ދެހާސް އަށްވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަޖީދީމަގުގައި ތޫނު އެއްޗަކުން ހަމަލާދީ އައްޑޫ ސިޓީ ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދު މަރާލި ކަމުގެ ކުށް ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ގ. ރީފް، މުހައްމަދު ނަބީލްގެ އިސްތިއުނާފުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށައިފި އެވެ. ނަބީލްގެ މަރުގެ ހުކުމް ސުޕްްރީމް ކޯޓުގައި އިލްތިމާސްކުރީ، ޕީޖީއިންނެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން އިލްތިމާސްކޮށްފައިވަނީ ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި ނަބީލް ފަރާތުން އެ މައްސަލަ ހުށަހަޅާފައިނުވާތީ އެވެ.
ނަބީލަކީ ކުރީގައި އެމްއެންޑީއެފްގެ އެސްޕީޖީގައި ވަޒީފާއަދާކޮށްފައިވާ މީހެކެވެ. ފަރުހަދު މަރާލިކަމުގެ ތުހުމަތުގައި ނަބީލް ހައްޔަރުކުރިއިރު އޭނާ މަސައްކަތްކުރަމުން ދިޔައީ ބެންކް އޮފް މޯލްޑިވްސްގެ މުވައްޒަފެއްގެ ގޮތުގަ އެވެ. ނަބީލަކީ ތައުލީމީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައިވާ މީހެކެވެ.
ފަރުހަދުގެ ގަޔަށް ކަޓަރެއް އެއްލާ، އޭނާ މަރާލި ކަމަށް ކްރިމިނަލް ކޯޓުން ނިންމިއިރު ތަހުގީގީ މަރުހަލާގައި ބަންދުގެ މުއްދަތު މަޖިލީހެއްގަިއ ނަބީލް ވަނީ މާރާމާރީ ހިނގި ކަމަށް އިއުތިރާފުވެފަ އެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ނަބީލް ބުނީ، އޭނާ ފަރުހަދު މަރާނުލާ ކަމަށާއި މާރާމާރީގައި ބައިވެރިވި ކަމަށެވެ. މި މާރާމާރީ ހިނގާފައިވަނީ ފަރުހަދު، ނަބީލްގެ އަންހެން ކޮއްކޮ ނިއުމާއާ ބެހުމުގެ ސަބަބުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ނިއުމާ ވެސް މި މައްސަލާގައި ހެކިބަސް ދީފައިވާއިރު، ނިއުމާ ޝަރީއަތުގެ މަޖީލީހުގައި ނަބީލް ކަޓަރެއް ގެންގުޅު މަންޒަރު ނުފެންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް ތަހުގީގީ ބަޔާން ދެމުން ނިއުމާ ބުނެފައިވަނީ ފަރުހާދުއާ ދިމާލަށް ނާބީލު ކަޓަރު އެލަން އުޅުމުން އޭނާ އެވަގުތު ނަބީލުގެ ގައިގައި ހިފެހެއްޓި ކަމަށެވެ. ޝަރީއަތުން ބަލާފައިވަނީ ނިއުމާގެ ބަޔާނަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ނަބީލްގެ ކްރިމިނަލް ކޯޓުން ކޮށްފައިވާ މަރުގެ ހުކަމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. ނަބީލްގެ މަރުގެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. ދައުލަތުން ވަނީ އެ ހުކުމް ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅަންޖެހޭ ތިން ސަބަބެއް ދައްކާފަ އެވެ.
އެގޮތުން ފުރަތަމަ ސަބަބެއް ކަމަށް ދައުލަތުން ބުނީ، ކްރިމިނަލް ކޯޓުގައި ނަބީލްގެ މައްސަލަ ކުރިއަށް ދިޔައިރު އަދި ތަހުގީގީ މަރުހަލާގެ ވެސް ނަބީލަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ލިބިފައިވުމެވެ. ދެވަނަ ސަބަބެއް ކަމަށް ބުނީ، މާރާމާރީ ހިނގި ކަމަށް ނަބީލް އަމިއްލައަށް އިއުތިރާފުވެފައިވާ ކަމާއި ކުށް ސާބިތުވާ މިންވަރަށް ހެއްކާ ގަރީނާ ލިބިފައިވުމެވެ. ދައުލަތުން ތިންވަނަ ސަބަބެއް ކަމަށް ދެއްކީ، މައްސަލާގައި ހެކިންގެ ހެކި ބަސް ނަގާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށްވުމެވެ.
ނަބީލްގެ ފަރާތުން އޭނާގެ ވަކީލް އަލީ ޝާހް ވިދާޅުވީ، މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށާއި އެހެންކަމުން ޖަވާބުދާރީވުމަށް ފުރުސަތަކަށް އެދޭ ކަމަށެވެ. އިތުރު ފުރުސަތަކަށް އެދުމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ އެ މައްސަލަ ނަބީލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްނުކުރި ސަބަބު އައްސަވާފަ އެވެ.
ޖަވާބުގައި އަލީ ޝާހް ވިދާޅުވީ، ނަބީލްގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްނުކުރެވުނީ އެ މައްސަލައާ ގުޅުން ހުރި ބަޔަކަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފައިވުމާއި އެ މައުލޫމާތުތައް ލިބިފައިނުވުމުން ކަމަށެވެ. އަދި ނަބީލްއަކީ ބަންދުގައި ހުންނަ މީހެއް ކަމުން އިސްތިއުނާފުކުރަން ލިބޭ ފުރުސަތު އެކަށީގެންވާ ފުރުސަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު ޝަރީއަތް އުއްތަމަ ފަނޑިޔާރު ނިންމަވާލެއްވީ، ނަބީލަށް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ވިދާޅުވަމުންނެވެ.
މަރުގެ ހުކުމުން ސަލާމަތްވުމަށް ނަބީލަށް ލިބޭނެ މިއީ އެންމެ ފަހު ފުރުސަތެވެ. ސުޕްރީމް ކޯޓުގައި ނަބީލަށް ނާކާމިޔާބުވެއްޖެނަމަ މަރުގެ ހުކުމް ސަލާމަތްވެވޭނީ އެންމެ ގޮތަކަށެވެ. އެއީ ވާރިސުން ލުޔެއް ދީފިނަމަ އެވެ. މަރަން ކުރާ ހުކުމްތައް ރައިސުލްޖުމްހޫރިއްޔާއަށް ވެސް ލުއި ނުކުރެވޭނެ އެވެ. ފަރުހަދުގެ ހަތަރު ވާރިސުން ވެސް ވަނީ ގިސާސް ހިފުމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.
މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާ ކަމަށް ބުނެފައިވާއިރު، ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުގަ އެވެ. އެމީހާއަކީ އެންމެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދި މީހެކެވެ.