ހަބަރު

ޕާޕާ އާއި އަދީބުގެ ދެ ބޮޑީ ގާޑްގެ ބަންދަށް ހަތް ދުވަސް ޖަހައިފި

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ހައްޔަރުކުރި މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ބޮޑީގާޑުންގެ ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ. މިއީ އެމީހުންގެ ބަންދުގެ މުއްދަތު ޖެހި ތިންވަނަ ފަހަރެވެ.

މީގެކުރިން ދެ ފަހަރެއްގެ މަތިން 30 ދުވަސް ޖަހާފައިވެ އެވެ.

ޕާޕާއަށް ވަނީ ލޯންޗްކޮޅު ގޮއްވާލި މައްސަލާގައި ދައުވާކޮށްފަ އެވެ. މީގެ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، ފަޔާޒުގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މީގެއިތުރުން އަދީބުގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރުން ކަމަށްވާ ކޯޕްރަލް އަހްމަދު އާމިރާއި ސާޖެންޓް އަހްމަދު ރިކާޒްގެ މައްޗަށް ވެސް މި މައްސަލާގައި ވަނީ ދައުވާ އުފުލާއި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. ރިކާޒާއި އާމިރުގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ ދައުވާ އެވެ.