ރިޕޯޓް

މޮނިކޮން: ގޭންގްތައް ފުނޑޭނެ! އެބިއުޒް ކުރާނަމަ ނިޒާމް ފުނޑޭނެ!

  • ކޮންޓްރޯލް ބާރުތަކެއް ހޯމް މިނިސްޓަރަށް
  • ނަތީޖާއާ ހަމައަށްދާން ދޮޅު އަހަރު ނަގާނެ
  • އާންމުންނަށް ވަރަށް ގިނަ ކަންކަން ސާފުވާންޖެހޭ

ނުރައްކާތެރި ކުށްވެރިންތަކެއް ރާއްޖޭގައި ގޭންގްގެ ގޮތު، ހަރަކާތްތެރިވާން ފެށި ހިސާބެއް ވެސް އޮނާނެތާ އެވެ! އެހެން ބަލާއިރު ވަކި ދުވަސްވަރެއްގައޭ ސީދާ ބުނަން ދައްޗަސް 2003 ވަނަ އަހަރު މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި ހާދިސާއަށްފަހު 2004 ވަނަ އަހަރު ތެރޭގައި އައި ޑިމޮކްރެޓިކް ވެށީގެ ތެރޭ ހައިޕްރޮފައިލް ކުށްވެރިންތައް ވަރަށް ބޮޑަށް ދޫކޮށްލެވުނެވެ. ދޫކޮށްލެވުނީ އޭރުގެ ސަރުކާރަށް އެނޫން ގޮތެއް އޭރު ނެތިގެނެވެ. އޭގެ ކުރިޔަށް ދިޔަ ދުވަސްތަކުގައި ގޭންގްތައް އޮތް ނަމަވެސް ކުށްވެރިންނަށް އީދެއް އައިސް އެމީހުންގެ ބާރު ގަދަވެ ލޯ އެންފޯސްމެންޓްފެ ބާރު ކުޑަވެގެން ލޯމައްޗަށް ފެންނަ ހިސާބުގައި އޯގަނައިޒް ގޭންގް އެކްޓިވިޓީތަސްތައް ފެށި ދެމި އޮންނަ ގޮތްވީ އެހިސާބުގަ އެވެ.

މަސްތުވާތަކެތި ބޭނުކޮށް ވިޔަފާރި ކުރާ، އަދި މީހުނަށް ހަމަލާ ދިނުމާއި މީހުން މެރުން ފަދަ ޖިނާއީ ބޮޑެތި ކުށަށް އަރައިގަންނަ ނުރައްކާތެރި ގޭންގްތަކަށް މި ހަފުތާގައި މިޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައ ގާނޫނުގެ ތެރެއިން ވަރުގަދަ ހަމާއެއް ދިން އިރު ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 10،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

އޭގެ ތެރެއިން 5000 އަށްވުރެ ގިނަ މީހުންނަކީ ރާއްޖޭގައި އޮޕަރޭޓް ކުރާ ގޭންގްތަކުގެ މެންބަރުންނެވެ. އަދި އެ 5000 މީހުންގެ ތެރެއިން ފަންސާހަކަށް މީހުންނަކީ ގޭންގް ލީޑަރުންނެވެ. މާލޭގައި އެކަނި 30 ގޭންގް އޮޕަރޭޓް ކުރާއިރު އޭގެ ތެރެއިން 13 ގޭންގަކީ ނުރައްކާތެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާ ގޭންގްތަކެވެ. އެހެން ކަމުން އެމީހުންނަށް ހަމަލާ ދިނުން މިހާތަނަށް ވެސް ބެލިފައި އޮތީ ކެރިކުޅަދާނަވެގެން ނުވާވަރުގެ ކަމެއްގެ ގޮތުގަ އެވެ.

ސަބަބަކީ މީގެ ކުރިން "ރެޕިޑް އެސެސްމެންޓް އޮފް ގޭންގް އިން މާލެ" މި ނަމުގައި ހެދި ދިރާސާއިން ދައްކާ ގޮތުން މާލޭގައި ވަޔަލަންޓްކޮށް ހަރަކާތްތެރިވާ 30 ގޭންގް އޮވެ އެވެ. އެއިން ކޮންމެ ގޭންގެއްގައި 50 އާއި 400 ދެމެދުގެ އަދަދަކަށް ޒުވާނުން އުޅެ އެވެ. އެ ގޭންގްތަކަށް ސިޔާސީ ޕާޓީ ތަކާއި ވިޔަފާރިވެރިން ބޮޑެތި އަދަދުތަކުން ފައިސާގެ ހަރަދު ކުރެ އެވެ.

އިންތިހާބުތަކާ ގުޅިގެން ނެރުނު ބައެއް ރިޕޯޓްތަކަށް ބަލާއިރު ވެސް ޕާޓީތަކާއި ގޭންގްތަކާ ގުޅުންހުރިކަން ފާހަގަކޮށްފައިވާ ރިޕޯޓްތައް ހުއްޓެވެ. ބައެއް މީހުން ބުނާ ގޮތުގައި ހަގީގަތުގައި އިންތިހާބުތައް ނިމުމުން ޕާޓީތަކާއި ސިޔާސީ ވެރިންނާ ގޭންގުތަކާ އޮންނަ ގުޅުން ކުޑަވެ އެވެ. އެ ގުޅުން އަލުން ބަދަހިވަނީ ގޭންގްތަކަށް މަސްތުވާތަކެތި ލިބުން މަދުވުމާއި ސިޔާސީ ބައެއް ފަރާތްތައް ހާސިލު ކުރަން ބޭނުންވާ ބައެއް ކަންކަން ހާސިލު ކުރަން ބޭނުންވުމުންނެވެ.

