ވިޔަފާރި

ބޮޑު ހިލަ ގެންނަން އެމްޓީސީސީން ބާޖުތަކެއް ހޯދައިފި

  • ހަތަރު ބާޖާއި ޓަގްތަކެއް ގެނެސްފައިވޭ
  • ފަސްދޮޅަސް ހެވީ ވެހިކަލް އެބަހުރި
  • ފަންސާހަށްވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދޭ

ރާއްޖެއަށް ބޭނުންވާ ބޮޑު ހިލަ ގެންނަން އެމްޓީސީސީން ބާޖުތަކެއް ހޯދައި، ހުސްނުވެ ހިލަ ލިބޭނެ އިންތިޒާމު ހަމަޖައްސަން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޮޑު ހިލަ ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުންފުނީގެ ބޯޑުން މުހިންމު ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ.

"މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ޕްރޮޖެކްޓްތައް ނިންމަން އޮތް އެންމެ ބޮޑު ހުރަހަކީ ބޮޑު ހިލަ ހޯދުން. އަބަދު ވެސް މި ޖެހެނީ އަވަށްޓެރި ގައުމުތަކަށް ހިލަ ގެނައުމުގައި ޑިޕެންޑްވާން. އެހެންވެ ކުންފުނީގެ ބޯޑުން ވަނީ އެކަން ކުޑަ ކުރުމަށް ފިޔަވަޅު ތަކެއް އަޅާފައި،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ ބޯޑުން ނިންމި ނިންމުމެއްގެ ދަށުން ހަތަރު ބާޖާއި ހަތަރު ޓަގުބޯޓް، ކުންފުނިން ގެނެސްފައިވާ ކަމަށެވެ. އަދި ހިލަ ހޯދުމަށް ކުރިން ދިޔަ އިންޑިޔާގެ ޓުޓިކޮރިން ފިޔަވައި އެހެން ދިމަދިމާލުން ވެސް ހިލަ ގެންނަން ފަށާފައިވާ ކަމަށެވެ.

"ހަތަރު އިންޓަނޭޝަނަލް ބާޖް އެންޑް ފްލީޓެއް އޮޕަރޭޓް ކުރަމުން މިދަނީ. މިހާރު ރާއްޖެއަށް ހިލަ ސަޕްލައިކުރާ އެންމެ ބޮޑު ޕާޓީއަކީ އެމްޓީސީސީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އިންޑިޔާގެ މެންގަލޫރުގެ ހިސާބުތަކުން ވެސް ހިލަ ގެންނަން ފަށާފައިވާ ކަމަށެވެ.

"ޓުޓިކޮރިން ވާގޮތަކީ ބަނދަރު ކުޑަވުމުން ދަތިވަނީ. އެހެންވެ ބެންގަލޫރުގެ ޕޯޓު މީހުންނާ ވާހަކަ ދައްކައިގެން ވާނީ އެތަނުން ހިލަ ލިބޭނެ އިންތިޒާމު ހަމަޖައްސާފައި،" ސައީދު ވިދާޅުވި އެވެ.

އެމްޓީސީސީން ވަނީ މަސައްކަތް ފުޅާ ކުރުމުގެ ގޮތުން ގިނަ އާލާތްތައް ހޯދާފަ އެވެ. އެގޮތުން އެ ކުންފުނީގައި ހެވީ އިކްއިޕްމަންޓުގެ ގޮތުގައި 60 އެކްސްކަވޭޓަރު އެބަ އޮތެވެ. އަދި 58 މަޝްރޫއެއް ކުރިއަށް ގެންދާއިރު، ކުރިއަށް އޮތް ދެ މަސްތެރޭގައި 17 މަޝްރޫއެއް މުޅިން އަލަށް ފަށާނެ އެވެ.