އަހުމަދު ފަޔާޒް (ޕާޕާ)

ޕާޕާގެ މައްސަލާގައި ޗީފް އޮފް ޑިފެންސްގެ ހެކި ބަހެއް ނުނެގި

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ)ގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް މުހައްމަދާއި ވައިސް ޗީފް އޮސް ޑިފެންސް ފޯސް އަހުމަދު ޝާހިދުގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.

މި މައްސަލާގައި ޕާޕާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ނުނެގިހުރި ހެކިންގެ ހެކި ބަސް ނެގުމާއި ޕާޕާގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނެގުމެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ވަނީ ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއްގެ ހެކި ބަސް ނަގާފަ އެވެ.

އޭނާ ބުނީ، ތަހުގީގުކުރުމަށް ފޮނުވި ފުލުހުންނަށް ލޯންޗުކޮޅަށް ނޭރިގެން ޑިފެންސް މިނިސްޓަރު، ހޯމް މިނިސްޓަރު އަދި ޗީފް އޮފް ޑިފެންސްއާ ފޯނުން ގުޅާ ވާހަކަ ދެއްކި ކަމަށެެވެ. ހޯމް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ވިދާޅުވީ އެކަން ބައްލަވާނެ ކަމަށާއި ޑިފެންސް މިނިސްޓަރު ވިދާޅުވީ، ޕާޕާއަށް ގުޅައިގެން އެކަން ކުރިއަށް ގެންދިޔުމަށް ކަމަށް އޭނާ ބުންޏެވެ. ސިއްރު ހެކިވެރިޔާ އިތުރަށް ބުނީ، ޑިފެންސް މިނިސްޓަރު އެގޮތަށް ވިދާޅުވުމުން ޕާޕާއަށް ގުޅި ކަމަށާއި ޕާޕާ ބުނީ، އީއޯޑީ ނިމުމުން ފުލުހުންނަށް ލޯންޗުކޮޅަށް އެރޭނެ ކަމަށެވެ.

އެ ހެކިވެރިޔާ ހެކި ބަސް ނިމުމުން މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ ވިދާޅުވީ، ޕާޕާގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ގިނަ ހެކިން ދައުލަތުން ވެސް ހުށަހަޅާފައިވާތީ އެ ހެކިންގެ ހެކި ބަސް ނަގާ ނިމިފައިވާ ކަމަށެވެ. ބާކީ ތިބި ތިން ހެކިންގެ ހެކި ބަސް ނުނެގުމަށް ޝަރީއަތުން ނިންމާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ހެކީގެ ހެކި ބަސް ނުނެގުމަށް ނިންމީ އޭނާގެ މައުލޫމާތު ފުރިހަމައަށް ސާފުނުވާތީ އެވެ. ބާކީ ދެ ހެކީންގެ ހެކި ބަސް ނުނަގަން ނިންމީ ދައުވާއާ ގުޅުންހުރި ކަމެއް ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެކިން ކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭތީ އެވެ.

އެ ތިން ހެކިންގެ ނަން ގާޒީ ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ޕާޕާގެ ފަރާތުން ހުށަހެޅި ހެކިންނަށް ބަލާއިރު، ހެކި ބަސް ނުނަގާ ތިބީ، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް މުހައްމަދާއި ވައިސް ޗީފް އޮސް ޑިފެންސް ފޯސް އަހުމަދު ޝާހިދު އަދި ފުލުހެކެވެ. ޝިޔާމާއި ޝާހިދުގެ ހެކިބަސް ނުނަގަން ޝަރީއަތުން ނިންމިއިރު މިއަދުގެ އަޑުއެހުމަށް ހާޒިރުވުމަށް އެ ދެ ބޭފުޅުންނަށް ކޯޓުން އަންގަވާފައިވެ އެވެ.

މި މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އެވެ. އެ ދުވަހު އޮންނާނީ މައްސަލާގައި ދެ ފަރާތުގެ ވެސް ހުލާސާ ބަޔާން އިއްވުމެވެ.