދި އޭނާގެ ދައްތައަށް ކިޔައިދިނުން ވެސް އެ ވާހަކަތައް އެމީހުން ގަބޫލުކޮށްފައެއް ނުވެ އެވެ. ހަތަރު އަހަރު އެކަމުގެ ވޭން އެ އަންހެން ކުއްޖާއަށް އުފުލި އެވެ. ބައްޕައާ ދެކޮޅަށް އަޑު އުފުލަން ނުކުރެވިފައި އެހާ ގިނަ ދުވަހު ހުރުމަށްފަހު، ކެރިގެން ނިކުތީ އަނިޔާއަށް ކެތްކޮށް، އަނިޔާވެރިވުމަށް ފުރުސަތު ދިނުމަކީ ވެސް ކުށަކަށްވާތީ އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު އަންހެން ކުއްޖާ، ފުލުހުންގެ އިދާރާއަށް ދިޔައީ ބައްޕަގެ މައްސަލަ ހުށަހަޅާށެވެ. މައްސަލަ ބަލައިގަނެވޭނެ ހެކި ދެއްކުމުން ކަމަށް ފުލުހުން ބުނުމުން، ހެއްކެއްގެ ގޮތުގައި ވީޑިއޯއެއް އެ އަންހެން ކުއްޖާ ދެއްކި އެވެ. ބައްޕަ ބޭޒާރުކޮށްލީ އެވެ.
ހަގީގަތް ހާމަކުރުމަށް އެންމެ ފަހު ފުރުސަތެއްގެ ގޮތުގައި އޭނާ ރޭޕްކުރުމުގެ ފުރުސަތު އަންހެން ކުއްޖާ ދިނީ އެވެ. އެކަމަކު ރޭވުމެއްގެ ދަށުންނެވެ. ބައްޕަ އެ ކުއްޖާގެ ކޮޓަރިއަށް ވަންއިރު އޭނާ ބެހެއްޓީ ކޮޓަރީގެ ކުޑަ ދޮރު ހުޅުވާފަ އެވެ. އަދި ރަހުމަތްރިއެއްގެ އަތަށް ފޯނެއްދީ އެ މަންޒަރުތައް ވީޑިއޯކުރުމަށް ހަވާލުކޮށްފަ އެވެ. ފުލުހުންނަށް ދެއްކި ވީޑިއޯއަކީ އެއީ އެވެ.
ހަމަ އެރޭންރެއަށް ބައްޕަ ހައްޔަރުކުރިއިރު އަންހެން ކުއްޖާގެ މެޑިކަލް ޓެސްޓްތަކެއް ފުލުހުން ވަނީ ހައްދާފަ އެވެ. އެ ރިޕޯޓްތަކުގެ ނަތީޖާއެއް އަދި ނުލިބެ އެވެ.
އިންޑިއާގައި މިފަދަ މައްސަލަތައް އެތައް ގިނަ އަންހެން ކުދިން ސިއްރުކޮށްގެން ތިބޭއިރު މި އަންހެން ކުއްޖާ، އޭނާގެ އަމިއްލަ ބައްޕައާ ދެކޮޅަށް ނިކުމެ، ދެއްކި ހިތްވަރުމް ހިތްވަރު ލިބިގަތުމަށް އިންޑިއާގެ އެންޖީއޯތަކުން އަނިޔާ ލިބޭ އަންހެން ކުދިންނަށް ވަނީ ގޮވާލާފަ އެވެ.