ރިޔާސީ ލޯންޗް ކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮައްވާލި މައްސަލާގައި ހައްޔަރުކުރި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) ގެ މައްޗަށް އިއްވި ދެ ހުކުމް ވެސް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ދެ ހުކުމް ވެސް ބާތިލުކުރި އިރު ޕާޕާ ހުރީ ދެ ހުކުމްގެ މުއްދަތު ތަންފީޒުކޮށް މިނިވަންވެސް ވެފައެވެ.
ޕާޕާގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވިިއިރު އެ މައްސަލާގައި އޭނާއަށް އިއްވީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ. އެއީ 2016 ވަނަ އަހަރުގެ ޖޫން މަހު އެވެ. ނަމަވެސް ޕާޕާ ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ހުކުމްގެ މުއްދަތު ގުނާފައިވަނީ ހައްޔަރުކޮށް ބަންދުކުރި ދުވަހުން ފެށިގެންނެވެ.
"ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮައްވާލި މައްސަލާގައި ގާނޫނީ ޒިންމާ އަދާކުރަން ހުރި މުވައްޒަފަަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެ ޕާޕާގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. ދެ ހުކުމް ތަންފީޒުކޮށް ނިމިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ދެ އަހަރުގެ ޖަލު ހުކުމް ކުރިމިނަލް ކޯޓުން ޕާޕާގެ މައްޗަށް އިއްވި މައިގަނޑު ސަބަބަކީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމަށްފަހު އެ ސަރަހައްދު އޭނާގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް އޭނާގެ އަމުރު މައުރޫފް އެތާ ހިންގާފައިވާއިރު އެތާ އަމަލުކޮށްފައިވަނީ ސިފައިންގެ އިސްވެރިން އޭނާއަށް އަމުރުކުރި ގޮތަށް ކަމަށް އޭނާއަށް ސާބިތުކޮށްދެވިފައިނުވާތީ އެވެ.
ހައިކޯޓުން އެ ހުކުމް ބާތިލްކޮށް މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އެ ދުވަހު އެ ތަނުގެ ކޮންޓްރޯލް ޕާޕާ ނެގިތޯ ނުވަތަ އެތަނުގައި އަމުރު މައުރޫފް ހިންގީ އޭނާތޯ ނުވަތަ އަމުރު މައުރޫފް ހިންގުމަށް އިތުރު ސިފައިންތަކެއް ތިބިތޯ ސާބިތު ކުރުމަކީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން ޕާޕާގެ މައްޗަށް ދައުވާކޮށްފައިވާ ގާނޫނުލްއުގޫބާތުގެ މާއްދާގައި ބުނާ ހަ ކުށުގެ އަމަލުގެ ތެރެއިން އޭނާ ކުރީ ކޮން އަމަލެއްކަން ދައުލަތަށް ސާފުކޮށްދެވިފައިނުވާކަން ހުކުމްގައި ފާހަގަކުރި އެވެ. އަދި ދަށުގެ ކޯޓުގެ ޝަރީއަތުގައި ވެސް އެކަން ދައުލަތަށް ސާފުކޮށްދެވިފައިނުވާއިރު އެކަން ސާފުކޮށްދީގެން މެނުއީ ކުށުގެ އެންމެ އަސާސީ އުންސުރު ތެރޭގައި ހިމެނޭ ކުށުގެ އަމަލުގެ ރުކުން ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައި ބުންޏެވެ. އެހެންވެ ފަނޑިޔާރުން ނިންމެވީ އެ ދައުވާއަކީ ވެސް ޕާޕާގެ މައްޗަށް ކުރެވިގެންވާނެ ދައުވާއެއް ނޫން ކަމަށެވެ.
މި މައްސަލާގައި ޕާޕާގެ ދަށުން މަސައްކަތް ކުރެއްވި އޭރުގެ ސިފައިންގެ ދެ ބޭކަލުން ކަމަށްވާ މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ކުށް ސަބިތުކޮށް ކުރިމިނަލް ކޯޓުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ތެރެއިން ޒަމީރުގެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް ތިހާމްގެ ހުކުމަށް ހައިކޯޓުން ތާއިދުކުރި އެވެ.
ނޫނީ ޒިންމާ އަދާކުރަން ހުރި މުވައްޒަފަަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ކުރިމިނަލް ކޯޓުން ޕާޕާގެ މައްޗަށް ސާބިތުކުރީ ލޯންޗުކޮޅު މައްސަލާގައި އެ ލޯންޗުކޮޅަށް ފުލުހުން އެރިޔަނުދީ ހިފެހެއްޓި ކަމަށް ބުނެ އެވެ. ނަމަވެސް ހައިކޯޓުން މިއަދު އެ މައްސަލާގައި އިއްވި ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި ފުލުހުން ލޯންޗުކޮޅަށް އެރުން މަނާ ނުކުރާ ކަމާއި ސެކިއުރިޓީ ޗެކިން ނިމެންދެން އެރުވުން މަޑުޖައްސާލީކަން ހެކިންގެ ބަހުން އެނގެން އޮންނަ ކަމެވެ.
އަދި، އެގޮތަށް ޕާޕާ އަމަލު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް އަންގަވައިގެންކަން އޭނާ ދެއްވާފައިވާ ބަޔާނުން އެނގެން އޮންނާތީ އެކަމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށުގެ އަމަލަކަށް ނުހެދޭނެ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.