މިހާތަނަށް ފެންނަ ހަގީގަތްތަކަށް ބަލާއިރު ގޭންތައް އަބަދަށް ސަވައިވަލް ހޯދައިގެން ތިބެން ބޭނުންކުރާ ވިޔަފާރިއެއް އޮވެއެވެ. އެއީ މަސްތުވާއެއްޗެހި ރާއްޖެއަށް އެތެރެކޮށް ވިއްކައި ބާރުގަދަކޮށްގެނެވެ. ސިޔާސީ އަދި ނުފޫޒު ގަަދަ މީހުންގެ ކޮންޓްރެކްޓްތަކަށް އެމީހުން ބޭނުންވާ ކަންކަން ކޮށްލުމާއި މީހުންނަށް ބިރު ދައްކައި ދިނުމާއި އިންޒާރު ދީ ޓެރަރައިޒް ކުރުމާއި ވަޅި ހަރައި ދިނުމާއި މީހުން މަަރައި ދިނުމަކީ ގޭންގުތަކުގެ އަރިމަތީ ކޮންޓްރެކްޓަތެކެކެވެ.

ރާއްޖޭގެ ގޭންގްތަކުގެ ޒާތަކީ ގޭންގް އެކްޓިވޭޓްކޮށް އޮންނަ ނަމަ އަރިމަތީ ކޮންޓްރެކްޓްތައް ނުފޫޒު ގަދަ ފަރާތަކުން އަބަދުވެސް ގޭންގަތަކަށް ލިބި ލިބި އޮތުމެވެ. އެކަމަކު މައިގަނޑު މަސައްކަތަކީ ޑްރަގު ލޯޑްކޮށް ވިއްކުމެވެ. ޑްރަގް ވިއްކުން 2004 ގެ ކުރިން ވެސް އޮވެއެވެ. އެކަމަކު ލާޖް ސްކޭލްގައި އޯގަނައިޒް ކޮށް މިކަން އައީ އޮތީ 2004 ގެ ތެރެއިން ފެށިގެންނެވެ.

ރާއްޖޭގައި އޮޕަރޭޓް ކުރާ ގޭންގުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ގޭންގްތަކާ އެއްފަދަ ނުރައްކާތެރި ގޭންގްތަކެއްގެ ގޮތުގައި ބެލެވިދާނެ އެވެ. ގޭންތަކާ ދެކޮޅު "ފައިޓަރެއް" ގެ ގޮތުގައި މިހާތަނަށް ފެނި ވަޑައިގެންނެވި މިހާރުގެ ހޯމް މިިސްޓަރު އުމަރު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ރޭ ވިދާޅުވީ ރާއްޖޭގެ ގޭންގްތަކުގެ ނުރައްކާތެރިކަން ދަތުރުކޮށްފައި ވަނީ ފައިސާ ދޭ މީހާ ބޭނުންވާ މީހާ މަރާލައިދޭ ހިސާބަށެވެ. މިއީ އެހެން ގައުމުތަކުގައި ވެސް ގޭންގެއް ނުރައްކާވެގެން ދާނެ ހިސާބެވެ.

"ރާއްޖޭގެ ގޭންގްތައް ވަރަށް ވަރަށް ނުރައްކާތެރި އިނގޭތޯ! ފައިސާ ދިނުމާއެކު އެ ފައިސާ ދޭ މީހާ ބުނާ މިހާ މަރާލާއިދޭނެ! މިއިން އެނގޭ މި މީހުންގެ ނުރައްކާތެރިކަން ހުރި މިންވަރު. މީހުންނަށް ބިރު ދެއްކުން ހެކިންނަށް ބިރު ދެއްކުން ޖުޑިޝަލް ސިސްޓަމަށް ބިރު ދެއްކުން ފަދަ ހައިރާންވާވަރުގެ ބައިވަރު ކަންކަން ... ކޮންމެ ފަދަ ކަމެއް ވެސް މިރާއްޖޭގައި މިހާރު އޮޕަރޭޓްވާ ގޭންގްތަކުން ކޮށްފާނެ،" އުމަރު ވިދާޅުވި އެވެ.

މިހާ ނުރައްކާތެރިކޮށް އޮތް ގޭންގްތަކާ ސަރުކާރުން މީގެ ކުރިން ވެސް އެތައް ފަހަރަކު ކުރިމަތިލައި ގޭންގްތައް ސައިޒްކޮށް ގިއްގަޅުވައިލަން އުޅެފި އެވެ. ސީދާ އެކަމަށް ހާއްސަ ގޭންތަކާބެހޭ ގާނޫނުގެ ބަރާއި އެނޫން ވެސް ފޯސްތައް ހިފައިގެން ނުކުމެ އެވެ. މިހާތަނަށް ނާކާމިޔާބު ވިނަމަވެސް މިފަަހަރު "މޮނިކޮން"ގެ ގޮތުގައި ދިން ހަމަލާއަކީ ގޭންގްތަކާ ދެކޮޅަށް، ވަކިން ހާއްސަކޮށް ކްރިމިނަލް މާސްޓަރުންނާ ދެކޮޅަށް މިހާރު ދުނިޔޭގައި އެންމެ ކާމިޔާބު ކަމަށް ފެންނަ އެންމެ ފަހުގެ ހަމަލާ އެވެ. ހަގީގަތުގައި މިއީ ގޭންގްތަކަށް ކެތްކުރެވޭރުގެ ހަމަލާއެއް ނޫނެވެ.

