ވިޔަފާރި

ރާއްޖޭގައި ބިން ހިއްކަން އިންގިލާބު ގެންނާނެ ޑްރެޖަރު ބަންނަން ތައްޔާރުވެއްޖެ

  • ޑްރެޖަރަކީ 35 މިލިއަން ޑޮލަރު މަޝްރޫއެއް
  • މި އަހަރު ރާއްޖެ ގެންނާނެ
  • އެތެރެވަރީގެ އެންމެ ފުނުން ވެސް ވެލިނެގޭނެ

ރާއްޖޭގެ ބިންހިއްކަން އަވަސް ކުރުމަށް، އެމްޓީސީސީން ގެންނަ 35 މިލިއަން ޑޮލަރު ޑްރެޖަރު އަންނަ މަހު ބަންނަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށް ގެންނަ "އީޒީ ޑްރެޖަރު" ގެ ސަބަބުން މި މަސައްކަތް އެތައް ގުނައެއް ހަލުއިވެ، ހަރަދު ވެސް ކުޑަ ވެގެންދާނެ ކަމަށެވެ.

"މިއީ ކޮންމެ ދުވަހަކު ވެސް ބަލަމުން އަންނަ ކަމެއް. މިއީ ރާއްޖޭގެ ބިން ހިއްކުމަށް ބޮޑު ބަދަލެއް ގެންނާނެ މަޝްރޫއެއް،" ރާއްޖޭން ބޭރުގައި ބަންނަ ޑްރެޖަރުގެ ފޮޓޯ ދައްކާލަމުން ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އުޅަނދުގެ ސަބަބުން ހަމައެކަނި އެމްޓީސީސީގެ މަސައްކަތް ހަލުވި ވެގެންދާނީ ނޫން ކަމަށާއި، މީގެ ސަބަބުން ރާއްޖެ އަށް ބޮޑެތި ކުރިއެރުންތަކެއް ވެސް ލިބޭނެ ކަމަށެވެ.

"އެޕްރީލް [އަންނަ] މަހު ބަންނަން ފަށަނީ. މިހާރު މީ [ޑްރެޖަރު] ގެ ޑިޒައިންގެ 75 ޕަސެންޓް ނިމިއްޖެ. އެންމެ ފުރަތަމަ 15 އެޕްރީލްގައި ބަންނަން ފެށޭނެ. މިއީ ރާއްޖޭގެ ފެންވަރު ބަލާއިރު ވެސް ބޮޑު އިންވެސްޓްމަންޓެއް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މި ޑްރެޖަރު ބަންދެގެން ރާއްޖެ ގެނެވޭ ވަރުވާނެ ކަމަށެވެ.

"މި މަސައްކަތް ކުޑަކޮށް ލަސްވެއްޖެ. ލަސްވާން ދިމާވި އެއް ސަބަބަކީ މީގެ ޑްރެޖަރުތަކުގައި އާއްމު ގޮތެއްގައި ހުންނަނީ 30 މީޓަރު އަޑިން ވެލި ނެގޭ ގޮތަށް. ނަމަވެސް އަޅުގަނޑުމެން އެބަ ބޭނުންވޭ 50 މީޓަރު އަޑިން ވެލި ނަގަން. ރާއްޖޭގެ ގިނަ ހިސާބުތަކުގައި އެވަރުގެ ފުންމިން މި ހުންނަނީ. އެހެންވެ ޑްރެޖަރު އެގޮތަށް މޮޑިފައި ކުރަން ޖެހެނީ،" ސައީދު ވިދާޅުވި އެވެ.

"މީގެ ކުރިން ކުރި ސާވޭތަކުން އެނގުނީ 30 މީޓަރަކީ އެންމެ ރަނގަޅު ވަރު ނޫންކަން. ހުވަދު އަތޮޅު ކަހަލަ އަތޮޅުތަކުގައި ތަންކޮޅެއް ފުން. އެހެންވެ 50 މީޓަރަށް މޮޑިފައި ކުރަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއް ފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ޖަމާކުރެވޭ މި ޑްރެޖަރުގެ ސަބަބުން މަސައްކަތް ހީވެސް ނުކުރާ ކަހަލަ ބަދަލެއް އަންނާނެ ކަމަށެވެ.

"މިވަރު [3،700 ކިއުބިކް މީޓަރުގެ ވެލި] އެއްފަހަރާ ލޯޑު ކުރެވޭނެ. މިވަރު ބަރުކޮށްގެން ބޭނުންވާ ތަނަކަށް ދަތުރުކުރެވޭނެ. މީގެން އެވްރެޖުކޮށް ދެ ދުވަހަކުން ހެކްޓަރެއް ހިއްކާލެވޭނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބޭރު ކުންފުނިތަކަށް މީގެ އެތައް ޑްރެޖަރެއް ބަންނަ ވަރަށް ފައިސާ ހަރަދު ކުރެވިފައިވާ ކަމަށެވެ.

"މިކަމުގައި ހުރިހާ ވެސް ޝުކުރެއް އޮތީ ރައީސް އަބްދުﷲ ޔާމީނަށް. މިއީ ސީދާ ރައީސްގެ އިނީޝިއޭޓިވްއެއް. މިކަމުގައި އެއް ވެސް ޑައުޓެއް ނެތް،" ސައީދު ވިދާޅުވި އެވެ.