ސްރީލަންކާ

ގައުމުތަކަށްދޭ ހަމަލާތަކާ ގުޅިގެން ލަންކާ އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

މިދިޔަ ހަފުތާ ތެރޭގައި ބެލްޖިއަމްގެ ބްރަސަލްސްގެ އެއާޕޯޓަށާއި މެޓްރޯ ސްޓޭޝަނަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އަވަށްޓެރި ސްރި ލަންކާ އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ. ބްރަސަލްސްއަށް ހަމަލާ ދިނީ އައިއެސް ޖަމާއަތުންނެވެ.

ލަންކާ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ، އެއާ ފޯސްއިން ބުނެފައިވަނީ އިއްޔެ އިން ފެށިގެން ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އިއްޔެއިން ފެށިގެން އެ އެއާޕޯޓުން ފުރާ މީހުންނާއި އަންނަ މީހުންގެ ހާއްސަ ސްކްރީނެއް ދަނީ ކުރަމުންނެވެ.

އެއާ ފޯސް އިން ބުނާ ގޮތުގައި ބޭރު ގައުމުތަކުން އެތެރެވާ މީހުންގެ ހާއްސަ ސްކްރީނެއް އެ އެއާޕޯޓްގައި ދަނީ ކުރަމުންނެވެ. ހާއްސަ ސްކްރީނެއް އެއާޕޯޓްގައި ކުރަމުންދާއިރު ޓާމިނަލްގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ.

ލަންކާގެ އިތުރުން ވެސް ބެލްޖިއަމްގެ އެއާޕޯޓަށް ދިން ހަމަލާއާ ގުޅިގެން އިތުރު ގައުމުތަކުން ވެސް ދަނީ އެ ގައުމުތަކުގެ އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކުރަމުންނެވެ.

ލަންކާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވީ ނަމަވެސް އެ ގައުމަށް އައިއެސްގެ ބިރުވެރިކަމެއް ނެތް ކަމަށް ލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.