ގޭންގްތަކަށް ދިން މި ހަމަލާ ފުރަަތަމަ ރެޑީ ކުރީ ގޭންގުތަކާބެހޭ ގާނޫނުގެ ފަހަތަށް އަނަށް ގަވައިދެއްގެ ގޮތު 2013 ވަނަ އަހަރު އެވެ. އޭރު ފުރަތަމަ މަސައްކަތް ކުރީ ހޯމް މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރާއެކު އެ ގަވައިދު ގެންނާށެވެ.

"ގަވައިދު ތައްޔާރުކޮށް ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރުމުން ޖުޑީޝަލް ސިސްޓަމްގެ ތެރެއިން، ކޯޓުން ބުނީ ގާނޫނެއް ނެތި ތިވަރުގެ ފޯސްއަކަށް ބާރުވެރިކަން ދޭން ޖެހިލުންވެއޭ! އޭރުގައި އެފަރާތްތަކަށް މި ޓެގް ގެންގޮސް ދައްކާ ޓެސްޓްކޮށް ހެދިން. އެހެން ނަމަވެސް އެގޮތަށް ކުރިޔަށް ނުދެވުމުން ދެން މަސައްކަތް ކުރީ ގާނޫނަކަށް ދާން،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

ފާސްކޮށް މިހާރު އަމަލު ކުރާ ޓެރަރިޒަމް ގާނޫނުގެ ތެރެއަށް ބާބެއްގެ ގޮތުގައި ވަދެފައި "މޮނިކޮން އޯޑާ" ގެ ބަޔަކީ ފުރަަތަމަ ވަކި ގާނޫނެއްގެ ގޮތުގައި ޑްރާފްޓްވެގެން އައި އެއްޗެކެވެ. އެ ބައި ޑްރާފްޓް ކުރެއްވީ މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

"އަޅުގަނޑު އެ ޑްރާފޓާއެކު ސްޓޭކް ހޯލްޑަރުންނާ ހަމައަށް ގޮސް މަޝްވަރާ ކުރުމަށްފަހު ބަންޑާރަ ނައިބާ ހަމައަށް ދިއުމުން އެމަނިކުފާނު ބޭނުންފުޅުވީ ބާބެއްގެ ގޮތުގައި ޓެރަރިޒަމް ގާނޫނުގެ ތެރެއަށް ވައްދަން. އަޅުގަނޑު ބޭނުންވީ ވަކި ގާނޫނެއް އޮންނަން. އެއީ ބްރޯޑްކޮށް އެޕްލައި ކޮށްލަން ފަސޭހަވާނެތީ، އެހެން ނަމަވެސް އޭޖީގެ ލަަފަޔާ އެއްގޮތަށް ޓެރަރިޒަމް ގާނޫނުގައި ހމަނައި މަޝްރާތައްކޮށް ޕާލިމެންޓްރީ ގްރޫޕްތަކަށް އޭގެ ބްރީފިންދީ ހެދީ އޭގެ ތެރޭގައި އެޗްއާރްސީއެމް ވެސް ހިމެނޭ އެހިސާބުން މި ފާސްވެގެން އައީ،"

ގާނޫނު ފާސް ވުމަށްފަހު ރަސްމީކޮށް ގޭންގް ކުރިމިނަލުންނަށް އަމާޒުވާ ގޮތަށް މޮނިކޮން އޯޑާއެއް ނެރެން އަމުރުކޮށް އެ އަމުރާއެކު މިހާރު ވަނީ 11 މީހެއްގެ ފައިގައި ޓެގް އަޅުވާފަ އެވެ. އެ އަމުރު ހޯދީ އަޖުމަ ބަލައިލުމުގެ ގޮތުން ޓެގް ޓެސްޓް ކުރަން މީހެއްގެ މައްޗަށް ޓްރަޔަލް މޮނިކޮން އޯޑާއެއް ހިންގައިގެނެވެ.

އުމަރު ވިދާޅުވި ގޮތުގައި އެގޮތަށް ޕްރެކްޓިސް ކުރީ ޒަމާނީ އެ ނިޒާމް ޖުޑީޝަލް ސިސްޓަމްތެރޭގައި ވޯކް ކުރާ ވަރު ބަލައިލުމަށާއި ޓެގް އެކިއެރޭސީ ބަލަންވެގެނެވެ. އޭގެ ނަތީޖާއަށް ފަހު ވެސް މިހާތަނަށް ގޭންގްތަކަށް ހަމަލާ ނުދީ ގޭންގް އެކްޓިވިޓީސްތައް ބަނޑުދަމާލާފައި އޮތުމުންނެވެ.

"އަޅުގަނޑު މަޑުކޮށްލައިގެން ހުރީ މަންޒަރު ބަލައިލަން ސަބަބަކީ ގޭންގް އެކްޓިވީސްތައް އޮތީ މަޑު ޖެހިފައި. ކްރިމިނަލްޓީ ވެސް އޮތީ ދަށްކޮށް އެހެންވީމާ ރަނގަޅު ވަގުތާ ދިމާވަންދެން މަޑުކޮށްލައގެން ހުރީ ހުއްޓާ ގޭން އެކްޓީވޭޓްވެލީމާ މި ހިންގާލީ މިއީ ދޮޅު އަަރު ކުރިން ފެށިގެން ގޭންގްތަކް ސްޓްރަކްޗާއަށް ދޭނެ ކަމަށް އަޅުގަނޑު ދެންނެވި ހަމަލަ، މި ހަމަލާއިން ސަލާމަތް ވެގެން ނުއެއް ދެވޭނެ. ކުއްލިއަކަށް މި ހަމަލާ ދިނީމާ މީހުން ހައިރާންވާނެ، އެކަމަކު މިކަމާ އުޅޭތާ ދޮޅު އަހަރުވީ،" އުމަރު ވިދާޅުވި އެވެ.

