މޯލްޑިވިއަން އައިޑޮލް

ގަދަ 7 ގެ ކުރިން ބޮޑު މަޖާ ގަނޑެއް!

މޯލްޑިވިއަން އައިޑޮލްގެ ރޭގެ ޝޯ، ގާލާ ރައުންޑްގެ ފަސްވަނަ ޝޯގައި ގަދަ އަށެއްގައި ތިބި މަޝްހޫރު ލަވަކިޔުންތެރިން އެ މީހުންގެ ހިތުގެ އެންމެ ފުންމިނުން ލަވަތައް ހަދިޔާ ކުރީ އެންމެ ލޯބިވާ ފަރާތްތަކަށެވެ. ރޭ ހުށަހަޅައިދިން ލަވަތަކަށް ޖަޖުން ވެސް އަދި ބެލުންތެރިން ވެސް އޮއްސާލީ ހަމަ ތައުރީފެވެ. މިރޭ މި އޮތީ އޮތީ އެލިމިނޭޝަން ޝޯ އެވެ. ކޮންމެ ވެސް އެއްބައިވެރިޔަކު ޝޯއާ އަލްވަދާއު ކިޔާނެ އެވެ. ސުވާލަކީ މިރޭގެ ޝޯގައި ވަކިވާނީ ކޮން ބައިވެރިއެއް ހެއްޔެވެ؟ އެއަށް ޖަވާބެއް މިރޭގެ ޝޯގެ ނިމިގެންދާއިރު ލިބޭނެ އެވެ.

އެ ވާހަކަ އެއް ފަރާތް ކޮށްލާފަ މިރޭގެ ޝޯގައި ދެން ހިނގާނެ ކަންކަމަށް ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ. މިރޭގެ ޝޯގައި ލަވަ ހުށަހަޅައިދޭނީ ޑުއެޓް ކޮށެވެ. އެގޮތުން ދެ ބައިވެރިން އެކުގައި ހަތަރު ލަވަ ހުށަހަޅައިދޭނެ އެވެ. އޭގެ އިތުރުން ގުރޫޕު ލަވައެއް ވެސް ހުށަހަޅައިދޭނެ އެވެ. މިރޭގެ ލަވަތަކަށް ހާއްސަކޮށްފައިވާ ތީމަކީ "ފަން ނައިޓް" އެވެ. މިރޭ އޮތީ މަޖާ ނެގުމެވެ. ގަދަ ހަތެއް ފެށުމުގެ ކުރިން މަޖާކޮށްލާ ރެ އެވެ.

މިރޭގެ ޝޯގައި އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ ވަރަށް ބޮޑު ސަޕްރައިސް އެކެވެ. އެ ސަޕްރައިސްގެ ވާހަކަ ނުދައްކާ، ޝޯއަށް އިންތިޒާރުކޮށްލާށެވެ. ޝޯ ފަށާނީ 10:30 ގަ އެވެ. ޓީވީއެމްގެ އިތުރުން ލައިވް ސްޓްރީމްކޮށްގެން ވެސް ޝޯ ބަލައިލެވޭނެ އެވެ.

ރޭގެ ޝޯއަށް ބަލާލާއިރު ޝޯ ފަށައިދިނީ ފާލިހު ހިތްގައިމު އަޑުން ކިޔައިދިން ފުރިހަމަ ލަވަޔަކުންނެވެ. ފާލިހުގެ ލޯބިވާ ދަރިފުޅު ފައުޒާންއަށް ހާއްސަކޮށްގެން "ބައްޕަގެ ލޯ ފޫދި ކަރުނަ އާދޭ" މި ލަވަ ފާލިހު ހުށަހަޅައިދިނީ އަސަރާ އެކުގަ އެވެ. ދެވަނައަށް ލަވަ ހުށަހަޅައިދިނީ އިޝާން އެވެ. އަންހެން ކުދިންނަށް ވަކިން ހާއްސަކޮށް "އަންހެން ކުއްޖަކަށް" އިޝާން ހާއްސަކޮށްލީ "ކިޔާލަދީބަލަ" މި ހިތްގައިމު ލަވަ އެވެ.

ފުރަތަމަ ރައްޓެހިވި އަންހެން ކުއްޖާއަށް ހާއްސަކޮށް އަމާން ހުށަހަޅައިދިނީ މެޒޯ މޯޑްގެ "ޖިސްމު ނެތިގެން ގޮސް" މި ލަވަ އެވެ. "ހާދަ ދޭ ހިތްވޭ ލޯބިން" މި ލަވަ ހުށަހަޅައިދީ ޝޯއަށް ރޫހެއް ގެނެސްދިނީ ޝަލަބީ އެވެ. ދެން ލަވަ ހުށަހަޅައިދިނީ ސޯދިގެވެ. އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ހާއްސަކޮށްލާ ހުށަހަޅައިދިނީ "ލޯބިން" މި ލަވަ އެވެ.

ގދ. ތިނަދޫ އެނަމާ ބޯޓު އަޑިއަށް ދިޔަ ހާދިސާ ތަހައްމަލުކުރަން ޖެހުނު ފަރާތްތަކަށް ހާއްސަކޮށް ޒަލީފު ހުށަހަޅައިދިނީ "ނާޒުކުް ލޯބި" މި ލަވަ އެވެ. ޒަލީފުގެ އަސަރުގަދަ ލަވައިން އެންމެންގެ ހިތްތަކާ ކުޅެލި އެވެ. ގެވެށި އަނިޔާ ލިބޭ މީހުންނަށް ހާއްސަކޮށް ލައިޝާ ހުށަހަޅައިދިނީ "އޭ ބަޅިނދާ" މި ލަވަ އެވެ.

ޝޯ ނިންމާލީ މުއައްޒިން އެވެ. ހުށަހަޅައިދިނީ "އޭ މަލާ" މި ލަވަ އެވެ. މުއައްޒިން ލަވަ ހާއްސަކޮށްލީ ހިތްކީ ހުރިހާ އަންހެން ކުދިންގެ ތެރެއިން ނުލިބުނު އަންހެން ކުދިންނަށެވެ.

މިދިޔަ ހަފުތާ "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުންނަށް ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ. "ނޯ އެލިމިނޭޝަން ޕަވާ" ކޮންމެ ވަގުތަކު ވެސް ޖަޖުންނަށް ބޭނުން ކުރެވޭނެ އެވެ. މިރޭ ވެސް ފެނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ޝޯއަށް އިންތިޒާރު ކޮށްލާށެވެ.