ސިއްހަތު

ބްރެސްޓް ކެންސާ: ހޭލުންތެރިވާންވީ ކިހާ ވަރަކަށް؟

ސިއްހީ ބައެއް ކަހަލަ މައްސަލަތަކަކީ މީހެއްގެ ފަރާތުން ނޫނަސް، އަމިއްލަޔަށް އެކަންކަމުގެ ފުރިހަމަ މައުލޫމާތާއި ހަގީގަތް ރަނގަޅަށް އޮޅުން ފިލުވައި އެކި ގޮތްގޮތުން މަޝްވަރާކޮށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ މައްސަލަ ތަކެވެ. ރާއްޖެއަށް ބަލާއިރުވެސް، ބައެއް ކަހަލަ ސިއްހީ މައްސަލަތަކަކީ މައްސަލައިގެ ބާވަތުންނާއި ޒަމާނުއްސުރެ މުޖުތަމައުގައި އޮންނަ އަދަބުތަކާއި ސަގާފަތުގެ ސަބަބުން އެޅޭ ކުދި ހުރަސްތަކުގެ ސަބަބުން އެކަށީގެންވާ ވަރަށް ރަނގަޅު މައުލޫމާތު ނުލިބި ހުންނަ މައްސަލަތަކެވެ. ނަމަވެސް އެއީ ދެރަ މައްސަލައެކެވެ. ސިއްހީ ކަންކަން ދިރާސާ ކުރުމާއި ބަލިތަކާއި ބެހޭ ގޮތުން ވާހަކަދައްކަން ލަދުވެތިވެ ދިމާވާ ސިއްހީ މައްސަލަތައް ފޮރުވައިގެން ތިބުމަކީ އަމިއްލަ ނަފުސުގެ އިތުރުން މުޖުތަމައަށްވެސް އޭގެ ސަބަބުން ނުބައި އަސަރު ކުރާނެ ކަމެކެވެ.

ބްރެސްޓް ކެންސާ ނުވަތަ އުރަމަތީގެ ކެންސަރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ އަންހެނުންނަށް ޖެހުން ގާތް އެހެން ނަމަވެސް ފިރިހެނުންނަށް ވެސް ޖެހިދާނެ ނުރައްކާތެރި ބައްޔެކެވެ.

އުރަމަތީގެ ކެންސަރު ފެށެނީ އުރަމަތީގައި ހުންނަ ޓިޝޫތަކުންނެވެ. ކެންސަރު ޖެހެން މެދުވެރި ވަނީ އެ ޓިޝޫތަކުގައި ވަރަށް ބައިވަރު ކެންސަރު ސެލްތައް ޖަމާވެ ވިހަ ޓިއުމަރެއް އުފެދުމުންނެވެ. މި ކެންސަރެއްގެ ދެ ބާވަތެއް ވެ އެވެ. އެއީ ލޮބިއުލާ ކާސިނޯމާ އާއި ޑަކްޓަލް ކާސިނޯމާ އެވެ. ލޮބިއުލާ ކާސިނޯމާ އަކީ އަންހެނުންގެ އުރަމަތިން ކިރު އުފައްދައިދޭ ހިސާބަށް (ލޮބިއުލްސް) އަށް ޖެހޭ ކެންސަރެވެ. ޑަކްޓަލް ކާސިނޯމާ އަކީ ކިރު ފޮނުވައިދޭ ހޮޅި އަށް ޖެހޭ ކެންސަރެވެ.

އުރަމަތީގެ ކެންސަރުގެ ބިރުވެރިކަމަށް ވިސްނާލާއިރު، އެ ބައްޔަކީ މުޅި ދުނިޔެއިން ވެސް ދެވަނަޔަށް ކެންސަރުގައި އަންހެނުން އެންމެ ގިނައިން މަރުވާ ބަލި ކަމަށް ސިއްހީ ތަޖުރިބާކާރުންގެ ހޯދުންތަކުން ވަނީ ކަށަވަރުވެފަ އެވެ. އެންމެ ގިނައިން އަންހެނުން މަރުވާކަމަށް ބެލެވެނީ ލަންގް ކެންސާ ނުވަތަ ފުއްޕާމޭގެ ކެންސަރު ޖެހިގެންނެވެ. އެހެން ނަމަވެސް މި ކެންސަރެއްގެ ބިރަކުން ފިރިހެނުންނަށް އަދި ސަލާމަތް ވެވުނީއެއް ނޫނެވެ. އެއޮއް ތަރައްގީ އެމެރިކާގައިވެސް ކޮންމެ އަހަރަކު ދެހާހަށް ވުރެ ގިނަ ފިރިހެނުންނަށް ބްރެސްޓް ކެންސާ ޖެހޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެންވީމާ މި ކަމެއްގެ މައުލޫމާތު ހޯދަން ތި ވިސްނީ މާ ލަހުންނެއް ނޫން ހެއްޔެވެ؟