މޮނިކޮން އޯޑާއިން ޓެގް އަޅުވައި މޮނިޓާ ކުރުމަކީ މިހާރު ދުނިޔޭގައި ވަރަށް އިފެެޓިވް ޓޫލެއްގެ ގޮތުގައި ބަލައިގެންފައިވާ ލޯއެންފޯސްމެންޓް ޓޫލެކެވެ. އެހެން ނަމަވެސް މިއީ ބާރުގެ ބޭނުން ކުރެވޭ ގޮތަކުން ވަރަށް ނުރައްކާތެރި ހާލަތަކަށް ރާއްޖެ ގެންގޮސްދީފާނެ ވެސް ޓޫލެކެވެ.

ހަގީގަތުގައި މި ޓޫލްގެ އިފެކްޓިވްކަން ރަނގަޅަށް ވަޒަންކޮށްލަން ރާއްޖެއަށް އަދި އަހަރެއްހާ ދުވަސް ބޭނުންވާނެ އެވެ. މި ޓޫލް ސެޓްކޮށްފައި އިންނަ ގޮތުންނާއި އެ މަރުހަލާގައި ޓޫލް ބޭނުންކޮށްލާ ގޮތަކުން ރާއްޖޭގެ ހާލަތު އެހެން ގޮތަކަށް ފުރޮޅިގެން ދިއުމަކީ ވެދާނެ އަދި އެހެން ވެއްޖެ ނަމަ އިއާދަ ނުކުރެވޭވަރުގެ ގެއްލުން ރާއްޖޭގެ ސިސްޓަމަށް ލިބިގެން ދާނެ ކަމަކަށްވާނެ އެވެ.

މިނިސްޓަރު އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި ވެސް މޮނިކޮން އޯޑާގެ އިފެކްޓްވްނެސް ދެނެގަތުމަށް ދޮޅު އަހަރެއް ނަގާފާނެ އެވެ. އެއީ ރާއްޖެއަށް މިކަން އާ ކަމުންނާއި ކަމުގެ ބާވަތުން ޖުޑީޝަލް ސިސްޓަމާއި ލޯޔަރުން މިއަށް އަހުލުވެރިވުމަށް ވެސް ވަގުތު ނަގައި މާނަ ކުރުންތައް ވެސް އޮންނާނެތީ އެވެ.

"އަދި މީގެ ތެރޭގައި ހުރެދާނެ ބައެއް ދިމަ ދިމާއިން ކުޑަކުޑަކޮށް ބާރުކޮށްލަންޖެހޭ ނަޓްތައް ވެސް އެހެންވީމާ ޖުޑީޝަލް ސިސްޓަމްތެރޭގައި މޮނިކޮން އޯޑަރުތައް ދަތުރުކޮށް ގާނޫނީ ވަކީލުން އެއަށް ރަށްދުދީ މަތީ ކޯޓްތަކަށް ގެންގޮސް މީގެ މާނަ ކުރުންތަަކާ ކަންކަން އައިސް މި ހުރިހާ މަރުހަލާއަކާއެކު އަހަރެއް ދޮޅު އަހަރެއްހާ ދުވަސްވެލީމާ އެނގޭނެ ބާރުކޮށްލަން ޖެހޭ ނަޓްތަކަކީ ކޮބައިކަން،" އުމަރު ވިދާޅުވި އެވެ.

އެހެން ގައުމުތަކަކޭ އެއްގޮތަށް ރާއްޖޭގެ ބައެއް ގޭންގުތަކުން ވެސް ފައިސާ ހަރަދުކޮށްގެން ގާނޫނީ ވަކީލުން ގެންގުޅެ އެވެ. އެހެން ގައުމުތަކުގައި ވެސް ކަން ހިނގާ ގޮތަށް ގޭންގްތަކުން މީހުން ރެކްރޫޓުްކޮށް ބޭރަށް ފޮނުވައި ގާނޫނު ކިޔަވައިދީގެން ގެންގުޅޭ ވަކީލުން ވެސް އުޅެ އެވެ. އެހެން ކަމުން މޮނިކޮން ހިމެނޭ އާ ގާނޫނު ދިރާސާ ކުރުމަށް ގޭންގްތަކާއި އެމީހުންނާ ގުޅިފައިވާ ޑިފެންސް ލޯޔަރުން ވެސް މަސައްކަތްތައް ކުރާނެ އެވެ.

މިހާރު އަދި މިހިސާބުގައި ކްރިމިނަލް ޑިފެންސް ލޯޔަރުން ތިބޭނީ މި ގާނޫނަށް ވެސް އަދި މުޅިން އަހަލުވެރި ނުވެ ގާތްގަނޑަކަށް "ވާނުވާ" ގައެވެ. އެކަމަކު އެމީހުން މި ރަނގަޅަށް ދިރާސާކޮށް މޮނިކޮންގެ ތެރެއިން އެމީހުންނަށް ދެމިގަނެވޭނެ ގޮތަށް ހުރީ ކޮންކޮން ތަންތަންކޮޅެއްތޯ ބަލަމުންދާނެ އެވެ. މޮނިކޮންގެ ފައިދާ ވެސް އަދި ގެއްލުން ވެސް ފެނިގެންދާނީ ޑިފެންސް ލޯޔަރުން ވެސް ކުރާ މަސައްކަތްތަކުގެ ވެސް ތެރެއިންނެވެ. ސިސްޓަމް އަބަދުވެސް އަލަށް ބިލްޑްވާނީ ޑިފެންސް ލޯޔަރުންގެ ނެރޭ ތަފާތު އާގިއުމެންޓާއި ފަނޑިޔާރުންގެ ތެރެއިން ތަފާތުވާ ރައުޔުގެ ތެރެއިން އަޅާފައި ގޮހެވެ.

