ހަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުން ހުރި މީހުން ހައްޔަރުކުރަންޖެހޭ: ނަޝީދު

މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރެއިން ހިޔާނާތް ހިނގުމުގައި ބައިވެރިވި ހުރިހާ މީހުން ހައްޔަރުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަވާ ޓްވީޓާ މެދުވެރިކޮށް ރައީސް ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާގެ ހިޔާނާތާ ގުޅޭ މީހުން ހައްޔަރުކުރަންޖެހޭ ކަމަށާއި ހަމައެކަނި ހައްޔަރުކުރަން ޖެހޭނީ އެކައުންޓްގެ މައުލޫމާތު ލީކްކުރި ބީއެމްއެލްގެ މުއައްޒިފު ނޫން ކަމަށެވެ.

އެކައުންޓެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމެވެ. އޭނާ ހައްޔަރުކުރީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން އާ ގުޅުން ހުރި އެކައުންޓެއްގެ މައުލޫމާތު ލީކު ކުރި މައްސަލާގަ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ މީހުންގެ ދިފާއުގައި މީގެކުރިން ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ތެރެއިން ހިންގާފައިވާ 1.22 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ، އެސްއޯއެފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައްލާމް ލަތީފް، މޮހޯއަކީ މައުސޫމް މީހެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރައްވާފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް އެކުލަވާލި އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުން 1.22 ބިލިއަން ރުފިޔާއަށް ހިޔާނާތްވެފައިވާކަން އެނގެން އޮވެ އެވެ. ރައީސް ނަޝީދު މޮހޯގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާއިރު، ހިޔާނާތުގެ ފައިސާގެ ތެރެއިން 1.1 ބިލިއަން ރުފިޔާ ލިބިފައިވަނީ އެސްއޯއެފް ކުންފުންޏަށެެވެ. އެއީ މޮހޯގެ ކުންފުންޏެކެވެ. އެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ ޑޮލަރު ގަތުމަށް ދޭ ފައިސާގެ ނަމުގަ އާއި ލޯނުގެ ގޮތުގަ އާއި ވަކި ކަމެއް ސާފު ނުވާ ކަންތައްތަކުގެ ގޮތުގަ އެވެ. އެ ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީއަށް ދީފައި ހުރި ޗެކްތަކުގެ ފަހަތުގައި އެ ކުންފުނިގެ އެމްޑީ އަބްދުﷲ ޒިޔަތު ސޮއިކޮށް އެންޑޯޒްކޮށްގެންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ދައުވާކޮށްފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލާއި ޒިޔަތުގެ މައްޗަށެވެ.

އެމްޑީޕީ އިން އަންނަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އަދި ޖަލުގައި ހުންނެވި އަދީބު ވެސް ދޫކޮށްލުމަށް ގޮވާލައި އަޑުއުފުލަމުންނެވެ. އެމްޑީޕީ އިން މީގެ ކުރިން އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރިޔަސް ރިޝްވަތު ހިފުމުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެފައި ވަނީ އަދީބަކީ އިހުލާސްތެރިއެއް ކަމަށެވެ.