ކެންސަރު ޖެހެނީ ކީއްވެކަމެއް ނޭނގެއެވެ. ސިއްހީ ތަޖުރިބާ ކާރުންނަށް އުޅެ އުޅެ ސީދާ ޓެކްނިކަލް ސަބަބެއް މިކަމަށް އަދި ދެއްކިފައެއް ނެތެވެ. ނަމަވެސް ބްރެސްޓް ކެންސާ ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ އަންހެނުންނަށެވެ. ކެންސަރުގެ އެހެން ވައްތަރުތަކާ އެއްގޮތަށް އުރަމަތީގެ ކެންސަރަކީވެސް އާއިލާގައި އެފަދަ ހިސްޓްރީއެއް އޮވެއްޖެނަމަ ޖެހުން ކައިރި ކަމެކެވެ. ދިރާސާތަކުން އެނގޭ ގޮތުގައި އުރަމަތީގެ ކެންސަރު ޖެހޭ މީހުންގެ 20-30 ޕަސެންޓަކީ އާއިލާގެ ފަރާތުން ބަލި ވާރުތަވާ މީހުންނެވެ. މީގެ އިތުރުންވެސް އުމުރުން 50 އަށް ވުރެ މައްޗަށް ދިއުމުންވެސް ކެންސަރަށް މަގުފަހިވެ އެވެ. އެހެންވީމާ މާމަގެ މަންމަޔާ ހިސާބުން ފެށިގެން އާއިލާގެ ހެލްތު ރިކޯޑް ބަލާލަން ވެސް މިހާރު ވެއްޖެއެއް ނޫންހެއްޔެވެ.

ބައެއް ފަހަރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ މައުލޫމާތު އެނގުނަސް، އަމިއްލަޔަށް ކަމެއް ދިމާވާއިރު މި ވަނީ ކީއްކަން ދެނެގަންނަން އުނދަގޫވުމެވެ. އުރަމަތީގައި ކެންސަރަށް ފަހިވެދާނެ މައްސަލައެއް ހުރިތޯ ބަލާލަން އަމިއްލަޔަށް ވެސް ކުޑަ ޗެކްއަޕެއް ހަދާލެވިދާނެ އެވެ. އެގޮތަށް ޓެސްޓުކުރަންޖެހެނީ ކޮންމެހެން ކެންސަރު ހުރެދާނެތީ އެއް ނޫނެވެ. ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ވެސް އެއީ ދޭތެރެ ދޭތެރެއިން ކޮށްލުން ރަނގަޅުކަމެކެވެ.

އުރަމަތީގައާއި ކިހިލިފަތީގައި ހަރު އަދި ރާޅުކަމެއް ހުރި ގޮށެއް ނުވަތަ ގޮށްތަކެއް ފާހަގަކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ. ކެންސަރު ޖެހޭ ގޮށްތައް ގިނަ ފަހަރަށް ހުންނާނީ ވަރަށް ހަރުކޮށް ވަކި ބައްޓަމަކަށް ނުފެތޭ ގޮތަށެވެ. އެހާ ތަދު ނުވެދާނެ އެވެ. އަދި ބައެއްފަހަރު އެ ގަނޑުކޮޅު އެއްތަނެއްގައި ވެސް އޮވެދާނެ އެވެ. އެހެން ނަމަވެސް ވިސްނާލަން ޖެހެނީ ރީތިކޮށް މަޑުކޮށް ގަނޑުކޮޅެއްގެ އަލާމާތެއް ފެންނަން ނުހުންނަ އިރުވެސް ބައެއް މީހުންނަށް ކެންސަރު ޖެހިފައި ހުރި ކަމެވެ. އެހެންކަމުން އުރަމަތީގައި ރިއްސާނަމަވެސް، ދުޅަވެފައި ހުންނަހެން ހީވާ ނަމަވެސް ޑޮކްޓަރަށް ދެއްކައި ސްކޭނެއް ހެދުން މުހިއްމެވެ.

