ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހއ. އަދި ހދ. ގެ ފަސް ރަށެއްގައި 500 ހައުސިން ޔުނިޓް އަޅައިދިނުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އަށް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވަން އޮޑިޓާ ޖެނަރަލްގެ އޮފީހުން ލަފާދީފި އެވެ.
ހައުސިން މިނިސްޓްރީގެ 2013 ވަނަ އަހަރުގެ މާލީ މުއާމަލާތްތައް ދިރާސާކޮށް އެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ހއ. އަދި ހދ. އަތޮޅުގައި 500 ހައުސިން ޔުނިޓް އެއްވެސް އަގަކާއި ނުލައި އަޅައިދިނުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޓްސް އާއެކު 2011 ވަނަ އަހަރު ސަރުކާރުން އެއްބަސްވީ ބަދަލުގެ ގޮތުގައި ހއ. ދައްޕާރުގައި 50 ލަގްޒަރީ ވިލާ އަޅަން 50 އަހަރުގެ މުއްދަތަށް އެއްވެސް ކުއްޔަކާ ނުލައި އެރަށް ދޫކުރުމަށް ކަމަށް ވިޔަސް 2012 ވަނަ އަހަރުގެ މާޗް މަހު އެ އެއްބަސްވުމަށް އިސްލާހެއް ގެނެސްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެއްބަސްވުމަށް ގެނައި އިސްލާހުގެ ދަށުން އެ 500 ހައުސިން ޔުނިޓް ގަންނަން ސަރުކާރުން ނިންމި ކަމަށާއި، ފްލެޓް ގަންނަން ސަރުކާރުން ނިންމި ނަމަވެސް، ދައްޕާރު ނޫމަޑިއަށް ކުއްޔަކާއި ނުލައި ދޭން ނިންމި ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ވާގޮތަށް، ލަގްޒަރީ ވިލާ އަޅަން ދައްޕާރުން ނޫމަޑިއަށް ބިން ދޫކުރަން ޖެހޭނީ ހައުސިން ޔުނިޓް ފުރިހަމަ ކުރެވޭ ނިސްބަތުން ކަމަށް އެޓާނީ ޖެނަރަލް ލަފާދެއްވާފައި ވަނިކޮށް، އެއާއި ހިލާފަށް ދައްޕާރުން ބިން ދޫކުރުމަކީ ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަމެއްކަން އޮޑިޓުން ފާހަގަކުރި އެވެ.
"500 ހައުސިން ޔުނިޓު އެޅުމަށް 2011 ވަނަ އަހަރު ވި އެއްބަސްވުމާއި އެއްގޮތަށް ފްލެޓް އެޅުމުގެ މަސައްކަތް ފަށާފައި ވަނިކޮށް، އެއަހަރު ސަރުކާރުން ހުޅުވާލި ސީއެސްއާރް މަސައްކަތްތަކުގެ ދަށުން ނަރުދަމާއާއި ރިސޯޓް ތަރައްގީކުރުމަށް ރަށްރަށް ދޫކުރުން ފަދަ ޕްރޮޖެކްޓް ތައް އިއުލާނުކުރުމާ އެކު 500 ފްލެޓްގެ މަސައްކަތް ފީސިބަލް ވާނެ ކަމަށް ނޫމަޑިއަށް ނުފެނުމުން އެ ކުންފުނިން މައްސަލަ ރައީސް އަށް ހުށަހެޅި އެވެ. އެ ހުށަހެޅުމާއި ގުޅިގެން ސަރުކާރާއި ނޫމަޑިއާއި އެކު ކުރި މަޝްވަރާތަކަށްފަހު ހުރިހާ ހައުސިން ޔުނިޓެއް ގަންނަން ސަރުކާރުން އެއްބަސްވި އެވެ. އެގޮތުން އެއް ފަންގިފިލާގެ ޔުނިޓެއް 39,900 ޑޮލަރަށް، ދެ ފަންގިފިލާގެ ޔުނިޓެއް 47,800 ޑޮލަރަށް ގަންނަން ސަރުކާރުން އެއްބަސްވި އެވެ. ފްލެޓްތައް ގަންނަން ސަރުކާރުން އެއްބަސްވި ނަމަވެސް ކުރިން އެ ފްލެޓްތައް އަގަކާއި ނުލައި އަޅައި ދިނުމުން ލަގްޒަރީ ވިލާ އަޅަން ބިން ދޫކުރާގޮތަށް އެއްބަސްވުމުގައި ބުނެފައިއޮތް މާއްދާއަށް ބަދަލު ނުގެންނަ ކަން ފާހަގަވެ އެވެ،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
ފަސްސަތޭކަ ހައުސިން ޔުނިޓް ސަރުކާރަށް ވިއްކަން އެއްބަސްވެ، ފްލޯ ތަކުގެ އަދަދަށް އެޕާޓްމަންޓްތަކުގެ އަގު ކަނޑައަޅައި، ނޫމަޑިން ސަރުކާރަށް ބިލް ފޮނުވައިގެން ސަރުކާރުން އެ ބިލްތަކަށް ފައިސާ ދައްކަމުންދިޔަ އިރުވެސް މުޅި ޕްރޮޖެކްޓަށް ހަރަދުވާނެ ޖުމްލަ އަގު އެ ކުންފުނިން ސަރުކާރަށް އަންގާފައި ނުވާކަމަށް ރިޕޯޓުގައި ބުންޏެވެ. އަދި ހައުސިން ޔުނިޓް ތަކަށް ބިލް ހުށަހެޅުމުން އެ ބިލްތަކަށް ފައިސާ ދެއްކުމުގެ ކުރިން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.24 މާއްދާގައިވާ ގޮތަށް އިންޖީނޭރަކު ނުވަތަ ސުޕަވައިޒަރަކުވެސް އެ ފުލެޓުތައް ނިމިއްޖެތޯ ބަލާފައިނުވާތީ ފްލެޓްތަކަށް ސަރުކާރުން ދިން ފައިސާ އަކީ ނޫމަޑިން ކުރި މަސައްކަތަށް ދޭންޖެހޭ އަގުކަން ޔަގީން ނުވާކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
އެ މަޝްރޫއަށް 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން 163.4 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ، މިފަދަ ބޮޑެތި މަޝްރޫއުތަކަކީ މަޝްރޫއުތައް ފަށާ ފަހުން އެއްބަސްވުމަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި މައްސަލާގައި ގަވާއިދުތަކާއި ފުށުއަރާ ގިނަ މައްސަލަތަކެއް ހުރުމުން މައްސަލާގައި ކޮރަޕްޝަން ހިމެނޭތޯ ބަލަން އޭސީސީއަށް މައްސަލަ ހުށަހެޅުމަށެވެ.