އިމްރާން އަބްދުﷲ

އިމްރާނުގެ އިސްތިއުނާފު ޝަރީއަތް އަންނަ ބުރާސްފަތީގައި ފަށަނީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފި އެވެ. އެ މައްސަލަ ވަނީ ބުރާސްފަތި ދުވަހަށް ހައިކޯޓުގައި ތާވަލުކޮށްފަ އެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ، އިމްރާންގެ ފަރާތުންނެވެ.

ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރިއިރު އިމްރާންގެ ހުކުމުން 12 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. ހުކުމް އިއްވިއިރު މައްސަލަ ބެއްލެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވެސް ފާހަގަކުރެއްވީ 12 ނުކުތާ އެކެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި މޭޑޭގައި، ހިނގި ހަމަނުޖެހުންތަކަކީ އިމްރާނު އަބްދުﷲ ދެއްކެވި ވާހަކަތަކުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކެއް ކަމަށް ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށް ވަނީ ބުނެފަ އެވެ. ހުކުމުގައި ބުނެފައިވަނީ، މޭޑޭގައި ހިންގި ހަމަނުޖެހުންތަކާއި އެ ދުވަހު ފުލުހުންނަށް ލިބުނު އަނިޔާތަކަކީ އިމްރާން އަބްދުﷲ އެ ދުވަހު ދެއްކެވި ވާހަކައިގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދުނު ނަފުރަތެއްގެ ސަބަބުން ހިނގި ކަންކަން ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.