މީގެ އިތުރުންވެސް އުރަމަތީގެ ހަންގަނޑު ކުރަކިވެ، ހަލާކުވުމާއި ވައްގަނޑު ރަތްވެފައި ހުރުމާއި، ފިތާލުމުން ލޭއައުމާއި، އުރަމަތީގެ ހަންގަނޑުގައި ރާޅުކަމެއް ހުރުމާއި އެކު އޮރެންޖުގެ ތޮށިގަނޑު ގޮތަށް ތަންތަންކޮޅު ވަޅުވަދެފައި ހުރުމަކީވެސް ބަލީގެ އަލާމާތެކެވެ. މި ކަންކަމާއެކު އުރަމަތި ވަކި ކޮޅަކަށް ބޮޑުވެފައި ހުރުމަކީވެސް ބަލައިލެވޭނެ ގޮތެކެވެ.

ފިރިހެނުންނަށް އުރަމަތީގެ ކެންސަރުޖެހިގެން ހަށިގަނޑުގެ އެހެން ހިސާބުތަކަށް އަސަރުކުރާވަރު ވެއްޖެ ނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކަށީގައި ރިއްސުމާއި ބަރުދަން ލުއިވުމާއި އަތް ދުޅަވުމުގެ އިތުރުން މޭމަތީގެ ހަންގަނޑު ކުރަކިވެ މޭމައްޗާއި އެކު ކިހިލިފަތީގައި ރިއްސުން ހިމެނެ އެވެ.

އެކަމަކު ހަނދާން ކުރާށެވެ. އުރަމަތީގައިވެސް ހުންނަ ހުރިހާ ގަނޑުކޮޅަކީ ކެންސަރެއް ނޫނެވެ. އެހެންވީމާ ޓެސްޓު ކުރާ ގަޑީގައި އެއްފަރާތުން ގަނޑުކޮޅެއް ހަމަ ފެންނަ އިރަށް ރޯން ނުފަށާށެވެ. އެފަދަ ގަނޑުކޮޅެއް ފެނިއްޖެނަމަ ދެވަނަ ފަރާތްވެސް ރަނގަޅަށް ޗެކު ކުރާށެވެ. ދެ ފަރާތުގައިވެސް އެއްގޮތަކަށް ގަނޑުކޮޅެއް އޮތުމަކީ ނޯމަލް ކަމެކެވެ. އަންހެންކުއްޖަކު ނަމަ ބްރެސްޓް ލަމްޕް (ގަނޑުކޮޅު) ހުރިތޯ ޓެސްޓުކުރަން އެންމެ ރަނގަޅު ދުވަސްކޮޅަކީ ޕީރިއަޑް ވާ ދުވަހުން ފެށިގެން 10-07 ދުވަހާއި ދެމެދުގެ ދުވަހެއްގައި ޓެސްޓު ކުރުމެވެ. ރަނގަޅު ގޮތަކީ ދެ ތިން މަސްވަންދެން ގަވާއިދުން ޓެސްޓުކުރުމެވެ.

ބްރެސްޓްކެންސާ ދެނެގަންނަން ބައިވަރު ޓެސްޓް ހެދިދާނެއެވެ. އާންމުކޮށް ހަދަނީ މެމޯ ގްރާމެވެ. މެމޯގްރާމަކީ އުރަމައްޗަށް އަންނަ ބަދަލުތައް ވަރަށް ރީއްޗަށް ފެންނަން ހުންނަ ސްކޭން އެކެވެ. އެހެންވީމާ މެމޯގްރާމެއް ހެދުމުން ކެންސާ ޖެހިފައިވާނަމަ އެކަންވެސް އެނގޭނެ އެވެ. މީގެ އިތުރުން އެމްއާރްއައި އާއި އަލްޓްރާސައުންޑް ސްކޭންވެސް ހަދައެވެ. އުރަމަތިން ފެންނަ ނުރަނގަޅު ގޮށް ނުވަތަ ގަނޑުކޮޅު ނަގާ ޕްރޮސީޖާއަށް ކިޔަނީ ބްރެސްޓް ބައޯޕްސީ އެވެ.

ބްރެސްޓް ކެންސާއިން ރައްކާތެރިވުމަށް ވިސްނާއިރު ހަނދާނުގައި ބަހައްޓަންޖެހޭ އެއް ކަމަކީ ތައިރޮއިޑް މާ މައްޗަށް ހުންނަ މީހުންނަށް ނޯމަލް މީހުންނަށްވުރެ 11 ޕަސެންޓް ހައި ރިސްކް ކެންސަރު ޖެހުމަށް އޮންނަ ކަމެވެ. އަދި ބްރެސްޓް ކެންސަރަކީ ރަހިމުގެ ކެންސަރަށް ވެސް މަގުފަހި ކުރުވާ ކަމެއް ކަމެވެ.