ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒަށް ދައުވާ ނުކުރަން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އަށް ފޯނުން ގުޅުއްވައި ބިރު ދައްކައި، އިންޒާރުދިން ކަމަށް ބުނާ މައްސަލާގައި ބިރު ދެއްކި ކަމަށް ގާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސް މުއިއްޒު ބޭނުންފުޅު ކުރައްވާފައިވާކަން އެނގެން ނެތް ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 7:04 ހާއިރު ރައީސް މުއިއްޒު، ޙުސެއިން ފިޔާޒަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި މައްސަލަ އެ ހިދުމަތުން ތަހުގީގުކުރުމަށް ފަހު އިއްޔެ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

"މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ހެކި ޤަރީނާ މި އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙުސައިން ފިޔާޒު މޫސާއަށް ގުޅައި އިންޒާރު ދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އެނގެން ނެތަތީ، މި މައްސަލައިގައި ދަޢުވާ ނުކުރުމަށް މި އޮފީހުން ވަނީ ނިންމާފައެވެ." ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ ބާބުގައި އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމައެވެ. އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމަ އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގައި އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމަ ކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

ޕީޖީ އޮފީހުން ބުނީ ފިޔާޒްގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ރައީސް އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށެވެ.

"މިއީ އިސްވެ ދެންނެވުނު ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް މި އޮފީހުން ނިންމީއެވެ." ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910