ކްރިމިނަލް ކޯޓް

ހެކިން ހާޒިރު ނުކުރެވިގެން ތިހާމް، ޒަމީރު އަދި ޕާޕާގެ މައްސަލަ ފަސްކޮށްފި

ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި ދައުވާކޮށްފައިވާ މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ ދެ މީހުން ކަމަށްވާ، މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މިއަދުގެ އަޑުއެހުން ބޭއްވޭ ގޮތް ނުވެގެން ކެންސަލްކޮށްފި އެވެ.

މިއަދުގެ އަޑުއެހުމަށް ތާވަލްކޮށްފައި އޮތީ، މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން މިހާތަނަށް ނުނެގިވާ ހެއްކެއްގެ ހެކި ބަސް ނެގުމެވެ. މީގެކުރިން މި މައްސަލާގައި ހެކި ބަސް ނެގުމަށް އަޑުއެހުމެއް ބާއްވާ ހެކިންގެ ހެކިސް ބަސް ނަގާފައިވެ އެވެ. މިއަދުގެ އަޑުއެހުމަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެމްއެންޑީއެފް އޮފިސަރެއް ކަމަށްވާ މުހައްމަދު ލިއާއު ހާޒިރުނުކުރެވިފައިވަނީ އޭނާ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އޭނާގެ ބަދަލުގައި ހެކި ބަސް ދިނުމަށް އިތުރު ދެ މީހެއް ހެއްކެއްގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ. ނަމަވެސް އެ ފުރުސަތު ދައުލަތަށް ދިނުމާމެދު ދައުވާ ރައްދުވާ ތިން ފަރާތުން ވެސް ވަނީ ދެކޮޅު ހަދާފަ އެވެ. އެ ފަރާތްތަކުގެ ވަކީލުން ވިދާޅުވީ، ދައުލަތަށް އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ލިބޭ ނަމަ އެ ފަރާތްތަކަށް ވެސް ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. އަދި ހެކި ހުށަހަޅަން ބާއްވާ އަޑުއެހުމުގައި އިތުރުން ހެކި ހުށަހެޅުމަށް އެހެން ފުރުސަތެއް ދިނުމަކީ އުސޫލާ އެއްގޮތް ކަމެއް ނޫން ކަމަށެވެ.

ގާޒީ އިތުރަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ނުދޭން ނިންމާފަ އެވެ. މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ. އަދި މުހައްމަދު ލިއާއުގެ ހެކި ބަހަކީ މުހިންމު ހެކި ބަހެއް ކަމަށް ދައުލަތުން ބުނެފައިވާތީ އޭނާގެ ހެކި ބަސް ދެން އަންނަ އަޑުއެހުމެއް ނަގާނީ ކަމަށް ގާޒީ ވިދާޅުވި އެވެ. ދެން މި މައްސަލާގެ އަޑުއެހުމެއް އޮންނާނީ ޖޫން ހަތެއްގަ އެވެ. އޭނާ ރާއްޖެ އަންނަނީ ޖޫން ހަތަރެއްގަ އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އައިޑީޑީއާއި ގޮވާޒާތުގެ އެއްޗެހީގެ އެސްޕާޓެއް ހާޒިރުކޮށް އެ ފަރާތުގެ ވާހަކަތައް ވެސް އަޑުއަހާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، ފަޔާޒުގެ މައްޗަށް މި މައްސަލާގައި އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ވެސް އުފުލާފައިވަނީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ އެވެ.