ޓެރަރިޒަމް ގާނޫނުގެ ދަށުން، ކޮންޓްރޯލްކޮށް މޮނީޓާ ކުރުމުގެ އަމުރު، މޮނިކޮން އޯޑަރު ހައިކޯޓުން ނެރެފައިވާ 11 މީހުންގެ ތެރެއިން ތިން މީހަކު ފުލުހުން ހޯދަން ފަށާފައިވަނިކޮށް އެ ތިން މީހުން އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، މޮނިކޮން އޯޑާގެ ދަށުން ޓެގް އެޅުވުމަށް ހޯދަމުންދިޔަ ތިން މީހުން މިރޭ ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެފައިވާ ކަމަށެވެ.
އެންމެ ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެއިން 11 މީހެއްގެ މައްޗަށް އެ އަމުރު ނެރުމާ އެކު، އަމުރާ އެއްގޮތަށް ހަ މީހެއްގެ ފައިގައި ވަނީ މިހާތަނަށް ޓެގް އަޅުއްވައި މޮނީޓާ ކުރަން ފަށައިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އިއްޔެ އަމުރު ނެރުނު މީހުންގެ ތެރެއިން ދެ މީހަކު ފުލުހުން ތަހުގީގު ކުރާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިރު، އަމުރު ތަންފީޒު ކުރަން ބެލި އިރު އަނެއް ތިން މީހުން ހޯދާ ނުފެނިފައިވާ ކަމަށް ވެސް ފުލުހުން މީގެކުރިން ވަނީ ބުނެފަ އެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުވީ މި ތިން މީހުންނެވެ.
މިހާތަނަށް ފުލުހުން ޓެގް އަޅުއްވައި ބަލަހައްޓަމުން އަންނަ މީހުންނަކީ ގއ. ދާންދޫ ފަހުދާ ވާދީ، ފައްސާން ވަލީދު 20އ އާއި، ގ. ޝާރާޒް މުޙައްމަދު މަފާޒް ހުސައިން ސަލީމް 18އ. އާއި، ދަފްތަރު ނަމްބަރު 9634، މިދުހަތު އަބޫބަކުރު 20އ އާއި، ހދ. ނޮޅިވަރަމް ހާވިލާ، އައްސަދު އިބްރާހީމް ރަޝީދު 21އ އާއި، ގ. ކެރަފާގެ މުޙައްމަދު ޝާބިލް އިސްމާޢީލް 23އ އަދި ދަފްތަރު ނަމްބަރު އާރު އެސް. 1475، އަޙްމަދު ރިޒާމް 26އ އެވެ.
ދެން އެ އަމުރު ނެރެފައިވާ މީހުންނަކީ ތ. ތިމަރަފުށި މާފޮޅޭގޭ ޙަމްދާން ޙަސަން (18އ) އާއި، ދަފްތަރު 4126، މުޞްޠަފާ މޫސާ 26އ އަދި މ. ވައިޖެހޭ، އަޙްމަދު އަޒްމާން 20އ ގެ މައްޗަށެވެ.
ފުލުހުން ބުނީ ހައިކޯޓުން މި 11 މީހުންގެ މައްޗަށް ނެރުނު އަމުރުގެ ދަށުން ރޭގަނޑު 10:00 އާއި ހެނދުނު 06:00 އާއި ދެމެދު ގެއިން ބޭރަށް ދިއުން މަނާކޮށްފައިވާ ކަމަށެވެ. އަދި ހޯމް މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި، ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި، އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގަ އާއި ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގަ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓާ ކުރަމުން ވެސް އަންނަ ކަމަށެވެ.