ހަބަރު

އަލަށް ކޭކާއި ޕޭސްޓްރީސް ތައްޔާރުކުރާ އަންހެނުން ޕްރޮމޯޓްކުރާ ފެއާއެއް ފަށައިފި

ދުނިޔޭގެ އަންހެނުންގެ ދުވަހާއި ގުޅިގެން ގޭގައި ކޭކުއަޅާ އަންހެނުންތަކެއް އިސްނަގައިގެން އެމަސައްކަތް ކުރާ އަންހެނުންގެ މަސައްކަތް އިޝްތިހާރުކުރުމަށް ދަރުބާރު ގޭގައި "ކަމަނާ" ނަމުގައި ކޭކު ފެއާއެއް ފަށައިފި އެވެ.

މިއަދު ހެނދުނު 10:00 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައި ފެށި އެ ފެއާ އިފްތިތާހުކޮށްދެއްވީ ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް އަޒްރާ އެވެ.

ކޭކުއެޅުމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާން މަސައްކަތްތެރިންގެ މަސައްކަތް ދައްކާލުމަށް ބޭއްވި އެ ފެއާ އާ ބެހޭގޮތުން އަޒްރާ ވިދާޅުވީ، މިއަދުގެ ފެއާއިން އަލަށް ކޭކު އެޅުމުގައާއި ކޭކާއި ގުޅުންހުރި ކަވި މަސައްކަތްތައް ކުރާ ހުނަރުވެރިންނާއި ޒުވާން ފަންނުވެރިން ފެނިގެންދިޔަ ކަމަށެވެ. އެފަދަ ފަރާތްތަކުން އިސްނަގައިގެން ބުރަ މަސައްކަތްތަކެއް އަމިއްލަ ހަރަދުގައި ކޮށްގެން އެފަދަ ފެއާއެއް ބޭއްވުމަކީ ދާއިރާއިން ކުރިއަށްދާން އެހެންމީހުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އެފަދަ މަސައްކަތްކުރާ އަންހެންވެރިންގެ މަސައްކަތްތައް ފާހަގަކޮށް ކުރިއަރުވަން މަސައްކަތްކުރަންޖެހޭ ކަން ފާހަގަކޮށް އަޒްރާ ވިދާޅުވީ އެ ފެއާ އަކީ ކުރިއަށް އޮތްތަނުގައި ކޭކް އެންޑް ޕޭސްޓްރީޒް ދާއިރާއިން އަންހެނުންނަށް ފުރުސަތުތަކެއް ފަހިވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ މަސައްކަތުގައި އިސްކޮށް އުޅުއްވި އައިޝަތު ޝެރީން ވިދާޅުވީ، ފެއާ ބާއްވަން ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްޕޮންސާ ނުލިބުން ކަމަށެވެ.

ކޭކު ފެއާ ކުރިއަށްދާނީ މިރޭ 10:00 އާއި ހަމަޔަށެވެ. އެ ފެއާއަށް ދާ ފަރާތްތަކަށް ފެއާގެ ބައިވެރިން ތައްޔާރުކޮށްފައިވާ ކޭކާއި ޕޭސްޓްރީސް އުފެއްދުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.