މޮނިކޮން، ގޭންގްތައް ފުނޑުފުނޑު ކޮށްލަނީ ކިހިނެއް؟

ގޭންގުތައް ދެމި އޮންނަހާ ހިނދަކު އެމީހުންގެ ބޭނުން ވިޔަފާރިވެރިން ވެސް ސިޔާސީ ފަރާތްތައް ވެސް ހިފާނެ އެވެ. އަދި ނުފޫޒުގަދަ ފަރާތްތަކުން ވެސް އެމީހުންގެ އެކްޓިވޭޓްކޮށް ބޭނުން ކުރަމުންދާނެ އެވެ. އެކްޓިވޭޓް ކުރަން މަސައްކަތް ވެސް ކުރާނެ އެވެ. ސަބަބަކީ އަބަދުވެސް "ބޭޑް އެލެމެންޓްސް" ތަކުން ގޭންތަކުގެ ބޭނުން ހިފުމަކީ ތޮބީއަތަކަށްވާތީ އެވެ. އެއީ ރާއްޖޭގައި އެކަނިވާ ކަމެއް ނޫނެވެ.

"ސިޔާސީ މީހުންގެ ތެރޭގައި ވެސް އެހެން ދިމަ ދިމާއިން ވެސް އެކަން އެގޮތަށް ހިނގާނެ ގޭންގްތަކުގެ ލީޑަރުން ޕާލަމެންޓް މެންބަރުންނަށާއި ޖުޑިޝަރީއަށާއި ނުފޫޒުގަދަ ސިޔާސީ މީހުންނަށް އެޕްރޯޗް ވެސް ކުރާނެ އެވެނި މިވެނި ކަންކަން ކޮށްލައި ދެވިދާނެ ކަމަށް ބުނެ، އެކަމަކު އެއީ ގޭންގްތައް އެކްޓިވޭޓްކޮށް އޮތިއްޔާ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ. "އެކަމަކު ގޭންގްތައް ލޮކް ކޮށްލާނެ ބާރެއް އެމީހުންނާ ދިމާއަށް ދަންޏާ ގޭންގްތައް އެގްޒިސްޓެއް ނުވާނެ. އެހިސާބުން ގޭންގު ފުނޑުފުނޑުވެ ލީޑަރުން ޖަލަށް ވަންނަންޖެހޭނެ ގޭންގު ލީޑަރުން ޖަލަށް ވަންނަ ހިސާބުން ސިޔާސީ މީހުނާއި ވިޔަފާރިވެރިންނާއި އެނޫން ވެސް ނުފޫޒު ގަދަ މީހުންނަށް ގޭންގުތައް ބޭނުން ކުރުން ބަންދުވާނެ. އަދި މި މޮނިކޮން އޯޑަރުގެ ސަބަބުން މާލޭގެ ގޭންގްތަކުގެ މައި މޫތައް ލުހިގެން އަންނާނެ،"

ސުވާލު އޮންނަނީ މީގެ ކުރިން ވެސް ގޭންގުތައް ހުއްޓުވާލުމަށް ތަފާތު ކަންކަން ކޮށް، ވަކި ހިސާބަކުން އެކަން ހުއްޓިގެންދާ ގޮތަށް މިކަން ވެސް ވެގެން ހިނގައިދާނެތީ އެވެ. މިސާލަކަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އެޅުއްވި ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ގޭންގުތަކާއި ގޭންގުތަކުގެ މީހުން ޖަމާވާ ހަޓްތަކާއި ޖޯލިފަތިތަކާއި ތަންތަން ރޫޅަން ފެށި އެވެ. އަނދިރިތަންތަން ދިއްލަން ފެށި އެވެ. ނަމަވެސް ކުއްލިއަކަށް ހުއްޓިގެން ދިޔައީ އެވެ.

"އެފަހަރު ދިމާވި ގޮތް ދިމާވާނެ ކަމަކަށް ނުބެލެވޭ، އަދި އެއާ މިއާ ވަރުން އަޅުވަން ވެސް މިއީ ވަރަށް އާލީ ސްޓޭޖެއް އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ މީގެ އިފެކްޓިވްނެސް ދެނެގަންނަން އެނގޭނީ އަހަރެއްހާ ދުވަސްވެލީމައޭ. ގޭންތައް އުފުރާލަން ހިފީމާ މޫތައް ހުންނަ ހިސާބު އިނގޭނީ ތަންކޮޅެއް ފަހުން. އެހެންވީމާ މިއަށް ރިއެކްޓް ކުރާ ގޮތް ބަލައިލާ ދެނެގަންނަން ދުވަސްކޮޅެއް ނަގާނެ،" އުމަރު ވިދާޅުވި އެވެ.

މޮނިކޮން އޯޑަރާއެކު އަޅުވާ ޓެގް

ކްރިމިނަލް ސާކަލްގައި އިލެކްޓްރޯނިކް ޓެގަކީ ހަމައެކަނި މޮނިކޮން އަށް އެޕްލައި ކުރެވޭ އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި ގޭންގެ މީހުންނަށް ހާއްސަ އެއްޗެއް ވެސް ނޫނެވެ. މިއީ އާންމުންނަށް ސާފުވާންޖެހޭ ޕޮއިންޓެކެވެ. މިހާރު ވެސް ރާއްޖޭގައި ބައެއް ދުވަސްވީ މީހުން ގައިގައި ވެސް ޓެގް އަޅުވައި އެބަތިއްބެވެ. އެކަމަކު އެއީއަކީ މޮނިކޮން ދަށުން އަޅުވާ ޓެގެއް ނޫނެވެ. ތަފާތަކީ އެއީ އެވެ.

މޮނިކޮންގެ ދަށުން ކްރިމިނަލުންގެ ފައިގައ ޓެގް އެޅުވުމަކީ ރާއްޖޭގެ ކްރިމިނަލް ސާކަލް ތެރެއަށް އަލަށް ވަދެން އައި އެއްޗެެކެވެ. މިހާރު މި އައި ބަދަލުން ކްރިމިނަލުން މޮނިޓާކޮށް އެމީހުން ކޮންޓްރޯލް ކުރުމުގެ ކާފިއު ހިންގުމުގައިވެސް ޓެގް އެޅުވުން ބޭނުން ކުރަނީ އެވެ. އެގޮތުން މޮނިކޮން އޯޑާގެ ދަށުން އެ ޓެގް އަޅުވަން ފެށީއެވެ. މި ޓެގްގައި އިލެކްޓްރޯނިކް ކޮންޓްރޯލްތަކެއްގެ އިތުރުން އެންފޯސްމެންޓް ކޮންޓްރޯލްތަކެއް ހޯމް މިނިސްޓަށް ލިިބި ވަޑައިގަންނަވަނީ އެވެ. މިއީ ވަރަށް ބޮޑަށް ސާފުވާންޖޭ ކަމެކެވެ. މި އޮޅޭ ގޮތް ވަންޏާ ނުބައި ގޮތަކަށް މާނަ ކުރެވޭނެ އެވެ. ނުބައިކޮށް މާނަ ކުރެވުނީމަ ސިސްޓަމާ ދިމާއަށް ތުހުމަތުގެ އިނގިލި ދާނެ އެވެ.

ޓެގް އަޅުވައިގެން ކުރަނީ ކޮން ކަމެއް؟

ގޭންގް ލީޑަރުގެ ފައިގައި ޓެގް އަޅުވައިގެން ކުރާ ކަމަކީ އެމީހާ މޮނިޓާ ކުރުމާއެކު ކޮންޓްރޯލެއްގެ ތެރެއަށް ގެންގޮސް ނޭޗާ އޭނާގެ ބަދަލު ކޮށްލަނީ އެވެ. "މޮނިކޮން" މި ލަފުޒު އަންނަނީ އެހެންވެގެނެވެ. މޮނިޓާ ކުރުމަކީ އެމީހާގެ ހަރަކާތްތަކަށް ފާރަވެރި ބަލަމުން ދިއުމެވެ. އޭނާ ހުރީ ގޭގައިތޯ ގެއިން ބޭރުގައިތޯ ކޮން ކަމެއްތޯ ކުރަނީ އާއި ވަޒީފާއަށް ނުކުމޭތޯ އާއި އެފަދަ ހުރިހާ ކަމެކެވެ.

ދެން ހިމެނެނީ ކޮންޓްރޯލް ކުރުމެވެ. ކޮންޓްރޯލްތަކުގެ ބާރުވެރިޔަކީ އެވަގުތަކު ހުންނަ ހޯމް މިނިސްޓަރެވެ. އެ ބާރުތައް އޮންނަނީ މިނިސްޓަރު ކަނޑައަޅާ އުސޫލެގެ ތެރޭގަ އެވެ. މިއީ އެންމެ މުހިންމު އަދި އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ވެސް ކަންތަކެވެ. މިކަން ހިނގާ ގޮތް އާންމުންނަށް ސާފުވެފައި އޮންނަން ޖެހޭނެ އެވެ. މޮނިކޮން އަމުރާއެކު ފުލުހުން ގޮސް އަޅުވާނީ އިލެކްޓްރޯނިކް ޓެގެކެވެ.

ހޯމް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ލާ ކޮންޓްރޯލްތައް އެ ޓެގުން އެންފޯސްކޮށްދޭނެ އެވެ. އެ ޓެގްގެ އެހީގައި އެމީހާ ހުރީ ގޭގައިކަން ނުނީ ކާފިއު ބައިޕާސްކޮށް އެހެން ތަނެއްގައިކަން ރިއަލް ޓައިމްގައި ފުލުންނަށް އެނގޭނެ އެވެ. މިސާލަކަށް ގޭންގް ލީޑަރުގެ ގޭގައި ކެމެރާއެއް ހަރު ކުރަން ހޯމް މިނިސްޓަރު އަންގަނީ އެވެ. އެ ހުއްދަ ދޭން ގޭންގް ލީޑަރަށް މަޖުބޫރުވެ އެވެ. އޭނާ ނޫނެކޭ ބުނާނަމަ އޭނާ ދާންޖެހޭނީ ޖަލަށެވެ.

މިނިސްޓަރަށް ލިބޭ ބާރާއި ކޮންޓްރޯލަކީ ކޮބާ؟

އެ ކޮންޓްރޯލްތަކުގެ ތެރޭގައި ވަކި ގަޑިއެއްގައި ގެއިން ބޭރަށް ނުނުކުތުމާއި ހަށިގަނޑުގައި އިލްކެޓްރޯނިކް ވަސީލަތެއް ހަރުކުރަން އެންގުމާއި ގޭގައި އެފަދަ ވަސީލަތެއް ހަރުކުރަން އެންގުމާއި ފައިސާ ލިބޭ ގޮތް ބެލުމާއި ބޭންކް ސްޓޭޓްމަންޓް ދޭން އެންގުމާއި ބޭނުން ގަޑިއެއްގައި ފޯނު ބެލުމާއި ކޯޓް އަމުރަކާ ނުލައި ބޭނުން އިރަކު ވަދެ ބަލައި ފާސް ކުރުމާއި މި ނޫނަސް ކްރިމިނަލެއްގެ ހިނގުން ހުއްޓުވައިލެވޭނެ މިފަދަ ބައިވަރު ކޮޓްރޯލްތައް ހިމެނެ އެވެ.

ކުރުކޮށް ބުނާނަމަ އެއީ ނޯމަލް ޕްރޮސީޖަރަލް ލޯ ބައިޕާސްކޮށްލައި ޕްރޮސީޖާތައް ގަނޑުކޮށްލަނީ އެވެ. އަދި ގަނޑުކުރި ޕްރޮސީޖަތައް ބާރެއްގެ ގޮތުގައި ހޯމް މިނިސްޓަރަށް ދީ ކޮންޓްރޯލްތަކެއް ލާފައި އެކަން މޮނިޓާ ކުރަނީ އެވެ.

މޮނިކޮން ހިނގުން ގޯސްވެއްޖެ ނަމަ ސިސްޓަމް މަޅި އަރާނެ!

މޮނިކޮންގެ ބާރު އޮންނަ ގޮތުން ފަނޑިޔާރަށް ބާރުތައް ހަނިކޮށްލެވެ އެވެ. މީގެ މާނައަކީ ފަނޑިޔާރެއްގެ ބާރު ކުޑަވެ ޖުޑީޝަލް ސިސްޓަމުންގެ ތެރެއިން ވީއްލިގެން ދިއުމެއް ނޫނެވެ. މީގެ މާނައަކީ ހޯމް މިނިސްޓަރު ގޭންގް ލީޑަރުގެ މައްޗަށްލާ ކޮންޓްރޯލެއް އޭނާ މުގުރާލައިފިނަމަ ފަނޑިޔާރަށް އޮނާނެ އިހުތިޔާރަކީ އޭނާ ޖަލަށް ފޮނުވަންވީތޯ ނޫނީ ބަހައްޓަންވީތޯ ނިންމުމުގެ އިހތިޔާރެކެވެ. އެެހެން އެއްވެސް ތާކަށް ލުމުގެ އިހުތިޔާރެއް ނޯވެއެވެ. އެހެން ކަމުން ފަނޑިޔާރުންގެ ރޯލް ކުޑަވެފައި މޮނިކޮންގައި ބާރު ގަދަވެފައި އޮންނާނީ ހޯމް މިނިސްޓަރުގެ އެވެ. މޮނިކޮން ރަނގަޅަށް ހިންގައިފިނަމަ ގޭންގްތައް ފުނޑުފުނޑުވަނީ މިހެން ވީމެވެ. އަދި ގޯހުން ހިނގައިފިނަމަ ރާއްޖޭގެ ސިސްޓަމް މަޅި އަރައި އެތައް ކަމެއް ގޯހަށް ބަދަލުވާނީ ވެސް މި ސަބަބައްޓަކަ އެވެ. މާނަ އޮޅުވާ ނުލާށެވެ. ފަނޑިޔާރެއްގެ ވިރާސީ ބާރެއް ނުގެއްލެ އެވެ.

"މި ޓެގް އެޅުވިދާނެ ކޮންމެ މީހެއްގެ ފައިގާވެސް. އެކަމަކު އެކްސްޓްރާ ބާރު ޖަމާކޮށް އެކެއްގެ އަތަށް ދޭނަމަ އެ ބާރު ބޭނުން ކުރަންޖެހޭނީ ވިސްނުންތެރިކަމާއެކު އިންސާފުން ނެއްޓި އެ ބާރު ބޭނުންކޮށްފިއްޔާ ބާރާމެދު މީހުން ދެކޭ ގޮތް ބަދަލުވެ ބާރު ވެސް ގެއްލިގެންދާނެ" އުމަރު ވިދާޅުވި އެވެ.

މިސާލަކަށް ސިންގަޕޫރުގައި ތުހުމަތެއް ވެއްޖެނަމަ ކޯޓް އަމުުރަކާ ނުލައި ހޯމް މިނިސްޓަރުގެ އެންގުމަށް ހައްޔަރުކޮށް ދެ އަހަރު ދުވަހު ޖަލުގައި ބެހެއްޓެ އެވެ. އެކަމަކު މިއަދާ ހަމައަށް ސިޔާސީ މީހަކު އެ ބާރުގެ ދަށުން ޖަލަކަށް ނުލަ އެވެ. ސިންގަޕޫރުގައި އެ ބާރަކީ ކްރިމިނަލުންނާ ފައިޓް ކުރާ ވަރުގަދަ ބާރެއްގެ ގޮތުގައި ދެމި އޮތުމުގެ ސިއްރަކީ އެބިއުޒް ނުކޮށް ރަނގަޅު ތަނުގައި ބޭނުން ކުރަމުންދިއުމެވެ. މީގެ މާނައަކީ ރާއްޖޭގައި މޮނިކޮށް އޯޑަރުތައް ވެސް ދާންޖެހޭނީ ނުރައްކާތެރި ގޭންތަކުގެ ލީޑަރުންނާ ދިމާއަށެވެ. ނޭޝަނަލް ސެކިއުރިޓީގެ ބޭނުމަށެވެ.

