މޯލްޑިވިއަން އައިޑޮލް

ލޯބިވާ މީހުނަށް ހުށަހަޅައިދިން ލަވަތައް ހިތްގައިމު!

ރާއްޖޭގެ އެންމެ ބޮޑު ޝޯ މޯލްޑިވިއަން އައިޑޮލްގައި ރޭ ފެނިގެން ދިޔައީ ތަފާތު ލަވަތަކެވެ. ތަފާތު ރަހަތަކުގެ ހިތްގައިމު ލަވަތަކެކެވެ. ރޭ ބައިވެރިން ލަވަ ކިޔާފައިވާ ތީމަކީ "ޑެޑިކޭޓެޑް" މި ތީމަށެވެ. މި ތީމްގެ ދަށުން ކޮންމެ ބައިވެރިޔަކު ވެސް ވަނީ އެ ބައިވެރިޔަކު ބޭނުންވާ ލަވައެއް ކިޔާފަ އެވެ. އަދި އެ ލަވައެއް ހާއްސަކޮށްލަން ބޭނުންވާ ފަރާތަށް ހާއްސަކޮށްފަ އެވެ. ބައިވެރިންގެ ދިރިއުޅުމާ ގުޅުންހުރި ލަވަތައް ރޭ ހުށަހަޅައިދިންއިރު ލަވަ ހުށަހަޅައިދިނުމުގެ ކުރިން ލަވަ ހާއްސަކޮށްލާ ފަރާތް އެ ބައިވެރިޔަކު ވަނީ ބުނެފަ އެވެ.

ޝޯ ފަށައިދިނީ ފާލިހު ހިތްގައިމު އަޑުން ކިޔައިދިން ފުރިހަމަ ލަވަޔަކުންނެވެ. ފާލިހުގެ ލޯބިވާ ދަރިފުޅު ފައުޒާންއަށް ހާއްސަކޮށްގެން "ބައްޕަގެ ލޯ ފޫދި ކަރުނަ އާދޭ" މި ލަވަ ފާލިހު ހުށަހަޅައިދިނީ އަސަރާ އެކުގަ އެވެ. ދެވަނައަށް ލަވަ ހުށަހަޅައިދިނީ އިޝާން އެވެ. އަންހެން ކުދިންނަށް ވަކިން ހާއްސަކޮށް "އަންހެން ކުއްޖަކަށް" އިޝާން ހާއްސަކޮށްލީ "ކިޔާލަދީބަލަ" މި ހިތްގައިމު ލަވަ އެވެ.

ފުރަތަމަ ރައްޓެހިވި އަންހެން ކުއްޖާއަށް ހާއްސަކޮށް އަމާން ހުށަހަޅައިދިނީ މެޒޯ މޯޑްގެ "ޖިސްމު ނެތިގެން ގޮސް" މި ލަވަ އެވެ. "ހާދަ ދޭ ހިތްވޭ ލޯބިން" މި ލަވަ ހުށަހަޅައިދީ ޝޯއަށް ރޫހެއް ގެނެސްދިނީ ޝަލަބީ އެވެ. ދެން ލަވަ ހުށަހަޅައިދިނީ ސޯދިގެވެ. އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ހާއްސަކޮށްލާ ހުށަހަޅައިދިނީ "ލޯބިން" މި ލަވަ އެވެ.

ގދ. ތިނަދޫ އެނަމާ ބޯޓު އަޑިއަށް ދިޔަ ހާދިސާ ތަހައްމަލުކުރަން ޖެހުނު ފަރާތްތަކަށް ހާއްސަކޮށް ޒަލީފު ހުށަހަޅައިދިނީ "ނާޒުކުް ލޯބި" މި ލަވަ އެވެ. ޒަލީފުގެ އަސަރުގަދަ ލަވައިން އެންމެންގެ ހިތްތަކާ ކުޅެލި އެވެ. ގެވެށި އަނިޔާ ލިބޭ މީހުންނަށް ހާއްސަކޮށް ލައިޝާ ހުށަހަޅައިދިނީ "އޭ ބަޅިނދާ" މި ލަވަ އެވެ.

ޝޯ ނިންމާލީ މުއައްޒިން އެވެ. ހުށަހަޅައިދިނީ "އޭ މަލާ" މި ލަވަ އެވެ. މުއައްޒިން ލަވަ ހާއްސަކޮށްލީ ހިތްކީ ހުރިހާ އަންހެން ކުދިންގެ ތެރެއިން ނުލިބުނު އަންހެން ކުދިންނަށެވެ.

ރޭ ވެސް ބައިވެރިން ހުށަހަޅައިދިން ލަވަތަކަށް ޖަޖުން މާކްސް ދިން އިރު މިއަދު ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މިރޭގެ ޝޯ އިން ވެސް ބައިވެރިޔަކު މުބާރާތާއި ވަކިވެގެންދާނެ އެވެ. އެންމެފަހުން ޝޯއިން ވަކިވެގެންދިޔައީ އަޒްލީމާ އެވެ.

މިދިޔަ ހަފުތާ "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުން ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ.