ހައިކޯޓް

ހުމާމްގެ ވަކީލު ހައިކޯޓަށް ހާޒިރުކޮށްފި

އިއްޔެ ސުޕްރީމް ކޯޓުގައި އޮތް ހުސެއިން ހުމާމްގެ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމްގެ ވަކީލް އަބްދުﷲ ހަސީން ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ ހައިކޯޓަށް ހާޒިރުކޮށްފި އެވެ. ހަސީން ހައިކޯޓަށް ހާޒިރުކޮށްފައިވަނީ މިއަދު އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެފައިވާ ހުމާމްގެ ދިފާއުގައި ވާހަކަ ދައްކަވަމުން ވަކީލް ހަސީން ވިދާޅުވީ، ހުމާމްގެ މައްސަލަ ހައިކޯޓުގައި ނިންމި ގޮތުގެ ރިޕޯޓް ލިބިފައިނުވާ ކަމަށެވެ. ހަސީންގެ އެ ވާހަކައާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިއްޔެ ވިދާޅުވީ، އެ ރިޕޯޓަކީ ހައިކޯޓުގެ ވެބްސައިޓުން ވެސް ލިބޭނެ ލިޔުމެއް ކަމަށެވެ. އަދި މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ވެސް ލިބިފައިވާ ކަމަށެވެ.

ވަކީލް ހަސީން އެގޮތަށް ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވުމުން އިއްޔެ ހައިކޯޓުން ވަނީ ހުމާމް މައްސަލަ ނިމިދިޔަ ގޮތުގެ ރިޕޯޓް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުމާމްގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ހައިކޯޓަށް ހާޒިރުވުމަށްފަހު އަވަސްއާ ވާހަކަ ދައްކަވަމުން ވަކީލް ހަސީން ވިދާޅުވީ، ކޯޓަށް ހާޒިރުކުރީ ސުޕްރީމް ކޯޓުގައި އިއްޔެ، ހުމާމްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބިފައިނުވާ ކަމަށް ބުނުމުން ކަމަށެވެ.

"ކުރީ ދުވަހުގެ ހައިކޯޓުގައި ހުމާމް މައްސަލާގެ ރިޕޯޓް ލިބިފައިނުވާ ކަމަށް ބުނީމަ، ދެން އަޅުގަނޑު ދެންނެވިން ދައުލަތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި އެ ރިޕޯޓް ނެތް ވާހަކައޭ އަޅުގަނޑު ދެންނެވީ، އަޅުގަނޑު ނުބުނަމޭ ހައިކޯޓުން އެ ލިޔުން ނުދިނެކޭ،"

ހަސީން ވިދާޅުވީ، ހައިކޯޓުން އިތުރު އެއްޗެއް ނުބުނާކަމާ، ސާފުކޮށްލަން ބޭނުންވީ އެކަން އެކަނި ކަމަށެވެ.