އުމަރު ނަސީރު ނޫނަސް ކުރިޔަށް އޮތްތާނގައި ހޯމް މިނިސްޓަރުކަން ކުރައްވާނެ ބޭފުޅުންނަަށް މި ބާރުތައް ލިބެގެންދާއިރު ބާރު އެބިއުޒް ކޮށްފިނަމަ ރާއްޖެއަށް އޮތް ނަތީޖާ ރަނގަޅު ނުވެދާނެ އެވެ. ސިޔާސީ ބޭނުމަކަށް ނޫނީ ޒާތީ ކަމެއްގައި މީހަކަށް ހަސަދަ ފިލުވައިލަން ބޭނުން ހިފައިފިނަމަ ނުރައްކާތެރި ހާލަތު ރާއްޖެއަށް އަންނާނެ އެވެ. އެ ދަރަޖައަށް ދާނެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ވޮލިއުމް ކުޑަވުމެވެ.

މޮނިކޮމް އިން އިންގިލާބީ ބަދަލެއް ގެނެސްދޭ!

މޮނިކޮން ނިޒާމަކީ ކްރައިމް އަދި ކްރިމިނަލުންނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އިންގިލާބީ ބަދަލެއް ގެނެސްދޭ ނިޒާމެކެވެ. އެހެން ކަމުން މިއީ ރާއްޖެއަށް ބޭނުން ހެޔޮ ބަދަލެކެވެ. އަދި ރާއްޖެއަކީ މި ނިޒާމް އެޕްލައި ކުރާ މި ސަރަހައްދުގެ ފުރަތަމަ ގައުމެވެ. ދުނިޔޭގައި ވެސް މި ނިޒާމް އަދި އެޕްލައި ކުރަނީ ފްރާންސާއި އިނގިރޭސި ވިލާތްފަދަ މަދު ގައުމުތަކެއްގަ އެވެ.

ކުށްވެރިޔަކާ ދޭތެރޭގައި އޮންނަ ތޮބީއީ ހަމައަކީ ނުވަތަ ދެ "އެންޑް" އަކީ ހައްޔަރު ކުރުން ނޫނީ ދޫކޮށްލުމެވެ. ހައްޔަރުގައި ހިމެނެނީ ބަންދު ކުރުމާއި ޖަލަށްލުމެވެ. ދޫކޮށްލީމާ އޭނާ ވީއްލުނީ އެވެ. އެއާ ހިލާފަށް މޮނިކޮން އިން ގެނެސްދެނީ ދޭތެރޭ މެދަށް އެމީހާ ގެންގޮސްދޭ ނިޒާމެކެވެ. މުޅިން ހައްޔަރެއް ވެސް ނުކުރެއެވެ. މުޅިން ދުލެއް ވެސް ނުކުރެ އެވެ. އޭގެ ބަދަލުގައި ކޮންޓްރޯލް ކޮށްލަނީ އެވެ. މި އުސޫލަކީ ދުނިޔޭގައި ކްރައިމްއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޮޑު ބަދަލެއް ގެންނަ ފައްކާވެފައިވާ ނިޒާމެކެވެ.

ރައީސް ޔާމީންގެ ސަރުކާރާއެކު މާލޭގެ އަމަން އަމާންކަން ވަނީ ކުރިޔަށްވުރެ ބޮޑުތަކުން ރަނގަޅު ކުރެވިފަ އެވެ. މޮނިކޮން އާއެކު އަދި އެއް އަހަރު ފަހުން ނޫނީ ދޮޅު އަހަރު ފަހުން މިހާރަށް ވުރެ ބޮޑުތަނުން ރަނގަޅުވާނެ އެވެ. އެއީ އެކަމަކު ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ އެވެ. އީދު ރޯދައަށް ކުޅު ހިފައި ކަތިލާހެން ހޯމް މިނިސްޓަރު މީހުން ގެ މައްޗަށް މޮނިކޮން ނުހިންގާ ރަނގަޅު ދިމާއަށް ހިންގާނަމަ އެވެ.

އޮޕަރޭޓްވަމުންދާ ގޭންގްތައް ރަނގަޅަށް ޑިސްމެންޓަލް ކޮށްލުމަށް އަބަދުވެސް ދެތިން އަހަރު ނަގާނެ އެވެ. އެކަން ބަރޯސާވެ އޮންނާނީ އަހުލުވެރިވެ ގާނޫނަށް އެޖެސްޓްމެންޓައް ގެންނަން ޖެހުމުގެ ފުރުސަތު އޮތުމާއި ޖުޑީޝަލް ސިސްޓަމް ރިއެކްޓް ކުރާ ގޮތާއި ޑިފެންސް ލޯޔަރުން ދާ މަގާއި ޕާލަމެންޓް ހަދާ ގޮތަކާއި ކޮމިޝަންތަކުން ފާރަވެރިވާ މިންވަރެއްގެ މައްޗަށެވެ. އެ ދިމަ ދިމާއިން ކަންކަން ކުރާ ގޮތަކުން ނިޒާމަށް މަޅި އަރައި ކުނިވެސް ޖެހިދާނެ އެވެ. އެކަމަކު ރަނގަޅަށް ހިންގާލެވިއްޖެ ނަމަ މުޅި ކްރައިމް ސައިޓް ބަންޑުން ޖަހާލައި ގޭންގް ލީޑަރުން އުމުރަށް ތަޅުގައި އެޅުވޭނެ އެވެ. އަނެއްކޮޅަށް ޖަހައިފިނަމަ މުޅި ސިސްޓަމްގައި ރެނދު އަޅުވާލާނެ އެވެ.