މޯލްޑިވިއަން އައިޑޮލް

މިރޭގެ ލަވަތައް ހާއްސަ ކުރަނީ އެންމެ ލޯބިވާ މީހުންނަށް

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން 600 ކުދިންނާ ވާދަކޮށް ގޯލްޑަން ޓިކެޓް ލިބިގެން މުބާރާތަށް ހޮވުނު 45 ކުދިންގެ ތެރެއިން ޝޯގައި މިހާރު ތިބި ކުދިންގެ އަދަދު މިވަނީ 8 އަކަށް މަދުވެފަ އެވެ. މުބާރާތުގެ އެންމެ ފޯރި ގަދަ ހިސާބާ ހަމައަށް އައި އިރު ގިނަ ބަޔަކު މިވަނީ މި އައިޑޮލްގެ ރަން ވަނަ ހާސިލް ކުރާނެ ފަރާތްތައް ހިތާ ހިތުން ނިންމާފަ އެވެ. އައިޑޮލް ގެންދާނީ މިވެނި ކުއްޖެކޭ ބުނެ "ބެޓު" ކުރުންތައް ބެލުންތެރިން ފަށާފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑުގެ ފަސް ވަނަ ޝޯ މިރޭ ދައްކާއިރު މިރޭގެ ޝޯ ވަރަށް ތަފާތުވާނެ އެވެ. މިރޭ ބައިވެރިން ލަވަ ކިޔަން ހަމަޖެހިފައިވާ ތީމަކީ "ޑެޑިކޭޓެޑް ޓް" މި ތީމަށެވެ. މި ތީމްގެ ދަށުން ކޮންމެ ބައިވެރިޔަކަށް ވެސް އެ ބައިވެރިޔަކު ބޭނުންވާ ލަވައެއް ކިޔުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ލަވައެއް ހާއްސަކޮށްލަން ބޭނުންވާ ފަރާތަށް ހާއްސަ ކުރެވޭނެ އެވެ. ބައިވެރިންގެ ދިރިއުޅުމާ ގުޅުންހުރި ލަވަތައް މިރޭ ހުށަހަޅައިދޭނެއިރު ލަވަ ހުށަހަޅައިދިނުމުގެ ކުރިން ލަވަ ހާއްސަކޮށްލާ ފަރާތް އެ ބައިވެރިޔަކު ބުނާނެ އެވެ. މިރޭގެ ޝޯ ތަފާތުވާނެ މިއީ ވަރަށް ބޮޑު ސަބަބެކެވެ.

މިދިޔަ ހަތަރު ޝޯ ގައިވެސް ބެލުންތެރިން ލަވަ ހުށަހަޅައިދީފައިވަނީ ވަކި ތީމަކަށެވެ. މިދިޔަ ޝޯގައި ބައިވެރިން ލަވަ ހުށަހަޅަިދީފައިވަނީ "މޯލްޑިވިއަން" ނުވަތަ ދިވެހިވަންތަ ލަވަތެކެވެ.

މިރޭ ވެސް ބައިވެރިން ހުށަހަޅައިދޭ ލަވަތަކަށް ޖަޖުން މާކްސް ދޭ އިރު މާދަމާގެ ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މާދަމާ ރޭގެ ޝޯ އިން ވެސް ބައިވެރިޔަކު މުބާރާތާއި ވަކިވެގެންދާނެ އެވެ. އެންމެފަހުން ޝޯއިން ވަކިވެގެންދިޔައީ އަޒްލީމާ އެވެ.

އެންމެފަހުގެ ޝޯގައި "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުން ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ.

ރާއްޖެގައި ދައްކާ އެންމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޝޯ ގެ ގާލާ ރައުންޑު ކުރިއަށްދާއިރު ބެލުންތެރިންނަށް އެތައް ސަޕްރައިޒެއް ވަނީ ލިބިފަ އެވެ. ނަމަވެސް ޕީއެސްއެމްއިން ބުނާ ގޮތުގައި ސަޕްރައިޒްތައް އަދި އޮތީ އެވެ.

ގާލާ ރައުންޑުގައި ބައިވެރިންގެ ތެރެއިން ފަހަރަކު ބައިވެރިއެއް ކަޓައިގެން ދާ އިރު ޝޯ ފިނި ކޮށްލައި ޖަޖުންގެ ގޮތުގައި ސެލެބްރިޓީޒް ވެސް ގާލާ ރައުންޑުގައި އަންނާނެ އެވެ. އެގޮތުން ފުރަތަމަ ސެލެބްރިޓީ ޖަޖެއްގެ ގޮތުގައި މިދިޔަ ހަފުތާ މީރާ މުހައްމަދު ޝޯއިން ފެނިގެން ދިޔަ އެވެ.

ޕީއެސްއެމް އިން ބުނީ މިހާތަނަށް ޝޯއަށް ލިބުން ތަރުހީބު ދެގުނައަށް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.