ހަބަރު

މާލޭގައި ސިންގަޅަ ބަސް ދަސްކޮށްދޭން ފަށަން މަޝްވަރާކޮށްފި

ގިނަ އަދަދެއްގެ ދިވެހި އާއިލާތަކެއް ތަފާތު ބޭނުންތަކަށް ސްރީ ލަންކާގައި ދިރިއުޅެމުން ދިޔުމާއި އެކު ސިންގަޅަބަސް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް މާލޭގައި މި ބަސް ކިޔަވައިދޭނެ ކްލާސްތަކެއް ހިންގުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރީ، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްގެ އަރިހަށް، ސްރީ ލަންކާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އާ ސަފީރު، މޭޖަރ ޖެނެރަލް (ރިޓަޔަޑް) ބީއާރްޑަބްލިޔުއެމްއާރްއޭބީ ތޮރަޑެނިޔަ ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގަ އެވެ.

މިއަދު ހެނދުނު ‏އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، މިނިސްޓްރ ވަނީ ސްރީ ލަންކާގެ ސަފީރަށް ތަހުނިޔާ ވިދާޅުވެފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ސްރީ ލަންކާ އާއި ދެމެދު ތައުލީމީ ދާއިރާއިން ގުޅުން އޮތް ގުޅުމާއި އަދި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މާލޭގައި ސިންގަޅަ ބަސް ކިޔައިވައިދޭ ކްލާސްތަކެއް ގާއިމުކުރުމުގެ އިތުރުން، ލަންކާގެ ހައި ކޮމިޝަނުގެ ފަރާތުން ކުރެއްވުމަށް ހިޔާރުކުރައްވާފައިވާ އެހެން ބައެއް ކަންތައްތަކުގެ މައުލޫމާތު މިނިސްޓަރާ ހިއްސާ ކުރައްވާ އެ ކަންކަމާއި ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އެގޮތުން، ބޭރު ގައުމުތަކުގެ ދަރިވަރުން ލަންކާގައި މަތީ ތައުލީމް ހާސިލްކުރުމަށް އެ ގައުމުގެ ސަރުކާރުގެ ފަރާތުން ދޭން ނިންމާފައިވާ ސްކޮލާޝިޕްތަކާއި ގުޅޭ ގޮތުންނާއި، މާލޭގައި އަންހެނުންނަށް ހާއްސަ ހިލޭ ކިޔަވައިދޭ ސެލްފް ޑިފެންސިން ކްލާސްތަކެއް ހިންގުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.